Last Updated: April 26, 23:59
Saturday, April 27, 2024
ރިޕޯޓް

ޓެކްސީ ޑްރައިވަރުންނަށް ކައުންސިލުން "އޮޅުވާލައިފި"

އެމްއާރްޑީސީ އައްޑޫ އޮފީހުގެ އިސްބޭފުޅުން ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން.

އައްޑޫ ސިޓީގެ ހިތަދޫގެ މަގުތައް ނުހެދި ލަސްވެފައިވަމުގެ ސަބަބުން އާންމު އުނދަގުލަކަށް ވެފައިވާތީ އެކަމަށް ހައްލެއް ހޯދުމަށް މިއަދު ޓެކްސީ ޑްރައިވަރުން ސިޓީ ކައުންސިލާ ބައްދަލުކުރުމުން އިތުރުފުޅު ހައްދަވައި ޓެކްސީ ޑްރައިވަރުންނަށް އޮޅުވާލިކަން ފަޅާއަރައިފިއެވެ.

ސ.ހިތަދޫ ޕްލަސް ޓެކްސީގެ ފަރާތުން ވާހަކަ ދެއްކި އަލީ އަހްމަދް މިއަދު "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ބުނިގޮތުގައި އެބޭފުޅުން އެންމެ ފުރަތަމަ އެމްއާރްޑީސީ ކުރިމަތީގައި އިހްތިޖާޖް ކުރަން ފެށީ އެމްއާރްޑީސީގައި މަގު ހެދުމަށް ބޭނުން ކުރާ ވެހިކަލެއް ސ.ގަމުގެ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރާ ޑެންމާކްގެ ހޯގާޑް ކުންފުންޏަށް ކުއްޔަށް ދޫކުރަން ނިންމި ކަން އެމީހުންނަށް އެނގުމުން ކަމަށެވެ.

"ރޭ ދަންވަރު މައުލޫމާތު ލިބުނީ މަގު ހަދަން ގެންގުޅޭ ވެހިކަލެއް ހޯގާޑަށް ކުއްޔަށް ދޭން އުޅޭ ވާހަކަ. ހިތަދޫގެ މަގުތައް މިހާލަތުގައި ބާއްވާފައި އެބޭފުޅުން ވެހިކަލްތައް ކުއްޔަށް ދެއްވާތީ އަޅުގަނޑުމެން ނިކުމެ އިހުތިޖާޖް ކުރަން ފެށީ .އެމްއާރްޑީސީގެ އިސްބޭފުޅުން ވަނީ މަގު ހަދަން ބޭނުންކުރާ ވެހިކަލް ހޯގާޑަށް ކުއްޔަށް ދޭން ނިންމާފައިވާ ކަމަށް ބުނެފައި. އެކަމަކު ކިހާ މުއްދަތަކަށް ކަމެއް ވިދާޅެއް ނުވޭ. " އަލީ އަޙްމަދް ބުންޏެވެ.

އެމްއާރްޑީސީގެ ކުރިމަތީގައި އިހްތިޖާޖް ކުރަމުން ދިޔަ ޓެކްސީ ޑްރައިވަރުންގެ ތެރެއިން ބައެއް ޑްރައިވަރުން ޓެކްސީ ތައް ބަހައްޓާފައި ގޮސް ސިޓީ ކައުންސިލަށް މައްސަލަ ހުށަހެޅުމުން އެބޭފުޅުން ވިދާޅުވީ އެމްއާރްޑީސީ އަށް މަގުތައް ހެދުމަށް ވާނީ އަންގައި ރިކުއެސްޓް ކޮށްފައި ކަމަށާއި މަގުތައް ހެދުމަކީ އެމްއާރްޑީސީގެ ޒިންމާއެއް ކަމަށެވެ.ނަމަވެސް އެމްއާރްޑީސީގެ ބޭފުޅުން އެފަދަ ރިކުއެސްޓެއް ނުލިބޭ ކަމަށް ބުނުމުން ދެން ޓެކްސީ ޑްރައިވަރުން ކައުންސިލަށް ދިޔައީ އެމްއާރްޑީސީގެ ބޭފުޅުންނާއި އެކުގައެވެ.

