ރާއްޖެ އިން ހައްޖަށްދާ މީހުން ގެއްލިުހގެން ހޯދަން ޖެހޭ ހާލަތްތަކުގައި މި ފަހުން ބޭނުން ކުރަން ފެށި ޓްރެކިން ޑިވައިސް އުމްރާ ދަތުރުތަކުގައި ވެސް ބޭނުން ކުރަން ނިންމާފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.
އެ ކުންފުނިން ބުނީ އެ ޑިވައިސް އެންމެ ފުރަތަމަ ބޭނުން ކުރާނީ މި މަހު ބާއްވާ އުމްރާ ދަތުރުގައި ކަމަށެވެ. އެ ދަތުރުގައި 800 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ އެވެ.
މިކަމާ ގުޅޭ ގޮތުން ހައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝަރީފް ވިދާޅުވީ މުޅިން އަލަށް މި އަހަރުގެ ހައްޖު ދަތުރުގައި ޓްރެކިން ޑިވައިސް ބޭނުންކުރުމުން އޭގެ ނަތީޖާ ފެނުނީ ވަރަށް ރަނގަޅަށް ކަމަށެވެ. އެގޮތުން ގެއްލޭ މީހުން ހޯދުން ވަރަށް ބޮޑަށް އަވަސްކުރެވި، ގިނަ ވަގުތުތަކެއް ސަލާމަތްވެފައިވާ ކަމަށް ވިދާޅުވި އެވެ.

އެހެންވެ އެ ތަޖުރިބާވެ މައްޗަށް އުމްރާ ދަތުރުތަކުގައި ވެސް ޓްރެކިން ޑިވައިސް އުމްރާވެރިން ބޭނުން ކުރުމަކީ ވަރަށް ރަނގަޅު ފިޔަވަޅަކަށް ވާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.
"އެހެންވީމަ މި ފަހަރުގެ ޑިސެންބަރުގައި ވަރަށް ގިނަ މީހުން ގޮވައިގެން އަޅުގަނޑުމެން މިދަނީ. އަށްސަތޭކައެއްހާ މީހުން ގޮވައިގެން އުމްރާއަށްދާތީ އަޅުގަނޑުމެން ނިންމީ އެމީހުންނަށް ވެސް ކޮންމެ މީހަކަށް އޭގެ ޓެގެއް އަޅުވަން،" އޭނަ ވިދާޅުވި އެވެ. "މިއީ އަޅުގަނޑުމެން ރާއްޖޭން އުމްރާއަށް ދާ މީހުންގެ ޓެގެއް އަޅުވާ ފުރަތަމަ ފަހަރު."