Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

"އާތު އަވާ" މި ފަހަރު ބޮޑުކޮށް އައްޑޫގައި

ކޮންމެ އަހަރަކު ވެސް މުޅި ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ "އާތު އަވާ" މި އަހަރު އައްޑޫގައި ކުލަގަދަކޮށް ފާހަގަ ކުރަން ނިންމައިފި އެވެ.

އެގޮތުން މިއަހަރުގެ މައި "ސްވިޗް-އޯފް އިވެންޓް" ގެ ހޯސްޓް ސިޓީއަކަށް ހަމަޖެހިފައިވަނީ އައްޑޫ ކަމަށް މި ހަރަކާތް އިންތިޒާމު ކުރާ އާތު އަވާ މޯލްޑިވްސް ކަންޓްރީ ޓީމް އަދި އީކޯ ކެއާ މޯލްޑިވްސްއިން ބުންޏެވެ.

އާތު އަވާ މޯލްޑިވްސް ކަންޓްރީ ޓީމުން ބުނިގޮތުގައި ހަރަކާތް ކުރިއަށް ގެންދާނީ މި މަހުގެ 24 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 8:30-9:30 އަށެވެ.

އާތު އަވާ ކުރުމަށް އައްޑޫ ސިޓީ ކައުންސިލާއި އައްޑޫގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އެހެނިހެން މުޢައްސަސާތަކާއި ގުޅިގެން އާތު އަވާ މޯލްޑިވްސް އަދި އިކޯ ކެއާގެ ޓީމުން މިހާރު ވެސް ވަނީ މަސައްކަތް ފަށައިފައެވެ.

އެގޮތުން ބޭންކް އޮފް މޯލްޑިވްސް، ފެނަކަ، އެމްއެންޑީއެފް، މޯލްޑިވްސް ރެޑް ކްރެސެންޓް، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ، ސީކެޕް އަދި ބައެއް ޖަމްޢިއްޔާތަކާއެކު އިއްޔެ ވަނީ ބައްދަލުވުމެއް ބާއްވައި ހަރަކާތް ރާވައި ހިންގާނެ ގޮތުގެ މަޝްވަރާކޮށްފައިވެ އެވެ.

އާތު އަވާ އަކީ ބައިނަލްއަގުވާމީ ޖަމްޢިއްޔާ ވޯލްޑް ވައިލްޑް ލައިފް ފަންޑުން އިންތިޒާމުކޮށްގެން 2007 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ ހަރަކާތެކެވެ. އަދި 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވެސް އަވާ އަވާ އަންނަނީ ފާހަގަ ކުރަމުންނެވެ.

މިއީ ދުނިޔެ ހޫނުވުމާއި، ތިމާވެއްޓަށާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވެ ތިބުމަށާއި، ގެއްލުން ކުޑަކުރުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކަށް އާންމުން ހޭލުންތެރި ކުރުމާއި، ފަރުދީ ފެންވަރުގައި އާއި މުޖުތަމަޢުގެ ފެންވަރުގައި ހަރަކާތްތެރިވުމަށް ގޮވާލައި ހިންގާ ހަރަކާތެކެވެ.

އެގޮތުން ދުނިޔެއަށްޓަކައި އެއް ގަޑިއިރަށް ބޮކިތައް ނިއްވައިލުމުގެ ރަމްޒީ މިހަރަކާތަކީ އަމަލީ ގޮތުން ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރާ އަދި އެކަމަށް ބާރުއަޅާ ގޮވައިލާ ހަރަކާތެކެވެ.