އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގް (ސޯބެ) އަށް ތާއީދުކޮށްގެން ސަރުކާރުގެ ކުންފުނިތަކުން ބަޔަކު ވަޒީފާ އިން ކަނޑާލާފައިވާތީ އޭނަ އެކަން ކުށްވެރި ކުރައްވައިފި އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އައްޑޫގެ ކުރީގެ މޭޔަރު މިއަދު ވިދާޅުވީ އޭނަގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވި ފަރާތްތަކާއި އަދި ވޯޓް ދިންކަމަށް ލަފާ ކުރެވޭ މީހުންނާ މެދު ފިޔަވަޅު އަޅައި، ވަޒީފާތަކުން ވަކި ކުރުމާއި ވަޒީފާއިން ވަކިކުރާނެކަމުގެ ބިރު ދެއްކުން ފަދަ ނާތަހުޒީބު ލާއިންސާނީ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.
"އަދި މި ދާއިރާގެ ހުރިހާ ރައްޔިތުންނާއި ޖުމްލަކޮށް މި ރާއްޖޭގެ ރައްޔިތުންނާ މެދުގައި ހަމަހަމަކަން ގާއިމުކޮށް، އިސްލާމީ ރިވެތި އުސޫލްތަކާއި ޑިމޮކްރެސީގެ ހަމަތައް ދަމަހައްޓަން ސަރުކާރާށް ގޮވާލަން." ސޯބެ ވިދާޅުވި އެވެ.
އޭނަ އަށް ތާއީދުކޮށްގެން ވަޒީފާތަކުން ވަކިކުރި ބައެއް މީހުންގެ ނަންތައް ވެސް އޭނަގެ ޕޯސްޓްގައި ހިއްސާކޮށްފައިވެ އެވެ.
ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި އަށް މެންބަރަކު ހޮވަން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންް ސޯބެ ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) ބަލިކޮށެވެ.
އެ ދާއިރާގެ ގޮނޑި ހުސްވީ ކުރިން މެންބަރަކަށް ހުންނެވި ޕީއެންސީ އަށް ނިސްބަތްވާ މުހައްމަދު ސިނާނަށް ސާބިތު ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލުމާ ގުޅިގެންނެވެ.