Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ދަރިވަރުންނަކީ މުޖުތަމައަށް މުހިންމު ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރޭ

ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް- ފޮޓޯ: ރައީސް އޮފީސް

ދަރިވަރުންނަކީ މުޖުތަމައަށް މުހިންމު ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށް ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް އިލްތިމާސްކުރައްވައިފިއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ ދުވަހުގެ ތަހުނިޔާ ދަރިވަރުންނަށާއި، މުދައްރިސުންނަށް އަރިސްކޮށްފައެވެ.

ނައިބުރައީސް ވަނީ އާ އަޒުމަކާއެކު އިތުރު ކުރިއެރުން ހާސިލް ކުރުމަށް ދަރިވަރުންނަށް ހިތްވަރުދެއްވާ ކަމަށެވެ. ސްކޫލާއި، ދިރިއުޅޭ ވެއްޓަކީ ދަރިވަރުންގެ ތައުލީމާއި ތަރުބިއްޔަތާއި ގުޅިފައިވާ މުހިންމު ދެ މާހައުލުކަންވެސް ނައިބުރައީސް ފާހަގަކުރެއްވިއެވެ.

"އެހެންކަމުން ކޮންމެ ދަރިވަރަކީވެސް މުޖުތަމައަށް މުހިންމު ދަރިވަރެއްގެ ގޮތުގައި ބިނާ ކުރުމަށް މުދައްރިސުންނާއި ބެލެނިވެރިންގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް އިލްތިމާސް ކުރަން." ނައިބުރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައިވެސް މިއަދު ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާފައެވެ.

އެހެންނަމަވެސް މި ދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވެފައިވުމުން ފުރަތަމަ ތިން ދުވަހު ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ގިނަ ވެގެން ތިން ގަޑިއިރުއެވެ.