Last Updated: June 9, 20:11
Tuesday, June 9, 2026
ކުޅިވަރު

ސޯމާލިއާގެ ރެފްރީއަކަށް އެމެރިކާއަށް އެތެރެވާން ހުއްދަ ނުދިން

އަންނަ ބުރާސްފަތި ދުވަހުގެރޭ ފަށާ ފީފާ ވޯލްޑް ކަޕްގައި ރެފްރީކަން ކުރަން ހަމަޖެއްސި ސޯމާލިއާގެ ރެފްރީއަކަށް އެމެރިކާއިން އެތެރެވާން ހުއްދަ ނުދީ އަނބުރާ ފޮނުވާލައިފި އެވެ.

ސޯމާލިއާ އަށް ނިސްބަތްވާ އޮމަރް އާޓަން އަށް އެމެރިކާއަށް އެތެރެވާން ހުއްދަ ނުދިން ސަބަބެއް އެގައުމުގެ އިމިގްރޭޝަނާއި ބެހޭ އިދާރާއިން ހާމަކޮށްފައެއް ނުވެ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 12 ގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާކޮށް ގަރާރެއް ނެރުއްވާފަ އެވެ. އޭގެތެރޭގައި ސޯމާލިއާ ވެސް ހިމެނެ އެވެ.

އެފްރިކާގެ ފުޓްބޯޅަ ކޮންފެޑެރޭޝަން (ސީއޭއެފް) އިން މިދިޔަ އަހަރު ހޮވި އެންމެ މޮޅު ފިރިހެން ރެފްރީގެ މަގާމު ހޯދި އާޓާން އަކީ ވޯލްޑް ކަޕްގައި ރެފްރީކަން ކުރަން ހަމަޖެއްސި ސޯމާލިއާގެ ފުރަތަމަ ރެފްރީ އެވެ. އޭނާ އަކީ 2018 ވަނަ އަހަރުން ފެށިގެން ފީފާގެ ރެފްރީއެކެވެ.

ވޯލްޑް ކަމަށް ފީފާއިން 52 ރެފްރީއަކު ނަގާފައިވާއިރު، އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ކުރިއަށްދާ މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ 19 ގެ ނިޔަލަށެވެ.