ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލި އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ކުންފުނި، އެސްއެމްއީ ޑިޖިޓަލް އިން އައްޑޫގައި އައުޓްރީޗް ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
މިހާރު ހިންގަމުން އަންނަ ވިޔަފާރިތަކާއި އަލަށް ވިޔަފާރި ފަށަން ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން އެސްއެމްއީ އެންގޭޖްމަންޓްގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތް އޮންނާނީ މި މަހުގެ 13-18 އަށެވެ. މި ހަރަކާތުގެ ތެރޭގައި ވިޔަފާރިތަކަށް ބޭނުންވާ ތަފާތު ފަންނީ އެހީތެރިކަމާއި މާލީ އެހީތެރިކަން ފޯރުކޮށް ދިނުން ފަދަ ވިޔަފާރިއާ ގުޅުން ތަފާތު އެހީތައް ފޯރުކޮށް ދޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ބުންޏެވެ.
އައްޑޫގެ މި ހަރަކާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބިޒްނެސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އާ ވެސް ގުޅިގެންނެވެ. އެސްއެމްއީ ޑިޖިޓަލް އަކީ ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) ގެ ސަބްސިޑަރީއެކެވެ.
އެތަނުން މިހާރު އަންނަނީ އަތޮޅުތަކުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ފައިނޭންސިން އައިޓްރީޗް ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އެގޮތުން ދާދި ފަހުން ކުޅުދުއްފުށީގައި ވެސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވެ އެވެ.
އަންނަ ހަފުތާގައި އައްޑޫގައި އައުޓްރީޗް ޕްރޮގްރާމް ބާއްވަން ތާވަލުކޮށްފައިވާ އިރު، މާދަމާ އާއި އަނެއް ދުވަހު މި ޕްރޮގްރާމް ފުވައްމުލަކުގައި ކުރިއަށް ގެންދަން އަންނަނީ ތައްޔާރުވަމުންނެވެ.
މިދިޔަ މަހުގެ 13 އާއި 14 ގައި އިކޮނޮމިކް މިނިސްޓްރީން އައްޑޫގައި ކުރިއަށް ގެންދިޔަ "އައްޑޫ ބިޒްނަސް ޑައިލޮގް" ގައި ވެސް އެސްއެމްއީ ޑިޖިޓަލް ބައިވެރިވެ، އެތަނުން ދެމުން އަންނަ ހިދުމަތްތަކާ ބެހޭ މައުލޫމާތު ވަރަށް ފުޅާކޮށް ހިއްސާކޮށްފައިވެ އެވެ.