Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

އައްޑޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ބަލައިފި

އައްޑޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށްދާ ގޮތަށް އިސްލާމިކް މިނިސްޓްރީގެ ޓީމަކުން މިއަދު ބަލައިފި އެވެ.

އެ ޓީމްގައި އިސްކޮށް ހުންނެވީ މާލޭގެ އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝެއިހް މުހައްމަދު ލަތީީފެވެ. އައްޑޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށްދާ ގޮތަށް މިނިސްޓްރީގެ ޓީމަކުން މި ބެލީ އައްޑޫގެ އިމާމުން ތާޒާ ކުރަން މި ހަފުތާގައި ބޭއްވި ޕްރޮގްރާމަށް ކުރި ދަތުރުގެ ތެރެއިންނެވެ.

މިއަދު ހެނދުނު އެ މަސައްކަތް ކުރިއަށްދާ ސައިޓަށް މިނިސްޓްރީގެ ޓީމް ވަޑައިގެން އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތާއި، މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތަކާއި ކުރިއަށް ހުރި މަސައްކަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރި އެވެ.

އައްޑޫ އިސްލާމީ މަރުކަޒު ބިނާކުރަނީ ހިތަދޫގަ އެވެ. އެތަން ބިނާކުރަނީ ހިތަދޫގައި ކުރިން ޕޮލިސް ޓްރެއިނިން ސްކޫލް ހުރި ތަނުގަ އެވެ.

އައްޑޫ އިސްލާމީ މަރުކަޒުގެ ކޮންޓްރެކްޓަރަކީ ފެޑޯ ޕްރައިވެޓް ލިމިޓެވެ. އެ ކުންފުންޏާ އެ މަޝްރޫއު ހަވާލުކުރީ މިދިޔަ އަހަރުގެ މާޗް 24 ގަ އެވެ. އަދި އިސްލާމީ މަރުކަޒުގެ ބިންގާ އެޅީ މިދިޔަ އަހަރުގެ ޖުލައި 26 ގަ އެވެ. މިއީ 55.52 މިލިއަންގެ މަޝްރޫޢުއެކެވެ.

ދެ ފަންގިފިލާ ހިމެނޭ އިސްލާމީ މަރުކަޒު އިމާރާތުގައި 1،500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި ހަތަރު ކްލާސްރޫމާއި ދެ ސެމިނަ ރޫމްގެ އިތުރުން އިދާރީ އޮފީހާއި އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީ ހިމެނޭނެ އެވެ.

އިސް،ލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އަމާޒަކީ އެތަނުގެ މަސައްކަތް އަންނަ އަހަރުގެ ޖޫން އަށް ނިންމުމެވެ.