Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު

އަގުހުރި ހިދުމަތްތެރިޔާ މުހައްމައިދީ އަވަހާރަވެއްޖެ

ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި މުޙައްމަދު އިބްރާހީމްދީދީ އަވަހާރަވެއްޖެ އެވެ.

އައްޑޫ ސިޓީގެ ހިތަދޫ އަށް ނިސްބަތްވެވަޑައިގަންނަވާ މުހައްމަދު އިބްރާހިމް ދީދީ (ތުއްބީގެ މުހައްމާދީ) އުމުރުފުޅުން 86 އަހަރުގައި އަވަހާރަވީ މިރޭ ދަންވަރުގެ ވަގުތެއްގައި ހިތަދޫ އަށެވެ.

މުހައްމަދު އިބްރާހިމް ދީދީ އަކީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އަދި ސިފައިންގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީގެ ބައްޕާފުޅެވެ.

މަދްރަސަތުއްސަނިއްޔާ އިން ތަޢުލީމު ހާސިލުކުރެއްވި މުޙައްމަދު އިބްރާހީމްދީދީ އަކީ، އައްޑޫގެ ތަރައްޤީއަށް، ޚާއްޞަކޮށް ހިތަދޫގެ ތަރައްޤީއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. 1964 ވަނަ އަހަރުގެ ޖޫންމަހުގެ 13 ވަނަ ދުވަހު ހިތަދޫ ކުޑަކަތީބުގެ މަގާމާ ހަވާލުވެވަޑައިގެން ސަރުކާރު ޚިދުމަތަށް ނުކުމެވަޑައިގެންނެވީ މުޙައްމަދު އިބްރާހީމްދީދީގެ ޒުވާން އުމުރުފުޅުގަ އެވެ. އެގޮތުން ހިތަދޫ ގައުކެޑިއާއި ހަންކެޑެ ގުޅައިލުމަށް އެޅުއްވި ފާލަމަކީ، ކުޑަކަތީބުގެ މަގާމުގައި ހުންނަވައިގެން، މުޙައްމަދު އިބްރާހީމްދީދީގެ ސީދާ ބެއްލެވުމާއި ބައިވެރިވެވަޑައިގަތުން އޮވެގެން ކުރެއްވި އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތެވެ.

މުޙައްމަދު އިބްރާހީމްދީދީއަކީ، ހިތަދޫ ކަތީބުކަމާއި، ހިތަދޫ ބޮޑުކަތީބުކަމާއި، އަތޮޅުވެރިޔާގެ އެހީތެރިކަމާއި، އައްޑޫގެ އަތޮޅުވެރިކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އޭގެ ފަހުން، ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާކަމާއި، ރާއްޖެތެރޭގެ ވަކީލުކަމުގެ މަގާމުވެސް އަދާކުރެއްވި އެވެ.

އައްޑޫގައި ސަރުކާރުން އޭރު ހިންގެވި ޢުމްރާނީ، އިޤްތިޞާދީ، ތަޢުލީމީ މަޝްރޫޢުތަކުގެ ކަންތައްތައް ބެލެހެއްޓެވުމުގައި މުޙައްމަދު އިބްރާހީމްދީދީ ބައިވެރިވެވަޑައިގެންނެވި އެވެ. ހިތަދޫ ބޮޑުކަތީބުކަމުގައި ހުންނެވިއިރު، ހިތަދޫގައި ޤާއިމު ކުރެވުނު ސ.އަތޮޅު ތަޢުލީމީ މަރުކަޒު ބިނާކުރެވިގެން ދިޔައީ، މުޙައްމަދު އިބްރާހީމްދީދީގެ މިންނެތް މަސައްކަތްޕުޅުންނެވެ. އަދި އައްޑޫ ސަދަން ސެކަންޑްރީ ސްކޫލް ބިނާކުރެވުނީވެސް، މުޙައްމަދު އިބްރާހީމްދީދީގެ އަތޮޅުވެރިކަމުގަ އެވެ.

ސަރުކާރުން ހުޅުމީދޫގައި ޤާއިމުކުރެއްވި ޞިއްޙީ މަރުކަޒު ބިނާކުރެއްވުމުގައްޔާއި، އައްޑޫގެ ރަށްރަށް ސާފުތާހިރުކޮށް ބޭއްވުމުގެގޮތުން ސާފުކުރުމުގެ ޕްރޮގްރާމްތައް ހިންގެވުމާއި، ރަށްގިރުމުގެ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމާއި، ރަށްރަށް ފެހިކުރުމުގެގޮތުންނާއި، ހުސްބިންތަކުގައި ރުއްގަސް އިންދުމާއި، އައްޑޫގެ ބޮޑެތި ރަށްރަށުގެ މަގުތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް ހިންގެވުންފަދަ ކަންތައްތަކަކީ، މުޙައްމަދު އިބްރާހީމްދީދީ އިސްނަންގަވައިގެން ކުރެއްވި މަސައްކަތްތަކެވެ. ދަތުރުފަތުރުގެ ފަސޭހައަށް، ގަމާއި، ފޭދޫ އެއްގަމުން ގުޅާލުމުގެ މަސައްކަތާއި، ރަށްރަށުގައި ކުޅިވަރުތައް ކުޅުމުގެ އިންތިޒާމުތަކާއި، ދަނޑުވެރިކަން ކުރެވޭނޭ އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމުގައިވެސް، މުޙައްމަދު އިބްރާހީމްދީދީ އިސް ދައުރެއް އަދާކުރެއްވި އެވެ.

މުޙައްމަދު އިބްރާހީމްދީދީ، ދައުލަތުގެ ޚިދުމަތުން ވަކިވެވަޑައިގެންނެވީ، 43 އަހަރަށްވުރެ ގިނަދުވަހު، އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވައިފަ އެވެ. މުހައްމަދު އިބްރާހިމް ދީދީ އަށް ވަނީ 2021 ވަނަ އަހަރު ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގަންފަ އެވެ.