Last Updated: March 28, 17:47
Thursday, March 28, 2024
ޚަބަރު

ރައީސް ނަޝީދާ ދެކޮޅަށް ލަންޑަނުގައި އަޑު އުފުލައިފި

ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ދެކޮޅަށް ލަންޑަނުގައި އަޑު އުފުލުމަށް ބެނާ ހިފައިގެން ތިބި ބަޔަކު އުޅޭ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިޔާގައި އާއްމުވެއްޖެ އެވެ.

އެ ފޮޓޯތަކުން ފެންނަ ގޮތުގައި ޕޯސްޓަރުތައް ހިފައިގެން ބަޔަކު ހުއްޓިގެން ތިބެނީ ލަންޑަނުގެ ލަންޑަން ގްރޭންޖެ ހޮޓަލުގެ ބޭރުގައެވެ.

ނަޝީދު އާއި ދެކޮޅަށް ބެނާ ހިފައިގެން ތިން މީހަކު ލަންޑަން ގްރޭންޖް ހޮޓަލްގެ ބޭރުގައި ތިބިއިރު އެމީހުންގެ މޫނު ވަނީ ޕޯސްޓަރުން ނިވާކޮށްފައެވެ. ޕޯސްޓަރުތަކެއް ހިފައިގެން ތިބި ބަޔަކު އުޅޭ މަންޒަރު ފެންނަ ފޮޓޯތަކުން އެއްވެސް ދިވެއްސެއް ނުފެނެއެވެ.

ނަޝީދު އާއި ދެކޮޅަށް ލަންޑަނުގައި ސަރުކާރުން ހަރަދުކޮށްގެން މުޒާހަރާއެއް ޖައްސަން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ބުނެ މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠޮއްޔިބް ޝަހީމް ވަނީ ޓްވީޓްކޮށްފައެވެ.

ރައީސް ނަޝީދު ވަނީ މިހާރު އެ ހޮޓަލުގައި ކުރިއަށްދާ ގްލޯބަލް ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ފޯރަމް މިއަދުގެ ވަގުތެއްގައި ތަޤުރީރުކުރައްވާފައެވެ.

ލަންޑަނުގައި ނަޝީދު އާއި ދެކޮޅަށް އަޑު އުފުލާފައި ވަނީ ކޮންބައެއް ކަން ސާފުވެފައި ނުވާއިރު އެމީހުން ގެންގުޅުނު ބައެއް ޕޯސްޓަރުތަކުގައި "ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ނަޝީދު ފެއިލްވެފައިވާ" ކަމަށް ލިޔެފައިވެއެވެ.

13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް ނަޝީދު އިނގިރޭސި ހިމާޔަތް ހޯއްދަވައިގެން އުޅުއްވާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މިއީ އެމަނިކުފާނާއި ދެކޮޅަށް ލަންޑަނުގައި މިގޮތަށް އަޑު އުފުލި ފުރަތަމަ ފަހަރެވެ.