Last Updated: April 26, 23:59
Friday, April 26, 2024
މުނިފޫހިފިލުވުން

"ރަންބީރާއި ކެޓްރީނާ އެންގޭޖެއް ނުވޭ"

ރަންބީރު ކަޕޫރާއި ކެޓްރީނާ ކެއިފް އެންގޭޖްވެފައިވާ ކަމަށާއި މި ދެ ތަރިން މި އަހަރުގެ ތެރޭގައި ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ބުނެ މީޑިއާތަކުގައި ފެތެރުމުންދާ ވާހަކަތައް ކެޓްރީނާގެ ތަރުޖަމާން ދޮގުކޮށްފި އެވެ.

ހިންދުސްތާން ޓައިމްސް އަށް ދީފައިވާ އިންޓަވިއުއެއްގައިި ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެފައިވާ ބަތަލާގެ ތަރުޖާން ބުނީ މީޑިއާތަކުން ފަތުރަމުން ދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރަންބީރާއި ކެޓްރީނާގެ އެންގޭޖްމަންޓް އަޮތީ މިދިޔަ މަހުގެ 30 ވަނަ ދުވަހު، ކެޓްރީނާގެ އުފަން ސިޓީ ލަންޑަންގަ އެވެ.

އަދި ދެ ތަރިންގެ އެންގޭޖްމަންޓް ހަފުލާގައި ދެ ފަރާތުގެ އާއިލާގެ މެމްބަރުން ވެސް ބައިވެރިވެފައިވެ އެވެ.

އެންގޭޖްމަންޓާ ބެހޭ ގޮތުން މި ދުވަސްކޮޅު އެހާ ހޫނުކޮށް އެ ވާހަކަތައް ދެކެވުމުން ދަނީ ދާދި ފަހުން ޑައިރެކްޓަރު/ކޮރިއޮގްރާފަރު ފަރަހް ހާންގެ އުފަން ދުވަހުގެ ޕާޓީ އަށް ކެޓްރީނާ ދިޔަ އިރު އަތުގައި އޮަތް އަނގޮޓިއެއް ފެނިގެންނެވެ.

މި ވާހަކަތަކަށް ރައްދު ދެޟޫން ކެޓްރީނާގެ ތަރުޖަމާން އިތުރަށް ބުނީ ލަންޑަންގައި ވަރަށް ސިއްރުން ބޭއްވި ހަފުލާއެއްގައި ރަންބީރާއި ކެޓްރީނާ އެންގޭޖްވި ކަމަށް ބުނާ ވާހަކަތަަކަކީ މީޑިއާތަކުން ހަދައިގެން އުޅޭ އެއްވެސް އަސްލެއް ނެތް ވާހަކައެއް ކަމަށެވެ.

ކެޓްރީނާ އާއި ރަންބީރު ރައްޓެހިވެގެން އުޅޭކަން ދެ މީހުން ރަސްމީކޮށް އަދި އެއްބަސްވެފައި ނުވިޔަސް، މި ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ.

ރަންބީރާ ރައްޓެހިވުމުގެ ކުރިން ކެޓްރީނާ ލީބީގެ ގޮތުން ގުޅިގެން އުޅުނީ ސަލްމާން ހާނާ އެވެ. ރަންބީރު ރައްޓެހިވެގެން އުޅުނީ ދީޕިކާ ޕަދްކޯން އާ އެވެ.

މިކަން އެންމެ ބޮޑަަށް ކަށަވަރުވީ މިދިޔަ އަހަރު ދެ މީހުން ސްޕެއިންގެ ރަށެއްގައި ޗުއްޓީ ހޭދަ ކުރަނިކޮށް ލީކްވެފައިވާ ނިވާކަން ކުޑަ ފޮޓޯތަކަކާ ގުޅިގެންނެވެ.

އެކުގައި މިހާތަނަށް ދެ ފިލްމް ކުޅުނު ކެޓްރީނާ އާއި ރަންބީރު މިހާރު ވެސް އަންނަނީ އިތުރު ފިލްމެއްގައި އެކުގައި މަސައްކަތް ކުރަމުންނެވެ.

އެއީ ރަންބީރާއި އަނޫރާގް ބާސޫ ގުޅިގެން އުފައްދާފައިވާ ޕިކްޗާ ޝްރޫ ޕްރޮޑަކްޝަންގެ "ޖައްގާ ޖާސޫސް" އެވެ. މި ދެ ތަރިން ކުރިން އެކުގައި ކުޅެފައި ވަނީ "ރާޖްނީތީ" އާއި "އަޖަބް ޕްރޭމް ކީ ގަޒަމް ކަހާނީ" އެވެ.