Last Updated: April 19, 06:47
Friday, April 19, 2024
ޚަބަރު

ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ޝަރީއަތް ހިންގަން އަމުރުކޮށްފި

ވެނެޒުއެލާގެ އެޓާނީ ޖެނެރަލް ލުއިޒާ އޮރްޓޭގާ، އެގައުމުގެ ސްޕްރީމް ކޯޓުގެ އަށް ފަނޑިޔާރުންގެ މައްޗަށް ޝަރީއަތް ހިންގުމަށް އަމުރު ކުރައްވައިފި އެވެ.

ވެނެޒުއެލާގައި މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން ސަރުކާރުގެ ތެރެއިން ރައީސް މަޑޫރޯއާ ދެކޮޅަށް ނުކުމެވަޑައިގެންފައިވާ އެންމެ އިސް އޮފިޝަލް ލުއިޒާ އޮރްޓޭގާއަކީ ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ ނުފޫޒުގަދަ ފަރާތެކެވެ.

ވެނެޒުއޭލާގެ ވެރިރަށް ކަރާކަސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ލުއިޒާ އޮރްޓޭގާ ވިދާޅުވީ، ސްޕްރީމް ކޯޓުގައި ހިމެނިވަޑައިގަންނަވާ 8 ފަނޑިޔާރުން ގާނޫނުއަސާސީއާ ޚިލާފް އަމުރެއް ނެރުއްވި މައްސަލަ ކަމާބެހޭ ފަރާތްތަކަށް މިހާރު ހުށަހަޅުއްވާފައިވާނެ ކަމަށެވެ.

ލުއިޒާ އޮރްޓޭގާ އިޝާރާތްކުރައްވާފައިވާ މައްސަލަ އަކީ ވެނެޒުއެލާގެ އިދިކޮޅު ޕާޓީތަކުގެ އަޣުލަބިއްޔަތު އޮންނަ ޕާލަމެންޓްގެ ހުރިހާ ބާރުތައް ސްޕްރީމް ކޯޓަށް ނެގުމަށް، ސްޕްރީމް ކޯޓުން މިއަހަރުގެ މާޗްމަހު ނެރުނު އަމުރުގެ މައްސަލައެވެ. އެހެން ނަމަވެސް ބައިނަލްއަޤްވާމީ ގޮތުން ކުރިމަތިވި ފިއްތުންތަކާއި އެކު ސުޕްރީމް ކޯޓުން ވަނީ އެ އަމުރު އަނބުރާ ގެންގޮސްފައެވެ.

ވެނެޒުއެލާގެ ސަރުކާރާއި ދެކޮޅަށް ފެށި މުޒާހަރާތައް އަދިވެސް ހުއްޓިފައި ނުވާއިރު ރައީސް މަޑޫރޯއާގެ ސަރުކާރުގެ ގިނަ އޮފިޝަލުންތަކެއް ވެސް ވަނީ ސަރުކާރާއި ދެކޮޅަށް ނިކުންނަވާފައެވެ.

މުޅި ވެނެޒުއެލާ ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިފައިވާ އިރު، އެ ގައުމުގެ ގާނޫނުއަސާސީ އަލުން ލިއުމަށް ގާނޫނުހަދާ ޚާއްސަ މަޖިލީސް އުފެއްދުމަށް ރައީސް މަޑޫރޯ ވަނީ ނިންމަވާފައެވެ. އެ ނިންމުން ބާތިލް ކުރެއްވުމަށްވެސް އެޓަރނީ ޖެނެރަލް މިދިޔަ ހަފްތާގައި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުއްވުމުން އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ވަނީ ނިންމާފައެވެ.

ވެނެޒުއެލާ އަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމެކެވެ. އެހެން ނަަމަވެސް، އެ ގައުމު މިހާރު ވެއްޓިފައިވާ އިގްތިސާދީ ފުންވަޅުގަނޑުގެ ސަބަބުން ގައުމުން ކާނާއާއި، ބޭސް ވަނީ ހުސްވެފައެވެ.