"ކައުންސިލުން ބުނީ ރިކުއެސްޓު ފޮނުވީމޭ. އަޅުގަނޑުމެން ބުނެފިން ތި ރިކުއެސްޓުގެ ކޮޕީ ދައްކާށޭ. ސަރުކާރުގެ އިދާރާއެއް ވެއްޖެއްޔާ ހުންނާނެ ދެއްތޯ ލިޔެކިޔުން. އެބޭފުޅުންނަށް ނުދެއްކުނު. އެބޭފުޅުން ދެއްކި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެންމެ ފަހުން ރިކުއެސްޓް ފޮނުވާފަ އޮތީ ޖޫން 2014 ގައި. އެހެންވީމަ ސިޓީ ކައުންސިލުން ކަނޑައެޅިގެން ދޮގު މިހެދީ .އަދި ބައްލަވާ ފުރަތަމަ އެތަނަށް ދިއުމުން މިބުނަނީ. މަގު ހަދާނީ އެމްއާރްޑީސީ އިންނޭ. ތިމަންނަމެންނާ ބެހޭ ކަމެއް ނޫނޭ." ކައުންސިލަށް ފާޑުކިޔަމުން އަލީ އަހްމަދް ބުންޏެވެ.

ޓެކްސީ ޑްރައިވަރުންނާއި އެމްއާރްޑީސީގެ ބޭފުޅުންނާއި މިއަދު ބައްދަލު ކުރައްވައި ޑެޕިއުޓީ މޭޔަރ ތޮއްޔިބް ވަނީ ޓެކްސީ ޑްރައިވަރުން ކުއްލިގޮތަކަށް ކައުންސިލް އިދާރާ އަށް އައުމުން ކުރިމަތިވި ޕްރެޝަރަކީ މައްސަލަ ހައްލުކުރުމަށް ލިބުނު ހިތްވަރެއް ކަމަށެވެ. އަދި ޓެކްސީ ހިތަދޫގެ މަގުތައް ނުހެދި ލަސްވުން ދެން ތަކުރާރު ނުވާނެ ކަމުގެ ޔަޤީންކަން ވެސް މިބައްދަލުވުމުގައި ޓެކްސީ ޑްރައިވަރުންނަށް ވަނީ ދީފަވާ ކަމަށް މައުލޫމާތު ލިބެއެވެ.
އެމްއާރްޑީސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކައުންސިލުން ކިތައްމެ ރުފިޔާއެއް ދައްކަން އޮތް ކަމުގައި ވިޔަސް ކައުންސިލް އިން ރިކުއެސްޓް ކުރުމާއި އެކު ރައްޔިތުންގެ ހައްޤުގައި މަގުތައް ހެދުމުގެ މަސައްކަތް ކުރުމަށް އެ ބޭފުޅުން ތިއްބެވީ ތައްޔާރަށެވެ.

ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މަގު ހެދުމުގެ ކަންތައް ލަސްވެގެން އުޅެނީ އިދާރީ މައްސަލަތަކެއްގެ ސަބަބުންނެވެ. ނަމަވެސް އިދާރީ ގޮތުން ދިމާވި މައްސަލައެއްގައި ކަނޑައެޅިގެން ދޮގު ހެދުމަކީ އޭގެ ސަބަބުން ކައުންސިލާއި މެދު ރައްޔިތުން ދެކޭ ގޮތް ބަދަލު ވާނެ ކަމެއްކަން ކަށަވަރެވެ.

ކޮންމެ އަކަސް މިއަދު ޓެކްސީ ޑްރައިވަރުން ހިތަދޫގައި ކުރި މަސައްކަތަކީ ނަމޫނާ މަސައްކަތެކެވެ. އެބޭފުޅުން މައްސަލައަށް ހައްލު ހޯދަން މަސައްކަތް ކުރެއްވިއެވެ.ޙިކްމަތްތެރި ކަމާއި އެކުގައެވެ. މަޝްވަރާގެ ރިވެތި އުސޫލު އިސްކުރެއްވިއެވެ. އަޅުގަނޑުމެން އައްޑޫ ސިޓީގެ ރައްޔިތުން ސިޔާސީ ފިކުރު އެއްކިބާ ކޮށްފައި މިއަދު ޓެކްސީ ޑްރައިވަރުން ދެއްކި ނަމޫނާ ބަލައިގަނެ ޢިބްރަތް ޙާސިލް ކުރަން ޖެހެއެވެ.