Last Updated: March 28, 13:49
Thursday, March 28, 2024
ޚަބަރު

އިހަވަންދޫ ކައުންސިލްގެ ނިންމުން ބާތިލުކޮށްފި

އިސްމާއިލް އުމަރު މަރުވެފާ އޮއްވާ ފެނުމުން ފުލުހުން އައިސްޕުލާންޓުގައި ހަރަކާތްތެރިވަނީ. އިހަވަންދޫޑޮޓްކޮމް ފޮޓޯ: ލަޔާން އަހުމަދު

އިހަވަންދޫ ކައުންސިލުން އެރަށުގައި ދިރިއުޅޭ ބިދޭސީންނާއި ދެކޮޅަށް އެޅި ފިޔަވަޅުތައް ލޯކަލް ގަވަމެންޓް އޮތޯރިޓީއިން ބާތިލުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު އެރަށު އައިސް ޕްލާންޓުގައި މަސައްކަތް ކުރަމުން އައި އިސްމާއިލް އުމަރު އަނިޔާވެރިގޮތަކަށް މަރާލުމުގެ ކުށަށް އެރަށުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ރައްޔިތަކު އެއްބަސްވުމުން އިހަވަންދޫ ކައުންސިލުން ވަނީ އެރަށުގައި ދިރިއުޅޭ ހުރިހާ ބިދޭސީންނާއި ދެކޮޅަށް ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

އޭގެ ތެރޭގައި:

  • ރޭގަނޑު 10 ގެ ފަހުން ބޭރުގައި އުޅުން މަނާ

  • ހުކުރު ދުވަހު 2:00-5:30 އާ ދެމެދު ފިޔަވައި ރަށުގެ އެއްވެސް ތަނެއްގައި ގްރޫޕް ހަދައިގެން ނުތިބެވުން

  • ކައުންސިލްގެ އިހްތިސާސް ތެރޭގައި ހިމެނޭ އެއްވެސް ސަރަހައްދަކުން މަސްވެރިކަން ކުރުން މަނާ

  • ރަށުގެ ވަލަށް ވަދެ ކާށި، ދަރު ފަދަ އެއްވެސް އެއްޗެއް ހޮވުން މަނާ

  • ކުނި އުކާލަން ނޫން ގޮތަކަށް ކުނި ގޮނޑު ސަރަހައްދަށް ނުދެވުން.

  • ރަށުގައި ބާއްވާ ހަފުލާތަކުގައި ދައުވަތު ލިބިގެން ނޫނީ ބައިވެރިނުވެވުން.

އެލްޖީއޭއިން މިމައްސަލާގައި ވިދާޅުވެފައިވަނީ ރަށު ކައުންސިލުން ބިދޭސީ ރައްޔިތުންނާއި ދެކޮޅަށް އެޅި ފިޔަވަޅަކީ ބާތިލު ފިޔަވަޅެއް ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ހަރަކާތްތެރިވާ އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރާ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިންވެސް ވަނީ އިހަވަންދޫ ކައުންސިލުން ނިންމި ނިންމުން ކުށްވެރިކޮށްފައެވެ.