Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ޝަމްއާން ފްރޭމްކުރަންޖެހޭ ސަބަބެއް ނެތް: އުޝާމް

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް

ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ފްރޭމްކުރަންޖެހޭ އެއްވެސް ސަބަބެއް ސަރުކާރަށް ނޯންނާނެ ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ބިދޭސީން ގެނައުމަށް ދޫކުރާ ކޯޓާއާއި ވޯކް ޕާމިޓް އެޕްރޫވް ކުރުމުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނާއި ބަންޑާރަނައިބު އުޝާމް ބޮޑެތި ކޮރަޕްޝަންތަކެއް ހިންގަވަމުން ގެންދަވާ ކަމަށް ތުހުމަތު ޝަމްއާން މިއަދު ވަނީ ކުރައްވާފަ އެވެ.

އުޝާމް ވިދާޅުވީ ބަންގްލަދޭޝް މީހެއްގެ އަތުން ފައިސާ ފޭރުނު މައްސަލައިގައި ޝައްމާނަށް ކުރާ ދައުވާއަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި އޭނާ އަދި ސަރުކާރުން ވެސް ޝަމްއާން ފްރޭމް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.

ޝަމްއާންގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވެ 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ. ޝަމްއާންގެ މައްޗަށް އުފުލީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން ފޭރުމުގެ ދައުވާ އެވެ.

އެގޮތުން މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން 15 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، ފޭރުމުގައި ބައިވެރިވި ކަމުގެ ދައުވާގެ އަދަބަކަށް އިއްވީ އަށް އަހަރުގެ ޖަލު ހުކުމެކެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށް ސާބިތުވެފައިވާތީ އިއްވީ ދެ އަހަރުގެ ހުކުމެކެވެ.

މި މައްސަލައިގެ ހުކުމް ކުރުމަށް ބޭއްވި އަޑުއެހުމަށް ކޯޓަށް ވަދެވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝަމްޢާން ވިދާޅުވީ އޭނާގެ މައްޗަށް ދައުލަތުން ކުރާ ތުހުމަތުތަކަކީ އޭނާ ފްރޭމް ކުރުމުގެ ގޮތުން އުފައްދާފައިވާ ދޮގު އިލްޒާމްތަކެއް ކަމަށެވެ.

"މިނިސްޓަރު އިހުސާނު ލައްވާ ބަންގްލަދޭޝްގެ ވޯކް ޕާމިޓް އެޕްރޫވްކޮށް ކޯޓާއަށް ކޮރަޕްޝަންގެ ގޮތުގައި 8000ރ. ނަގާކަން ޔަގީންކޮށް ރައީސްއަށް އެވާހަކަ ދެންނެވުމުން މިކަން ފެށިގެން އައީ. އޭރު އަޅުގަނޑުގެ ބޮލުގައި އަޅުވަމުންދިޔަ ތުހުމަތާ އެކު މިކަން ހިނގާ ގޮތް ބެލީ،" ޝަމްއާން ވިދާޅުވި އެވެ.

އިހުސާން ހިންގަމުން ގެންދިޔަ ކޮރަޕްޝަންގެ ވާހަކަ ރައީސް މުއިއްޒަށް އެންގެވި ކަމަށާއި ނަމަވެސް ރައީސްގެ ޖަވާބަކަށް ވީ އޭނާއަކީ ރައީސް އަށް ވަފާތެރި މީހެއް ނޫން ކަމަށް ޝަމްއާން ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން ވަރަށް ބުރަ މަސައްކަތުން، ހެޔޮ އެދިގެން ގެނައި ސަރުކާރެއް، މި ސަރުކާރަކީ މި ވަގުތު ރާއްޖޭގައި އޮންނަން ހެޔޮވާނެވަރުގެ ސަރުކާރެއް ނޫން. ވީހާވެސް އަވަހަކަށް، އަޅުގަނޑު އެދެނީ އަޅުގަނޑުގެ އެކުވެރިންނާއި އާއިލާއާއި އަޅުގަނޑަށް ހެޔޮ އެދޭ ކޮންމެ މީހެއް ވެސް މި ސަރުކާރާ ދެކޮޅަށް މަސައްކަތްކޮށް، މި ސަރުކާރު 2028 އައުމުގެ ކުރިން ނިންމަ ދިނުމަށް،" ޝަމްއާން ވިދާޅުވި އެވެ.

މި ވާހަކަތަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވަނީ ޝަމްއާން، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިއަގައި ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފަ އެވެ.