Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

ބަނދަރުގައި ޔޮޓެއް ފައިބަރު ކުރާތީ ކަންބޮޑުވުންތަކެއް

ފޭދޫ ބަނދަރުގެ ފަޅުގެ ތެރޭގައި ބާއްވައިގެން ޔޮޓެއްގެ ފައިބަރު މަސައްކަތްތަކެއް ކުރަމުންދާތީ ފޭދޫގެ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި ފައިބަރުން މަރާމާތު ކުރަމުން އަންނަ ޔޮޓަކީ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާގެ ޔޮޓެކެވެ.

މި މައްސަލާގައި ކަންބޮޑުވުން ފާޅު ކުރި މީހަކު "އައްޑޫ ލައިވް" އަށް މިއަދު ބުނީ އެތައް ބަޔަކު ކޮންމެ ދުވަހަކު ވެސް ހަރަކާތްތެރިވާ އާންމު ސަރަހައްދެއްގައި ފައިބަރު މަސައްކަތް ކުރާތީ އެއީ ސިއްހީ ގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށެވެ. އެހެންވެ އެކަން މިހާރުން މިހާރަށް ހުއްޓުވަން ޖެހޭ ކަމަށް ބުންޏެވެ.

"ފޭދޫ ބަނދަރު ސަރަހައްދުގައި ރެސްޓޯރަންޓްތަކާއި އޮސްފީސްތަކާއި އާންމުންހެ ގެތައް ވެސް ގިނަ އަދަދަކަށް އެބަހުރި. އަނެއްކާ މި ބަނދަރަކީ އެތައް ބަޔަކު ކޮންމެ ދުވަހަކު ވެސް ބޭނުން ކުރާ ތަނެއް،" އޭނާ ބުންޏެވެ. "އެހެންވެ މިހާ ބޮޑަށް އޯޕަންކޮށް އޮތް ސަރަހައްދެއްގައި ފައިބަރު މަސައްކަތް ކު ރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން."

ފޭދޫން ވާހަކަ ދެއްކި އެހެން މީހަކު މި މައްސަލަ ފޭދޫގައި ހުންނަ ހައުސިން މިނިސްޓްރީގެ ޔުނިޓަށާއި އައްޑޫ ސިޓީ ކައުންސިލްގެ ސަމާލު ކަމަށް ވެސް ގެނެސްފައިވާ ކަމަށެވެ.

"އެކަމަކު އެއްވެސް ދިމާއަކުން މިކަމެއް ފިޔަވަޅެއް އަޅައިފައެއް ނެތް. މަސައްކަތް އެ ދަނީ ހަމަ ކުރިއަށް،" އޭނާ ބުންޏެވެ.

ފޭދޫ ބަނދަރަކީ އައްޑޫގެ އެންމެ ކާރޫބާރޫ ބޮޑު ބަނދަރެވެ.