Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

ކަޒިންސް އެފްސީ ބަލިކޮށް ބޭރުމަތި ސެމީއަށް

ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ ކަޒިންސް އެފްސީ އާއި ބައްދަލުކުރި މެޗް ކާމިޔާބުކޮށް އެފްސީ ބޭރުމަތި އިން ސެމީ ފައިނަލްގެ ޖާގައެއް ހޯދައިފިއެވެ.

އެފްސީ ބޭރުމަތި ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗް އެ ޓީމުން ކާމިޔާބު ކުރީ 1-3 އިންނެވެ.

މިރޭގެ މެޗް ފަށައިގެން މާ ގިނަ އިރުތަކެއް ނުވެ އެފްސީ ބޭރުމަތި ޓީމުން ވަނީ ގޯލެއް ކާމިޔާބުކޮށް ލީޑް ނަގާފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ގެ ހަސަން މިފްރާހް(މިއްފާ) އެވެ. މިއްފާގެ ގޯލަށް މާގިނަ އިރުތަކެއް ނުވެ ބޭރުމަތި ޓީމުގެ އަލީ ހާފިޒް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 0-2 އަށް ބަދަލުކޮށްފައެވެ.

މި ލަނޑަށް ފަހު ވެސް އެފްސީ ބޭރުމަތި އިން ދިޔައީ ރަނގަޅު ކުޅުމެއް ދައްކައި ކަޒިންސް އެފްސީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބޭރުމަތި ޓީމުން ވަނީ 3 ވަނަ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މުޅި މެޗްގައި ވެސް މޮޅު ކުޅުމެއް ދެއްކި މިއްފާއެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނީ އެފްސީ ބޭރުމަތި 0-3 އިން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފަށައިގެން ކަޒިންސް އެފްސީ އިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން އެ ޓީމުގެ އަހްމަދް ހުސައިން ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ކޮންމެވެސް ވަރެއްގެ އުއްމީދެއް ގެނެސްދިނެވެ.

މި ގޯލަށް ފަހު އެފްސީ ބޭރުމަތިން ވަނީ ކަޒިންސްގެ ގޯލަށް ނުރައްކާ ކުރި ނަމަވެސް އިތުރު ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މެޗް ނިމުނީ ނަތީޖާ 1-3 އިން އެފްސީ ބޭރުމަތި މޮޅުވެގެންނެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބޭރުމަތި ޓީމުގެ އަލީ ހާފިޒެވެ.

ސެމީގައި އެފްސީ ބޭރުމަތި އިން ބައްދަލުކުރަން ޖެހޭނީ، ފްރެންޑްސް ކްލަބާ އެވެ.