މިއީ ބާއްވަން ހެޔޮވާ ވަރުގެ ސަރުކާރެއް ނޫން ކަމަށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ، މުހައްމަދު ޝައްމާން ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝަމްޢާން މިހެން ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ޖިނާއީ މައްސަލައިގެ ހުކުމް ކުރުމަށް މިއަދު ބާއްވާ އަޑުއެހުމަށް ކޯޓަށް ވަދެވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ޝަމްޢާން ވިދާޅުވީ އޭނާގެ މައްޗަށް ދައުލަތުން ކުރާ ތުހުމަތުތަކަކީ އޭނާ ފްރޭމް ކުރުމުގެ ގޮތުން އުފައްދާފައިވާ ދޮގު އިލްޒާމްތަކެއް ކަމަށެވެ.
"މިނިސްޓަރު އިހުސާނު ލައްވާ ބަންގްލަދޭޝްގެ ވޯކް ޕާމިޓް އެޕްރޫވްކޮށް ކޯޓާއަށް ކޮރަޕްޝަންގެ ގޮތުގައި 8000ރ. ނަގާކަން ޔަގީންކޮށް ރައީސްއަށް އެވާހަކަ ދެންނެވުމުން މިކަން ފެށިގެން އައީ. އޭރު އަޅުގަނޑުގެ ބޮލުގައި އަޅުވަމުންދިޔަ ތުހުމަތާ އެކު މިކަން ހިނގާ ގޮތް ބެލީ،" ޝަމްއާން ވިދާޅުވި އެވެ.
އިހުސާން ހިންގަމުން ގެންދިޔަ ކޮރަޕްޝަންގެ ވާހަކަ ރައީސް މުއިއްޒަށް އެންގެވި ކަމަށާއި ނަމަވެސް ރައީސްގެ ޖަވާބަކަށް ވީ އޭނާއަކީ ރައީސް އަށް ވަފާތެރި މީހެއް ނޫން ކަމަށް ޝަމްއާން ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެން ވަރަށް ބުރަ މަސައްކަތުން، ހެޔޮ އެދިގެން ގެނައި ސަރުކާރެއް، މި ސަރުކާރަކީ މި ވަގުތު ރާއްޖޭގައި އޮންނަން ހެޔޮވާނެވަރުގެ ސަރުކާރެއް ނޫން. ވީހާވެސް އަވަހަކަށް، އަޅުގަނޑު އެދެނީ އަޅުގަނޑުގެ އެކުވެރިންނާއި އާއިލާއާއި އަޅުގަނޑަށް ހެޔޮ އެދޭ ކޮންމެ މީހެއް ވެސް މި ސަރުކާރާ ދެކޮޅަށް މަސައްކަތްކޮށް، މި ސަރުކާރު 2028 އައުމުގެ ކުރިން ނިންމަ ދިނުމަށް،" ޝަމްއާން ވިދާޅުވި އެވެ.
ޝަމްއާންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން ފޭރުމުގެ ދައުވާއަށް ހުކުމް ކުރުމުގެ ޝަރީއަށް މިހާރު ދަނީ ކުރިއަށެވެ.
ޝައްމާނަށް ކުރާ ދައުވާތަކާ ގުޅިގެން އޭނާގެ ދިފާއުގައި މަންމައާއި ބައްޕަ އަދި އަންހެނުން ވެސް ހެކިބަސް ދީފައިވެ އެވެ.
ފުލުހުން މި މައްސަލައިގައި މީގެކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބިދޭސީން ދިރިއުޅޭ ގެއެއް އިމިގްރޭޝަންގެ ބައެއް އޮފިސަރުން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރެއިޑްކޮށްފައިވާ ކަމަށެވެ. ރެއިޑް ކުރި އިމިގްރޭޝަން އޮފިސަރުންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޒިންމާ ހަވާލުކުރި ޓާސްކް ފޯސް އަދި ރިސްކް މެނޭޖުމަންޓްގައި ނުވެސް ހިމެނޭ މުވައްޒަފުންތަކެއް ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. އެ ރެއިޑުގައި އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު 530،000ރ ދިނުމުން ދޫކޮށްލީ ޝަމްއާންގެ އަމުރަކަށް ކަމަށްވެސް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ.
މީގެއިތުރުން މި މައްސަލައިގައި ޝަމްއާން ދިރިއުޅޭގެ ބަލައިފާސްކުރިއިރު އެގެއިން 257،475 ރުފިޔާ އާއި 10،000 ޑޮލަރު އަދި އެހެނިހެން ބައެއް ގައުމުތަކުގެ ފައިސާ ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.