ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ރޮމޭންޓިކް އެކްޝަން ތުރިލާ 'ލަގް ޖާ ގަލޭ' އަންނަ އަހަރު ގެނެސްދޭން ނިންމައިފި އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ޝޫޓިން ކުރިއަށްދާ މި ފިލްމަކީ ރާޖް މެހެތާ ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނަ އަކީ ދަރުމާގެ ކާމިޔާބު ފިލްމުތައް ކަމަށްވާ 'ގުޑް ނިއުސް' އާއި 'ޖުގް ޖުގް ޖިއޯ' ވެސް ގެނެސްދިން ޑައިރެކްޓަރެވެ.
ރާޖްގެ އެންމެ ފަހުގެ ފިލްމަކީ ދަރުމާގެ 2023 ގެ 'ސެލްފީ' އެވެ.
އަންނަ އަހަރުގެ މެއި 14 އަށް ތާވަލުކުރި 'ލަގް ޖާ ގަލޭ' ގެ ލީޑް ތަރިންނަކީ ޓައިގާ ޝްރޮފާއި ޖާންވީ ކަޕޫރްގެ އިތުރުން ލަކްޝް ލަލްވާނީ އެވެ. މި ފިލްމުން އަލަށް ޓައިގާ އާއި ޖާންވީގެ ޖޯޑު ބެލުންތެރިންނަށް ދައްކައިލާ އިރު، ޓައިގާގެ ބައްޕަ ޖެކީ ޝްރޮފާއި ޖާންވީގެ މަންމަ ކުރީގެ ބަތަލާ ސްރީދޭވީ އަކީ ވެސް އެކީގައި ފިލްމުތަކެއް ކުޅެފައިވާ ދެ ތަރިންނެވެ.
އެހެންވެ އެ މީހުންގެ ދަރިންތަކެއް އެކީގައި ބޮޑު ސްކްރީނުން ފެނުމަކީ ފޭނުންނަށް ވަރަށް ހާއްސަ ކަމަކަށް ވާނެ އެވެ.
'ލަގް ޖާ ގަލޭ' ގައި ޖާންވީއާ އެކު މަސައްކަތް ކުރަން ލަކްޝް އަށް ފުރުސަތު ލިބުނު އިރު، އޭނަ ބޮލީވުޑަށް ތައާރަފުކުރަން ޕްލޭންކުރި ފިލްމަކީ ވެސް ޖާންވީ ބަތަލާގެ ރޯލަށް ނެގި ފިލްމެކެވެ. އެއީ 2019 ގައި ޝޫޓިން ފެށުމަށް ފަހު، ވަކި ހިސާބަކުން ހުއްޓި މިހާރު ވާނުވާގައި އޮތް 'ދޯސްތާނާ 2' އެވެ.
ދަރުމާގެ އެ ފިލްމުގެ މަސައްކަތް އޭރު ފެށީ ލީޑަށް ޖާންވީ އާއި ކާތިކް އާރިއަންގެ އިތުރުން ލަކްޝް ނަގައިގެންނެވެ. 'ދޯސްތާނާ 2' ހުއްޓުމަކަށް އައުމާ ގުޅިގެން ލަކްޝް ބޮލީވުޑަށް ތައާރަފުކުރީ އެ ސްޓޫޑިއޯގެ 2024 ގެ އެކްޝަން ތުރިލާ 'ކިލް' އިންނެވެ.
ލަކްޝްގެ ދެވަނަ ފިލްމަކީ ދަރުމާ މިދިޔަ މަހު ރިލީޒްކުރި ލޯބީގެ ފިލްމު 'ޗާންދު މޭރާ ދިލް' އެވެ.