ބޮލީވުޑްގެ ބަތަލާ ޝްރަދާ ކަޕޫރްގެ އާ ފިލްމު 'އީތާ' މި އަހަރުގެ އޮގަސްޓްގައި ރިލީޒް ކުރާނެކަން އިއުލާންކޮށްފި އެވެ.
މި އަހަރުގެ ކުރީކޮޅުން ފެށިގެން ޝޫޓިން ކުރިއަށްދާ މި ފިލްމު ސިނަމާތަކަށް ދޫކޮށްލަން ތާވަލުކުރީ އޮގަސްޓް 28 އަށެވެ. އީތާ އަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް ލަކްޝްމަން އުޓޭކަރް ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނަ އަކީ ބޮލީވުޑްގެ މިދިޔަ އަހަރުގެ އެންމެ ބޮޑު ހިޓްތަކުގެ ތެރޭގައި ހިމެނޭ ތާރީހީ ހަނގުރާމަ ފިލްމު 'ޗާވާ' ގެނެސްދިން ޑައިރެކްޓަރެކެވެ.
ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް ހަދާ 'އީތާ' އިން ޝްރަދާއާ އެކު ފެންނާނެ ތަރިންގެ ތެރޭގައި ރަންދީޕޕް ހޫޑާ އާއި މުހައްމަދު ޒީޝާން އައްޔޫބް ހިމެނެ އެވެ.
މި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް މެޑޮކް އިން މިހާތަނަށް ހިއްސާކޮށްފައި ނުވާ އިރު، ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގައި ޝްރަދާ ކުޅެނީ އިންޑިއާގެ ކުރީގެ ކްލަސިކަލް ނެށުންތެރިއެއް ކަމަށްވާ ވިތަބާއީ ނަރަޔަންގާއޯންކަރްގެ ރޯލެވެ. އެގޮތުން ފިލްމު ގެނެސްދެނީ ޕީރިއަޑް ބައޮގްރަފިކަލް ޑްރާމާއެެއްގެ ގޮތުގަ އެވެ.
ޝްރަދާގެ އެންމެ ފަހުގެ ފިލްމަކީ މެޑޮކް ހޮރޯ-ކޮމެޑީ ޔުނިވާސް އަށް ނިސްބަތްބާ 'އިސްތިރީ' ގެ ދެވަނަ ބައެވެ. ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި 'އިސްތިރީ 2' 2024 ގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެހެންވެ ހުނަރުވެރި ބަތަލާ ޝްރަދާގެ އާ ފިލްމެއް ބެލުންތެރިންނާ ހަމައަށް މި އަންނަނީ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ.