Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

އިޒްރޭލު ޕާސްޕޯޓް މަނާކުރާ އިސްލާހު 241 ކޮމިޓީއަށް ފޮނުވަން ހުށަހަޅައިފި

މެންބަރު އިބްރާހިމް ފަލާހް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އައުން މަނާކުރަން އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް ހުށަހަޅުއްވައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އިސްލާހު ހުށަހަޅާފައިވަނީ އިމިގްރޭޝަންގެ ގާނޫނަށެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި އިސްލާހުގެ ބަހުސް ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ބަހުސްގެ ވަގުތުގައި ވާހަކަ ދައްކަވަމުން މެންބަރު ފަލާހް ވަނީ އެމްޑީޕީގެ ސަރުކާރުން އަދި އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުން އިޒްރޭލުގެ ޕާސްޕޯޓް މަނާނުކުރި ސަބަބާ މެދު ސުވާލު އުފައްދަވާފައެވެ. މީގެއިތުރުން ފަލާހް ވަނީ މި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅައިގެން ދިރާސާ ކުރުމަށް ހުށަހަޅާފައެވެ. ފަލާހުގެ މި ހުށަހެޅުމަށް މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވެސް ވަނީ ތާއީދު ކުރައްވާފައެވެ.

މީކާއިލް އިސްލާހު ހުށަހަޅާފައިވަނީ އިމިގްރޭޝަން ޤާނޫނުގެ 8 ވަނަ މާއްދާ "ރާއްޖެ އެތެރެވުމުގެ ހުއްދަނެތް މީހުން" މި މާއްދާއަށެވެ. މީކާއިލް ހުށަހަޅާފައިވަނީ އިޒްރޭލުގެ ޕާސްޕޯޓް ގެންގުޅޭ މީހުން އަދި އިޒްރޭލުގެ ޕާސްޕޯޓުގެ އިތުރަށް އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ މީހުންވެސް ރާއްޖެ އެތެރެވުން މަނާކުރުމަށެވެ.

މިފަދަ އިސްލާހެއް ހުށަހަޅާފައިވާއިރު، އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ވެސް ވަނީ ނިންމާފައެވެ.