Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ކޮރަޕްޝަނާ ދެކޮޅު މުބާރާތެއްގައި ބައިވެރިވާން ހުޅުވާލައިފި

ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުމުގެ މަގުސަދުގައި ބާއްވާ ބައިނަލްއަގުވާމީ މުބާރާތެއް ކަމަށްވާ "އިންޓަނޭޝަނަލް ޔޫތު ކޮމްޕެޓިޝަން އޮފް ސޯޝަލް އެންޓި-ކޮރަޕްޝަން އެޑްވަޓައިޒިން" ގައި ބައިވެރިވުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން ހުޅުވާލައިފި އެވެ.

ރަޝިއާގެ ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ މި މުބާރާތަކީ ކޮރަޕްޝަން ހުއްޓުވުމަށް ކުރާ މަސައްކަތުގައި ސޯޝަލް އެޑްވަޓައިޒިންގެ ބޭނުން ހިފުން އިތުރު ކުރުމަށާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އިދާރާތަކާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް ބާއްވާ މުބާރާތެކެވެ.

މުބާރާތުގެ މި އަހަރުގެ ތީމަކީ "ޓުގެދާ އެގައިންސްޓް ކޮރަޕްޝަން" އެވެ.

މި މުބާރާތް ހާއްސަކޮށްފައި ވަނީ ދެ އުމުރުފުރާއަކަށެވެ. އެއީ 10-17 އަހަރާ ދެމެދުގެ އުމުރުފުރާގެ އިތުރުން 18-25 އަހަރާ ދެމެދުގެ އުމުރުފުރަ އެވެ.

މި މުބާރާތުގައި އަމިއްލަ ގޮތުން ނުވަތަ ޓީމުތަކުގެ ގޮތުގައި ވެސް ބައިވެރިވެވޭނެ އެވެ. މުބާރާތް ބާއްވަނީ ތިން ކެޓަގަރީއަކަށެވެ. އެއީ އެއީ ވީޑިއޯ އާއި ޕޯސްޓަރުގެ އިތުރުން ކުރެހުމެވެ.

މިނިސްޓްރީން ބުނީ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ މީހުން މި އަހަރުގެ އޮކްޓޯބަރު 1 ގެ ކުރިން ބައިވެރިވުމަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

މި މުބާރާތާ ބެހޭ އިތުރު މައުލޫމާތު މި ސައިޓް anticorruption.life އިން ލިބޭނެ އެވެ.