Last Updated: March 28, 13:31
Thursday, March 28, 2024
ޚަބަރު

އައިބީއާ ގުޅޭ ސްޓޭޓަސްއެއް ޖެހި މުވައްޒަފެއްގެ ބަޔާން ނަގައިފި

ލޯކަލް ކައުންސިލް އިންތިހާބުގައި ފޭދޫން ލިބުނު ނާކާމިޔާބީއާ ގުޅިގެން، ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ ޕީޕީއެމް މަޖިލިސް މެމްބަރު އިބްރާހީމްދީދީ (އައިބީ) އާއި ގުޅޭ ގޮތުން ފޭސްބުކްގައި ލިޔުނު ލިޔުމަކާ ގުޅިގެން ސަދަން ޓްރާންސްޕޯޓް ލިންކު (އެސްޓީއެލް)ގެ މުވައްޒަފެއްގެ ބަޔާން ނަގައިފިއެވެ.

އެސްޓީއެލްގެ ޑްރައިވަރެއްގެ މަގާމު އަދާކުރަމުންދާ އަހްމަދު އާސިރު (ޕެޓްރިކާ) "އައްޑޫ ލައިވް" އާ މިއަދު ވާހަކަ ދެއްކަމުން ބުނީ އޭނާ އައިބީއާ ބެހޭ ގޮތުން ފޭސްބުކްގައި ލިޔުނު ޕޯސްޓަކާ ގުޅިގެން، ވަޒީފާ އިން ކަނޑައިލާނެކަމުގެ ބިރު ދައްކައި، ބަޔާން ވެސް ނަގާފައިވާ ކަމަށެވެ.

އަދި ފެނަކަ މަރަދޫފޭދޫ އޮފީހުގައި ޓެކްނިޝަނެއްގެ ވަޒީފާ އަދާ ކުރަމުން ދިޔަ އޭނާގެ ކޮއްކޮ ހުސައިން އާސިރުގެ މަގާމު ދަށްކޮށް ހދ. ކުރިނބީ ފެނަކަ ބްރާންޗަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ޕެޓްރިކާގެ ކޮއްކޮ އާސިރު (ވ) އައިބީއާ އެކު.

ޕެޓްރިކާ ބުނީ އައިބީއާ ބެހޭ ގޮތުން ފޭސްބުކްގައި ފާޅު ކުރި ހިޔާލުތަކަކީ އޭނާގެ ޒާތީ މައްސަލައެއް ކަމަށާއި އެކަމާއި ގުޅިގެން ވަޒީފާގެ ބިރު ދެއްކިގެން ނުވާނެ ކަމަށެވެ.

އޭނާ ބުނީ އާސިރު ކުރިނބީ އަށް ބަދަލު ކުރި މައްސަލަ ދިމާވުމުން ގައި ފެނަކަ ކޯޕަރޭޝަނުގެ އެމްޑީ އަހުމަދު ޝަރީފް އާއި ގުޅައިގެން އެއީ ކިހިނެއް ހިނގާދިޔަ ކަމެއްތޯ ސާފު ކުރަން މަސައްކަތް ކުރި ކަމަށެވެ. އަދި ފަހުން ޖަވާބެއް ދެއްވާނެ ކަމަށް ވިދާޅުވެފައި، އޭގެ ފަހުން ގުޅުމުން ޝަރީފް ފޯނު ވެސް ނުނަންގަވާ ކަަމަށް ބުންޏެވެ.

ޕެޓްރިކާ ދިން ބަޔާނުގެ ކޮޕީއެއް.

އެހެންވެ ކަންބޮޑުވުން ފާޅުކޮށް، ފާޑުޔާފައި ވާނީ ހަމައެކަނި ސޯޝަލް މީޑިއާގައި ނޫން ކަމަށް ވެސް ޕެޓްރިކާ ބުންޏެވެ.

