Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ރައީސަށް ނިސްބަތްކޮށް ޝަމްއާން ހެދީ ދޮގު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ނިސްބަތް ކުރައްވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ، މުހައްމަދު ޝަމްއާން ވަހީދު މިއަދު ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ޝަމްއާންގެ މައްޗަށް އުފުލާފައިވާ ޖިނާއީ މައްސަލައިގެ ހުކުމް ކުރުމަށް މިއަދު ބާއްވާ އަޑުއެހުމަށް ކޯޓަށް ވަދެވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ހޯމް މިނިސްޓަރު އަލީ އިހުސާން ހިންގަމުން ގެންދިޔަ ކޮރަޕްޝަންގެ ވާހަކަ ރައީސް މުއިއްޒަށް އެންގެވި ކަމަށާއި ނަމަވެސް ރައީސްގެ ޖަވާބަކަށް ވީ އޭނާއަކީ ރައީސް އަށް ވަފާތެރި މީހެއް ނޫން ކަމަށެވެ.

ޝައްމާން ވަނީ، އެ މައްސަލައާ ގުޅިގެން ރައީސް ފިޔަވަޅެއް ނޭޅުއްވުމަކީ ވެސް ކޮރަޕްޝަނުގެ އަމަލެއް ކަމަށް ސިފަކުރައްވައިފަ އެވެ. އެހެންކަމުން ރައީސް ވެސް އެ މައްސަލައިގައި ބައިވެރިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ވާހަކަތަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުންދު ވަނީ ޝަމްއާން، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިއަގައި ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފަ އެވެ.

ޝަމްއާންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން ފޭރުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ދާދި ދެންމެއަކު ވަނީ ކަނޑައަޅާފަ އެވެ. މިހާރު ކުރިއަށްދަނީ އަދަބާއި ގުޅޭގޮތުން ވާހަކަ ދެއްކުމެވެ.