Last Updated: June 9, 20:11
Tuesday, June 9, 2026
މުނިފޫހިފިލުވުން

ސަނީގެ ފިލްމުގެ ނަން ބަދަލުކޮށްފި

މި އަހަރުގެ އޮގަސްޓްގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ސަނީ ޑިއޯލްގެ ފިލްމު 'ލާހޯރް 1947' ގެ ނަން ބަދަލުކޮށް އޭގެ މޯޝަން ޕޯސްޓަރު މިއަދު ދައްކާލައިފި އެވެ.

އާމިރު ޚާން ޕްރޮޑިއުސްކޮށް، ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ނަމަކީ މިހާރު 'ބަޓްވާރާ 1947' އެވެ. މިއީ އިންޑިއާ ބައިބައިވެ ޕާކިސްތާން އުފެދިގެން ދިޔަ ދުވަސްވަރުގެ ތަފާތު ވާހަކައެެއް ކިޔައިދޭނެ ފިލްމެކެވެ. ބޮލީވުޑްގެ މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމަކީ ކުރީގެ ބަތަލާ ޕްރިތީ ޒިންތާ އެނބުރި އަންނަ ފިލްމެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ ސަނީއާ އެކު ކުޅުނު 2018 ގެ 'ބެއްޔާޖީ ސުޕަހިޓް' އެވެ.

'ބަޓްވާރާ 1947' ގެ ކާސްޓްގައި ސަނީގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް އާއި އަލީ ފަޒަލްގެ އިތުރުން ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ މި އަހަރުގެ އޮގަސްޓް 14 ގަ އެވެ.

'ބަޓްވާރާ 1947' ގެ ޑައިރެކްޓަރު ސަންތޯޝީ އަކީ ކުރިން ސަނީއާ އެކު ވަރަށް ކާމިޔާބު ތިން ފިލްމު ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އެ ތިން ފިލްމަކީ 1990 ގެ 'ގާޔަލް' އާއި 1993 ގެ 'ދާމިނީ' ގެ އިތުރުން 1996 ގެ 'ގަތަކް' އެވެ. މީގެ ތެރެއިން 'ދާމިނީ' ގައި ސަނީ ކުޅުނު ވަކީލެއްގެ ރޯލުން އޭނަ އަށް އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ލިބިފައިވެ އެވެ.