ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުން ފުލުހުންގެ މައްޗަށް މަތިކުރެވިފައިވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެކުލަވައިލާފައިވާ، މާލެ ސިޓީގެ ޖޮއިންޓް އޭޖެންސީ ޓީމުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި އެވެ.
އިއްޔެ އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ބައްދަލުވުމަކީ ފުލުހުންގެ ފަރާތުން ފޯރުކޮށް ދެމުން އަންނަ ޚިދުމަތް ކޮމިއުނިޓީ ފަލްސަފާއާ އެއްގޮތަށް ފޯރުކޮށް ދިނުމަށްޓަކައި ރައްޔިތުންނާއި، ކައުންސިލުތަކާއި، މަދަނީ ޖަމުއިއްޔާތަކާއ ދައުލަތުގެ މުއައްސަސާތަކުގެ ބައިވެރިވުމާއެކު ފޯރުކޮށް ދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.
އެ ބައްދަލުވުމުގައި މާލެ ޕޮލިސް ހެޑް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އާސިމް އަބްދުﷲ އާއި މާލެ ޕޮލިސްގެ އެކި ބަހާތަކުގެ އިސްވެރިންގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ބައްދަލުވުމުގައި މާލެ ތެރޭގައި ހިނގާ ނޭދެވޭ ކަންތައްތައް ހައްލު ކުރުމާއި އިތުރަށް ހައްލު ކުރަން ޖެހޭ މައްސަލަތައް ދެނެގަނެ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން އެކަންކަން ހައްލު ކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފައިވެ އެވެ. އަދި މުޖުތަމައުގައި ހުރި ކަންބޮޑުވުންތަކާއި އެ ކަންކަން ހައްލުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލު ކުރުމަށް ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި އެވެ.
މީގެ އިތުރުން، ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބިދޭސީންގެ މައްސަލަތައް ހައްލުކޮށް މިހާރަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރުމަށް މަޝްވަރާކޮށް، ފުލުހުންނާއި އިދާރާތަކުން ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ފަސޭހަކުރުުމުގެ ގޮތުން ކޮންމެ އިދާރާއަކުން ވެސް ހާއްސަ ފޯކަލް ޕޮއިންޓެއް ވެސް ކަނޑައަޅާފައިވެ އެވެ.
ފުލުހުން ބުނީ މި ބައްދަލުވުންތައް ސިލްސިލާކޮށް ކުރިއަށް ދާނެ ކަމަށެވެ.