ރާއްޖޭގެ ޖަލުތަކުގެ އުމްރާނީ ހާލަތު އެހާ ރަނގަޅު ނޫން ކަމަށާއި ނަމަވެސް ފާއިތުވި އެއް އަހަރުގެ ތެރޭގައި ގައިދީންނަށް ޖަލުތަކުގައި ފޯރުކޮށް ދޭން ޖެހޭ ޚިދުމަތްތައް ރަނގަޅު ކުރުމުގެ މަސައްކަތްކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
އޭނަ ވިދާޅުވީ ރާއްޖޭގެ ޖަލުތަކަކީ ސީދާ ޖަލުތަކެއްގެ ގޮތުޔގައި ޑިޒައިންކޮށްގެން ހެދިފައި ހުރި ތަންތަނެއް ނޫން ކަމަށެވެ. އެގޮތުން މާފުށީ ޖަލަކީ އެސްޓިއޯ އިން ކުރިން މަސްފެކްޓްރީއެއްގެ ގޮތުގައި ބޭނުންކުރި ތަނެއް ކަމަށެވެ. އެހެންވެ އި ޤައީދިންނަށް ޚާއްސަކޮށްގެން ޖަލުތަކެއް ނެތުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދިނުމުގައި ދަތިތަކެއް ހުރި ކަމަށް ޒަރީރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މި ސަރުކާތު ވެރިކަމަށް އައި އިރު ވެސް ޖަލުތަކުގެ ހާލަތު ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އަދި ފާއިތުވި އެއް އަހަރުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދެވުނީ ޤައިދީންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތް ރަނގަޅު ކުރުމާއި ތަނަށް ގެންނަށް ޖެހޭ ބަދަލުތައް ގެނައުމަށް ކަމަށް ވިދާޅުވި އެވެ.

"އެގޮތުން އެކި ބާވަތުގެ 68 ރެނޮވޭޓިވްގެ މަސައްކަތްތަކެއް އަޅުގަނޑުމެން ކޮށްފަ އިވާނެ. އޭގެ އިތުރުން މުހިންމު މަސައްކަތެއްގެ ގޮތުގައި ހިންމަފުށީގައި 200 ވަރަކަށް މީހުންގެ ޖާގައިގެ މިސްކިތެއް ހުޅުވިއްޖެ،" ޒަރީރު ވިދާޅުވި އެވެ. "މިއީ ތާރީޚުގައި ފުރަތަމަ ފަހަރަށް މިސްކިތެއް މި ހުޅުވުނީ ވެސް. އަދި ސެކިއުރިޓީ ބައުންޑްރީ ފާރެއް ރާނާ ނިންމުންވެސް ހިމެނޭ. މިއީ ބާރަހާސް އަކަ ފޫޓުގެ ފާރެއް."
އޭނަ ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އަމިއްލަ އޮފީހެއް ފާއިތުވި 53 އަހަރު ދުވަހުގެ ތެރޭގައި ނެތް ނަމަވެސް ރައީސް ޑރ. މުޢިއްޒުގެ ޚާއްސަ އިމްތިޔާޒެއްގެ ދަށުން އޮފީހެއް ގާއިމްކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ކުރިއަށް ވުރެ މިހާރު ޖަލުތަކުގެ ސެކިއުރިޓީ ވެސް ވަރުގަދަ ވާނެ ކަމަށް ޒަރީރު ވިދާޅުވި އެވެ.