Last Updated: April 25, 22:42
Friday, April 26, 2024
ރިޕޯޓް

ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމެޓީ އެއް! އަޑުއެހިންތަ ؟

އައްޑޫ ސިޓީ ކައުންސިލަކީ ވަރަށް އަޖައިބު ކުރުވަނިވި ކަންތައްތަކެއް ހިނގާ އަދި ހިނގަމުންދާ ތަނެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރަމުންދަނީ ސަބަބެއް ނެތި އެއް ނޫނެވެ. ކަން ދެއްކުމަށްޓަކައި ތަފާތު ކޮމެޓީތައް އެކުލަވާލުމާއި ފުޓުބޯޅަ ލީގު ތައާރާފް ކުރާ ވާހަކަ ދެއްކުމަކީ ކައުންސިލްގެ އާދަ އެކޭ ބުނެފިނަމަ ގޯސް ވާނީ އެވާހަކަ ދެއްކި ރައްޔިތުންނެވެ.

އައްޑޫ ސިޓީގައި ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުމުގެ މައްސަލަތައް ފެންމަތިވަމުން ދާއިރު ދުވަހަކުވެސް އެއިން މައްސަލަ އަކާއި ބެހޭ ގޮތުން ކައުންސިލްގެ ކޮމެޓީ އަކުން ނުވަތަ ކައުންސިލުން ބަޔާނެއް ވެސް ނެރުނު ހެއްޔެވެ ؟ އެކަމަކު ސިޓީ ކައުންސިލްގައި 2014 ވަނަ އަހަރުގެ ޑިސެމްބަރ އިން ފެށިގެން "ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމެޓީ" އެއް ވަނީ އެކުލަވާލެވިފައެވެ. ކޮމެޓީ އެކުލަވާލި ފަހުން 2 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު އަދިވެސް ބޭއްވުނީ އެންމެ ބައްދަލުވުމެކެވެ. އެއީ ވެސް އެ ކޮމެޓީގެ ރައީސާއި ނާއިބް ރައީސް ހޮވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ވެއެވެ.

މި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ފޭދޫ ދާއިރާގެ ކައުންސިލަރ އަލީ ފަޙުމީ އަހްމަދް އާއި އަލްފާޟިލާ މަރިޔަމް ހަބީބާގެ އިތުރުން އަލްފާޟިލް މުޙައްމަދް ޞައީދެވެ. ކޮމެޓީގެ މަސައްކަތް ކުރިއަށް ނުދަނީ ކޮންސަބަބަކާއި ހުރެ ކަމެއް ކައުންސިލްގެ ފަރާތުން ހާމަކޮށްފައި ނުވާއިރު މި ކޮމެޓީގެ ވާހަކަ އަކީ ވެސް ސިޓީ ކައުންސިލްގެ ކަން ދެއްކުމުގެ ޢަމަލެއް ކަމަށް ރައްޔިތުންނަށް ސިފަކުރުމުގެ ފުރުސަތު އެބަ އޮތެވެ.

އައްޑޫ ސިޓީ ކައުންސިލުން "ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމެޓީ" އެއް އެކުލަވާލުމުން މަރުޚަބާ ކިޔަމެވެ. ނަމަވެސް ކޮމެޓީ އަކީ ކޮންމެވެސް ސިފައެއްގައި ރައްޔިތުންނަށް ލާބަ އާއި މަންފާ ހުރި މަސައްކަތް ކުރާ ކޮމެޓީއަކަށް ވާން އެބަޖެހެ އެވެ.