Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ދަށު ކޯޓުތަކުގެ ފަނޑިޔާރުން ގައުން ލާންޖެހޭ ގޮތަށް ހަދައިފި

ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި ގައުން ލާންޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.

ސުޕްރީމް ކޯޓުން އާންމު ކޮށްފައިވާ "ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީޢަތުގެ މަޖިލީހުގައި ހެދުން އެޅުމުގެ އުޞޫލު"ގައި ބަޔާން ކޮށްފައިވަނީ، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ޝަރީއަތުގެ މަޖިލީހުގެ ޑްރެސް ކޯޑަކީ ގައުން ކަމަށެވެ.

ދަށު ކޯޓުގެ ފަނޑިޔާރުން ޝަރީއަތުގައި ލާނެ ގައުންގެ ނަމޫނާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ތައްޔާރުކޮށް އާންމު ކުރަންވާނެ ކަމަށްވެސް ބަޔާން ކޮށްފައިވެއެވެ. އަދި މި އުސޫލަށް އަމަލުކުރަން ފަށާތާ 4 މަސް ދުވަހުގެ ތެރޭގައި ގައުން ފޯރުކޮށްދޭންވާނެ ކަމަށްވެސް ބަޔާން ކޮށްފައިވެއެވެ.

މި އުސޫލުގައި ބުނެފައިވަނީ 2024 އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެން ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީޢަތްކުރާއިރު ތިބެންވާނީ ގައުން ލައިގެން ކަމަށެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ދަށު ކޯޓުތައް ދެ ބަޔަކަށް ބަހާފައިވެއެވެ. އެއީ މަތީ ގިންތީގެ ކޯޓުތަކުގެ ގޮތުގައި ބަލާ ކްރިމިނަލް ކޯޓު، ސިވިލް ކޯޓު، ޑްރަގް ކޯޓު، ފެމިލީ ކޯޓު އަދި ޖުވެނައިލް ކޯޓެވެ. ދަށު ކޯޓުތަކުގެ ތެރެއިން ތިރީ ގިންތީގެ ކޯޓަކީ މެޖިސްޓްރޭޓް ކޯޓުތަކެވެ.