ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ހުރިހާ ވައުދެއްގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ފަށްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އއ. ތޮއްޑޫ ރައްޔިތުންނާ އެކީ މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މި އަހަރު ރާއްޖޭގައި ތަރައްގީތައް ކުރިއަށް ނުގެންދެވުނީ އެމްޑީޕީ ސަރުކާރުން ފާސްކޮށް ދިން ދަތި ބަޖެޓާ ހެދި ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ހުރިހާ ކަމެއްގެ އަމަލީ މަސައްކަތް ފަށްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ދެހާސް ފަންސަވީހާއި ދެހާއް ސައްބީސް ވެގެންދާނީ އަޅުގަނޑު ރަށްރަށަށް ގޮސް ރިޔާސީ އިންތިހާބުގައި ވެފައި ހުރި ވައުދުތައް ފުއްދުމަށްޓަކައި އަމަލީ ގޮތުން އެ މަސައްކަތްތައް ހިންގައިދޭނެ އަހަރަށް." ރައީސް ވިދާޅުވި އެވެ. "މި އަންނަ އަހަރު ކުރީކޮޅު، ޖެނުއަރީން ފެށިގެން ޑިސެމްބަރާ ހަމައަށް އަދި 2026، މި 24 މަސް، މި ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ބަހާލެވިގެން ވަކި ތަރުތީބެއްގެ ތެރެއިން އަޅުގަނޑު ވެފައި ހުރި ހުރިހާ ވައުދެއް، އެއީ ބަނދަރު، މަގު، ބިން ހިއްކުން، ސްކޫލް، ހޮސްޕިޓަލް، ކިޔާނެ ކަމެއް ނެތް ކުޅިވަރާ ބެހޭ ކަންކަން، ތަރުތީބެއްގެ ތެރެއިން އިރާދަކުރެއްވިއްޔާ އަމަލީ ގޮތުން އަޅުގަނޑުމެން މަސައްކަތްތައް ފަށައި އަދި އެކި މަޝްރޫއުތައް ނިމެމުން ވެސް ދާނެ، އެހެންވީމާ ތާވަލު ކުރެވިގެން ތަރުތީބެއްގެ ތެރެއިން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނަން."
ރައީސް ވިދާޅުވީ އަންނަ އަހަރަށް ފާސްކޮށްފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި އެން މެ ބޮޑު އިސްކަމެއް ދީފައިވާނެ އެއް ކަމަކަށް އޮންނާނީ ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި މަގު ހެދުމުގެ މަޝްރޫއުތައް ކަމަށެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ވެވަޑައިގަތް ވައުދުތައް ފޮތެއްގެ ސިފައިގައި ވެސް ނެރެފައިވެ އެވެ. އެގޮތުން މުޅި ރާއްޖެ އަށް ގިނަ ވައުދުތަކެއްވެވަޑައިގެންފައިވެ އެވެ.