Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

މާފަންނު ހެދިގޮނޑުދޮށް މިރޭ ހުޅުވާ ރަސްމިއްޔާތުގައި ވެސް އީސީސީގެ ގޮނޑިތައް ބައިވެރިވާނެ!

މާލޭ ހުޅަނގު ފަރާތުގައި އަލަށް ހެދި ހެދިގޮނޑުދޮށް މިރޭ ރަސްމީކޮށް ހުޅުވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ގެންދާއިރު އަތޮޅު ތެރޭގައި ތިބި ރައްޔިތުން އަދިވެސް ތިބީ މާޔޫސްކަމުގައެވެ. އެމީހުންގެ ރަށުގައި ފަށަން ބުނި ޕްރޮޖެކްޓުތައް ދައުލަތުގެ ބަޖެޓު "ތާށިވެގެން" ނުފެށުނީ ކަމަށް ސަރުކާރުން ބުނަމުން ގެންދާތާ އަހަރުތަކެއް ވަނީ ފާއިތުވެގެން ގޮސްފައެވެ.

ދައުލަތުގެ ބަޖެޓު "ތާށިވެގެން" އެންމެ ގިނަ މަޝްރޫޢުތަކެއް ހުއްޓިފައިވާ އެއް ސަރަޙައްދަކަށް ވާނީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ ގިނަ ބަޔަކު ދިރިއުޅެމުން ގެންދާ އައްޑޫއެވެ. އައްޑޫ އާއި ޖެހިގެން އޮތް ފުވައްމުލަކާއި ރާއްޖޭގެ އުތުރުގައި އޮތް ހދ.ކުޅުދުއްފުށީގެ އިތުރުން ހއ. އަތޮޅުގެ ހާލަކީ ވެސް މިއީ އެވެ.

އަތޮޅު ތެރޭގައި ތަރައްޤީގެ މަޝްރޫޢުތައް "ކަހަނބު" ދުވެލީގައި ކުރިއަށް ގެންދާއިރު ވެސް އެކަމުގެ ޝަކުވާ ބައެއް މީހުން ކުރާކަށް ބޭނުމެއް ނުވެއެވެ.އެމީހުންގެ ވާހަކައަކީ، ރައީސް ޔާމީންގެ ސަރުކާރުން ކުރަމުން ގެންދާ ކޮންމެ ކަމަކުން ފެންނަމުން ދަނީ "އުއްމީދު" ކަމަށެވެ.

އައްޑޫއަށް ބަލާއިރު އެ "އުއްމީދު" ފެންނަމުން ދަނީ ހަމައެކަނި ސަރުކާރުން ތަބަކަށް ލައިގެން އައިސް ވަޒީފާތައް ދިން މީހުންނަށެވެ. ނުވަތަ ކޮންމެވެސް ގޮތަކުން ސަރުކާރުން ނާޖައިޒު މަންފާއެއް ލިބޭ ބަޔަކަށެވެ.

އެމީހުންނަށް މިރޭ އާޓިފިޝަލް ބީޗް ހުޅުވުމަށް ބާއްވާ ރަސްމިއްޔާތުގައި ފެނިގެންދާނެ "އުއްމީދު" އާކޮށްދޭ މަންޒަރަކަށް ވެގެންދާނީ އެތަނުގައި އީސީސީގެ ގޮނޑިތައް އަތުރާފައި ހުރުން ކަމަށް ވެދާނެއެވެ.

ނަމަވެސް އެއީ އައްޑޫ ދެކެ ލޯބިވާ ކޮންމެ ރައްޔިތެއްގެ ހިތްތަކަށް އެމަންޒަރެއް ފެނުމުން ފުން އަސަރުތަކެއް ކުރުވާނެ ކަމެކެވެ.

އެމީހުން ހިތާމަކުރަނީ، ގޮނޑިތައް ގެންދިއުމަކުން ނޫނެވެ. އެގޮނޑިތައް ފެންނަ ކޮންމެ ފަހަރަކު އެމީހުން ހަނދާން ވަނީ އެތައް މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ އިމާރާތެއް ވީރާނާކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތެވެ.

ސަރުކާރުގެ އިދާރާތަކުން ބުނެފައިވާ ގޮތުގައި މާލޭގެ ހުޅަނގުފަރާތުގައި ހަދާ އާރޓިފިޝަލް ބީޗަކީ 41.5 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. ނަމަވެސް މިއީ ސައްޙަ އަދަދެއް ނޫން ކަމަށް ގިނަ ބަޔަކު ސުވާލު އުފައްދައެވެ.