Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

ޖިންނި ޝައިތާނުންގެ ސިފަ ޖައްސައިގެން އީދު ފާހަގަކުރުން ހުއްދަ ނުވާނެ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ޖިންނި ޝައިތާނުންގެ ސިފަ ޖައްސައިގެން ތިބެ އީދު ފާހަގަކުރުން ހުއްދަ ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމް ދީނާކީ މާތް ﷲ ދިވެހިންނަށް ދަރުމަކުރެއްވި އެންމެ މަތިވެރި ނިއުމަތް ކަމަށާއި، އިސްލާމީ ހިދާޔަތުގެ މަގަށް ރާއްޖެ ބަދަލުވި ދުވަހުން ފެށިގެން މިރާއްޖޭގެ ސަޤާފަތަކީ އިސްލާމީ ސަޤާފަތް ކަމަށެވެ.

ސަޤާފަތުގެ ނަމުގައި ޚުރާފީ ކަންކަން ދިރުވުމަކީ ހަމަޖެހޭ ކަމެއް ނޫންކަން ފާހަގަކުރައްވާ މިނިިސްޓަރު ޝަހީމް ވިދާޅުވީ އެފަދަ އެއްވެސް ކަމަކަށް ވާގިވެރިވެގެން ނުވާނެ ކަމަށެވެ.

"ޖިންނި ޝައިތާނުންގެ ސިފަ ޖައްސައިގެން ތިބެ މާތްވެގެންވާ އިސްލާމީ އީދު ފާހަގަކުރުން ޝަރުއީ ގޮތުން ހުއްދައެއް ނުވާނެ. އިސްލާމީ ޢީދުތައް ފާހަގަކުރަންވާނީ އިސްލާމީ ސަޤާފަތާއެއްގޮތައް. ދިވެހިންގެ ސަޤާފަތެއްކަމުގައި ބެލެވޭނީ އިސްލާމީ އުޞޫލުތަކާ އެއްގޮތްކަންކަން. އެނޫންކަންކަމަކީ ޚުރާފީ ބާޠިލްކަންކަން."

މިނިސްޓަރު ޝަހީމް ވިދާޅުވީ ކުޅިވަރުކުޅުމާއި އުފާ ފާޅުކުރުމަކީ އީދުގައި އޮންނަންޖެހޭނެ ކަމެއް ކަމަށެވެ. އަދި މިކަންކަން އޮންނަންވާނީ އިސްލާމީ ހިދާޔަތުގެ ތެރޭގައި ކަމަށާއި އިސްލާމީ ހިދާޔަތުގެ ތެރޭގައި ދެމި ތިބުމަށް ހެޔޮ ދުޢާކޮށް އެކަމުގައި ސާބިތުވާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.