ޚަބަރު

"ބާޢީއެކޭ ދެން ކިޔައިފި ނަމަ ޔާމީނަށް އަބުރުގެ ދައުވާ ކުރާނަން"

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ބަޣާވަތް ކުރި ކަމަށް ރައީސް އަބްދުﷲ ޔާމީން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާތީ އެމަނިކުފާނާ ދެކޮޅަށް ދައުލަތުގެ މުއައްސަސާތަކަށް މައްސަލަ ހުށަހަޅާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފި އެވެ.

ގުޅިފައިވާ ޕާޓީތަކުން ރޭ ބޭއްވި ނޫސް ކޮންފަރެންސްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންތަކެއް ބަޣާވާތްކޮށްފައިވާ މިފަހަކުން ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާތީ އެމައްސަލަ ބަލައި ދިނުމަށް ކަމާ ގުޅޭ މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށް ގުޅިފައިވާ ޕާޓީ ތަކަށް ނިސްބަތްވާ މެންބަރުން ވިދާޅުވަމުން ގެންދަވާ ކަމަށެވެ.

އަމީތު ވިދާޅުވީ ބަޣާވަތް ކުރި އޭނާ އަށް ނިސްބަތްކޮށް ރައީސް ޔާމީން ދެން ވިދާޅުވެއްޖެ ނަމަ އެމަނިކުފާނާ ދެކޮޅަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ ވަރަށް ސާފުކޮށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވައްކަންކޮށްފި ކަމަށް ބުނީމާ، ބުނެގެން އެއީ އެ ދެމަފިރިންގެ އަބުރާ ބެހުނީ ކަމަށްވަންޏާމު އަޅުގަނޑާ ދިމާލަށް އަޅުގަނޑަކީ ބާޣީއެކޭ ބުނީމާ ޔާމީނަށް ވެސް އަޅުގަނޑުގެ އަބުރާ އެބަބެހެވޭ. އެހެން ނޫންތޯ ހަމަ އެކަން އޮންނަންވާނީ. އެހެންވީމާ އެހެން އޮންނަން ޖެހޭނެ. އަޅުގަނޑުގެ ދާއިރާއަށް ގޮސްފަވެސް ގޮވައިފި އަޅުގަނޑާ ދިމާލަށް ބާޣީއެކޭ ޔާމީން،" އަމީތު ވިދާޅުވި އެވެ. "އެހެންވީމާ އަޅުގަނޑު މިއީ، ދެޖަލްސާއެއްގައި މިގޮވީ. މީދޫގައި ބޭއްވި ޖަލްސާގައި ވެސް އަޅުގަނޑަކީ ބާޣީއެއް ކަމަށް ބުނި. ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވެސް އަޅުގަނޑަކީ ބާޣީ އެއް ކަމަށް ބުނި. އަޅުގަނޑު މިދަންނަވަނީ ދެން އަޅުގަނޑު އިތުރު އެންމެ ފުރުސަތެއް ޔާމީނަށް ދޭނީ. ދެން އަޅުގަނޑަކީ ބާޣީއެއް ކަމަށް ޖަލްސާއެއްގައި އެއްވެސް ތަނެއްގައި ޔާމީން ބުނެފި ކަމަށް އަޅުގަނޑަށް އަޑު އިވިއްޖެ ކަމަށްވާނަމަ އަޅުގަނޑު މައްސަލަ ކޯޓަށް ވައްދާނަން. އަބުރުގެ މައްސަލަ ކޯޓަށް ވައްދާނަން އިނގޭތޯ."

އޭނާ ވިދާޅުވީ ގުޅިފައިވާ ޕާޓީ ތަކުގެ މެންބަރުން ޕީޕީއެމް ދޫކުރައްވާ ވަޑައިގަތުމުން މިއަދު އެކަން އެއީ ބަޣާވާތެއްގެ ގޮތުގައި ރައީސް ޔާމީން އެކަން ސިފަކުރައްވާ ނަމަ އެކަން އެންމެ ފުރަތަމަ ބަޢާވާތް ކުރީ ރައީސް ޔާމީން ނިސްބަތްވާ ޕީޕީއެމުން ކަމަށެވެ.

އެގޮތުން ޕީޕީއެމްގެ ޓިކެޓްގައި ނޫން ގޮތަކަށް އިންތިހާބު ކުރި 15 މެންބަރުން އެޕާޓީ އަށް ސޮއި ކުރައްވާފައިވާ ކަމަށާއި ރައީސް ޔާމީން ވިދާޅުވާ ފަދަ ބަޣާވާތަކަށް އޭރު އެކަން ނުވީ ކީއްވެގެންތޯ ވެސް އަމީތު ވިދާޅުވި އެެވެ.