Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ކުއްލި މައްސަލަ ހުށަހެޅިނަމަވެސް މެންބަރު ހާޒިރު ނުވާތީ ކުރިއަށް ނުގެންދެވުނު

މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުއްވިނަމަވެސް ޖަލްސާ ފެށުނުއިރުވެސް މެންބަރު ހާޒިރުވެވަޑައިގެން ނެތުމުން ކުއްލި މައްސަލަ ކުރިއަށް ނުގެންދެވުނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވާ ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައެއް މަޖިލީހަށް ލިބިފައިވާ ކަމަށެވެ. އެ ކުއްލި މައްސަލަ ހުށަހެޅުމުގެ ފުރުސަތު މެންބަރަށް އެރުވި ނަމަވެސް މެންބަރު ތަޅުމަށް ހާޒިރުވެ ނެތުމުން ކުއްލި މައްސަލަ ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

"ކުއްލި މައްސަލަ ހުށަހެޅުއްވި މެންބަރު ތަޅުމުގައި ވަޑައިގެންނެތީމަ، މިވަގުތު ކުއްލި މައްސަލަޔައިގެން ކުރިއަށް ދެވޭކަށް ނެތް." މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ބޮޑަށް ބެލެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހަޅާފައިވަނީ، އައްޑޫގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖާ ގުޅޭގޮތުންނެވެ. އެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅާނެކަން އެމްޑީޕީން އިއްޔެ ވަނީ ހާމަކޮށްފައެވެ.

ފާއިތުވި ދެ މަހާއި 17 ދުވަހު ކިރުވި މަހަށް ލިބެންވާ ފައިސާ ނުލިބިގެން އައްޑޫ މަސްވެރިން ހުކުރު ދުވަހުން ފެށިގެން ހުޅުމީދޫގައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އައްޑޫ މަސްވެރިން ބުނަމުން އަންނަނީ އެ މީހުންނަށް ލިބެން ފައިސާ ނުދެނީސް މުޒާހަރާ ހުއްޓައި ނުލާނެ ކަމަށެވެ. މި މުޒާރަހާގެ ތެރޭގައި މަސްވެރިން ވަނީ ފިޝަރީޒް ކޮމްޕްލެކްގެ އޮޕަރޭޝަން ވެސް ހުއްޓުވައިފައެވެ.