Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ޝަމްއާންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް

އިމިގްރޭޝަންގެ ކޮންޓްރޯރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.

ޝަމްއާންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޭނާގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން ފޭރުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވުމުންނެވެ. އެ ހުރިހާ ދައުވާއަކަށް ވެސް ޝަމްއާން ވަނީ އިންކާރުކޮށްފަ އެވެ.

އެގޮތުން މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން 15 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، ފޭރުމުގައި ބައިވެރިވި ކަމުގެ ދައުވާގެ އަދަބަކަށް އިއްވީ އަށް އަހަރުގެ ޖަލު ހުކުމެކެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށް ސާބިތުވެފައިވާތީ އިއްވީ ދެ އަހަރުގެ ހުކުމެކެވެ.

މި މައްސަލައިގެ ހުކުމް ކުރުމަށް ބޭއްވި އަޑުއެހުމަށް ކޯޓަށް ވަދެވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝަމްޢާން ވިދާޅުވީ އޭނާގެ މައްޗަށް ދައުލަތުން ކުރާ ތުހުމަތުތަކަކީ އޭނާ ފްރޭމް ކުރުމުގެ ގޮތުން އުފައްދާފައިވާ ދޮގު އިލްޒާމްތަކެއް ކަމަށެވެ.

"މިނިސްޓަރު އިހުސާނު ލައްވާ ބަންގްލަދޭޝްގެ ވޯކް ޕާމިޓް އެޕްރޫވްކޮށް ކޯޓާއަށް ކޮރަޕްޝަންގެ ގޮތުގައި 8000ރ. ނަގާކަން ޔަގީންކޮށް ރައީސްއަށް އެވާހަކަ ދެންނެވުމުން މިކަން ފެށިގެން އައީ. އޭރު އަޅުގަނޑުގެ ބޮލުގައި އަޅުވަމުންދިޔަ ތުހުމަތާ އެކު މިކަން ހިނގާ ގޮތް ބެލީ،" ޝަމްއާން ވިދާޅުވި އެވެ.

އިހުސާން ހިންގަމުން ގެންދިޔަ ކޮރަޕްޝަންގެ ވާހަކަ ރައީސް މުއިއްޒަށް އެންގެވި ކަމަށާއި ނަމަވެސް ރައީސްގެ ޖަވާބަކަށް ވީ އޭނާއަކީ ރައީސް އަށް ވަފާތެރި މީހެއް ނޫން ކަމަށް ޝަމްއާން ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން ވަރަށް ބުރަ މަސައްކަތުން، ހެޔޮ އެދިގެން ގެނައި ސަރުކާރެއް، މި ސަރުކާރަކީ މި ވަގުތު ރާއްޖޭގައި އޮންނަން ހެޔޮވާނެވަރުގެ ސަރުކާރެއް ނޫން. ވީހާވެސް އަވަހަކަށް، އަޅުގަނޑު އެދެނީ އަޅުގަނޑުގެ އެކުވެރިންނާއި އާއިލާއާއި އަޅުގަނޑަށް ހެޔޮ އެދޭ ކޮންމެ މީހެއް ވެސް މި ސަރުކާރާ ދެކޮޅަށް މަސައްކަތްކޮށް، މި ސަރުކާރު 2028 އައުމުގެ ކުރިން ނިންމަ ދިނުމަށް،" ޝަމްއާން ވިދާޅުވި އެވެ.

މި ވާހަކަތަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވަނީ ޝަމްއާން، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިއަގައި ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފަ އެވެ.