Last Updated: April 26, 20:24
Friday, April 26, 2024
ސިޔާސީ

ސިޓީ ސްކެއާ އަށް އެއްވާނެ ބަޔަކު ނުވި!

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރި މައްސަލާގައި އަޑު އުފުލުމަށް މިއަދު ހަވީރު ހިތަދޫ ސިޓީ ސްކެއާ އަށް އެއްވާން ގޮވާލި ނަމަވެސް، އެތަނަށް އެއްވާނެ ބަޔަަކު ނުވި އެވެ.

ހަވީރު 4:00 ގައި މުޅި އައްޑޫ އަޑު އުފުލަން ނިކުންނާނެ ކަމަށް ބުނެ އެމްޑީޕީގެ ހިތަދޫ މެދު ދާއިރާ އިން ސޯޝަލް މީޑިއާގައި ގޮވާލި ނަމަވެސް، އެ ސަރަހައްދަށް އެއްވެސް ބަޔަކު އެއްްވެފައި ނުވާކަން ފާހަގަ ކުރެވެ އެވެ.

"އައްޑޫ ލައިވް" ގެ ރިޕޯޓަރުން އެ ސަރަހައްދަށް ބަރާބަރު 4:00 ގައި ދިޔަ އެވެ. އެކަމަކު އެތަނުގައި އާންމުންގެ މީހެއްގެ އިތުރުން ފުލުހުންގެ ބަޔަކު ވެސް ނެތެވެ. ސިޓީ ސްކެއާ އޮންނާނީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ކުރިމަތީގަ އެވެ.

ޓެރަރިޒަމްގެ ދައުވާ އުފުލައި، ނަޝީދު ހައްޔަރު ކުރުމާ ގުޅިގެން، އެމްޑީޕީގެ މެމްބަރުން ގިނަ އައްޑޫގައި މިހާތަނަށް މާ ބޮޑު ހަރަކާތެއް ނުބާއްވަ އެވެ.

ރޭ މަރަދޫފޭދޫ ދިރާގު އޮފީސް ކުރިމަތިން އޮންނަ ސަރަހައްދަށް ޖަމާވާން ގޮވާލުމުން ވެސް އެކަމަށް އިޖާބަ ދީފައި ވަނީ ވަރަށް މަދު އަދަދެއްގެ ބައެކެވެ.

HJH

މިއަދު ހަވީރު ސިޓީ ސްކެއާ އަށް އެއްވާން ގޮވާލުމަށް ފަހު، އެއްވެސް ހަރަކާތެއް ނުބޭއްވީ ކީއްވެގެން ކަމެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ.

ފުލުހުން ބުނެފައި ވަނީ ސިޓީ ސްކެއާއަކީ އެއްވުން މަނާ ސަރަހައްދެއް ކަމަށެވެ. އެކަމަކު އެ ސަރަހައްދާ 50 ފޫޓް ދުރުގައި އެއްވުން ބޭއްވި ދާނެ ކަމަށެވެ.

އައްޑޫގައި ހިނގައިފާނެ ހަމަނުޖެހުމަކަށް ފުލުހުން ތިބީ ތައްޔާރުވެ އެލާޓްގައި ކަމަށް ފުލުހުން ބުންޏެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެމްޑީޕީން ގޮވައިލާ އެއްވުންތަކަށް މިހާރު ކުރިއާ ހިލާފަށް އާންމުންގެ ފަރާތުން އެކަށީގެންވާ އިޖާބައެއް ނުލިބެނީ ފެބްރުއަރީ 8، 2012 ގައި އައްޑޫގައި ހުޅު ރޯކުރުމުގެ ބޮޑު ޖަރީމާއެއް ހިންގައިފައިވާތީ އެވެ.

އެ ހާދިސާގައި އައްޑޫގެ މެޖިސްޓްރޭޓް ކޯޓްތަކާއި ފުލުހުންގެ މަރުކަޒުތަކާއި ފުލުހުންގެ ގިނަ އަދަދެއްގެ ވެހިކަލްތައް ވަނީ އަންދާ އަޅި އަށް ހަދާލައިފަ އެވެ.

އެ ޖަރީމާ ހިންގީ ނަޝީދު ފެބްރުއަރީ 7، 2012 ގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.