"ދެން މިކަމާ ގުޅިގެން ސަދަން ޓްރާންސްޕޯޓްގެ ވެރިއަކަށް ހުންނެވި މީހާ އަޅުގަނޑު ގާތު ބުނެފައި ވަނީ އެމްޕީއެލްގެ ސީއީއޯގެ އެންގެވުމަކަށް އަޅުގަނޑުގެ ބަޔާނެއް ނަގަން ޖެހޭ ކަމަށް. އެގޮތުން އައިބީއާ ބެހޭ ގޮތުން ވާހަކަ ނުދެއްކުމަށް ނަސޭހަތްތެރިވާ ކަމަށް. އަދި އެކަން ކުރާ ނަމަ ވަޒީފާ އިން ކަނޑާލަން ޖެހި ދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައި،" އޭނާ ބުންޏެވެ. "މިކަން މި ގޮތަށް ކުރަމުން މި ދަނީ އައިބީގެ އެންގުމަަކަށް. އޭނާ އަޅުގަނޑުމެންގެ އާއިލާ އަށް ތަފާތު ގޯނާތަކާއި ޖެއްސުންތައް ކުރަމުންދާތާ މިހާރު ވަރަށް ދުވަސްވެއްޖެ. އައިބީ އަޑީގައި ހުރެގެން ވަޒީފާގެ ބިރު ދައްކާ އިރު މިއީ އޭނާގެ އަމިއްލަ ކުންފުނިތަކެއް ނޫންކަން ދަންނަން ޖެހޭނެ."

ޕެޓްރިކާ އަދި ބުނީ އައިބީ އާއި އޭނާއާ ދޭތެރޭ އޮތް މައްސަލައެއްގެ ތެރެއަށް ސަރުކާރުގެ ކުންފުންޏަކުން ވަންނަން ނުޖެހޭ ކަމަށެވެ.

"މިއީ އަހަރެމެންގެ ތެރޭގައި އޮތް ޒާތީ މައްސަލައެއް. އައިބީގެ ނުފޫޒާ އެކު ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރު ދެއްކުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. ކިތަންމެ ބިރެއް ދެއްކިޔަސް އަޅުގަނޑުމެން ބުނަން ޖެހޭ ވާހަކައެއް ވިއްޔާ ބުނާނަން،" އޭނާ ބުންޏެވެ. "ހެޔޮ ވަޒީފާ އިން ކަނޑާލިޔަސް."

ޕެޓްރިކާ ބުނީ ލޯކަލް ކައުންސިލް އިންތިހާބުން ޕީޕީއެމް ބަލިވުމުން، އޭގެ ރުޅި އައިބީ ބާލަނީ ވަކި ބަޔަކަށް ކަމަށެވެ.

"އޭނަ ގަބޫލު ކުރަނީ އަޅުގަނޑުމެންގެ ސަބަބުންނޭ ފޭދޫ ގޮނޑި ވެސް ކާމިޔާބު ނުކުރެވުނީ،" ޕީޕީއެމްގެ ހަރަކާތްތަކުގައި ފޭދޫގައި ވަރަަށް އިސްކޮށް އުޅޭ ޕެޓްރިކާ ބުންޏެވެ.

މިކަމާއި ގުޅޭގޮތުން އިބްރާހިމްދީދީ އައިބީގެ ބަހެއް 'އައްޑޫލައިވް' އަށް ލިބިފައި ނުވާއިރު އައިބީ އާއި ބެހޭގޮތުން ސޯޝަލް މީޑިޔާ އެކްޓިވިސްޓް އީނާ ނަސީރު އައިބީ އާއި ބެހޭގޮތުން ދެއްކި ވާހަކަތައް 'އައްޑޫލައިވް' ގައި ޝާއިއުކުރުމުން އެކަމާއި ނުރުހުން ފާޅުކުރައްވައި އައިބީ ވަނީ 'އައްޑޫލައިވް' އަށް މައުލޫމާތު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އައިބީ އެފަހަރު ވިދާޅުވެފައި ވަނީ "ގުޅުމުން ފޯނު ނަންގަވާނެ ކަމަށާއި އެއީ ފޯނަށް ޖަވާބު ނުދެއްވާ ވާހަކަ ނުލިޔެވޭނެތީ" ކަމަށެވެ. އަދި 'އައްޑޫލައިވް' އިން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވާނީ " ޖަވާބު ދެއްވަން ޖެހޭ ކަމަށް ޤަބޫލުކުރެވޭ ދުވަހަކުން ކަން އައިބީ ވަނީ ވިދާޅުވެފައެވެ.