Last Updated: April 27, 09:44
Saturday, April 27, 2024
ޚަބަރު

ގައްބެ ފުވައްމުލަކަށް ދަތުރުކުރަމުން ދަނީ! މާދަމާ ހަވީރު އައްޑޫއަށް އަންނާނެ!

ރާއްޖެ ވަށައިގެން ކަތަމަރާނެއްގައި ދަތުރުކުރަމުން އަންނަ އަބްދުލް ޢަފޫރް އަލީ (ގައްބެ) މިއަދު ހެނދުނު ގދ. ވާދޫން ނިކުމެ ފުވައްމުލަށް ދަތުރުފަށާފައިވާ އިރު މިއަދު ހަވީރު ފުވައްމުލަކު ތުނޑއަށް ކައިރި ކުރެވޭނެކަމަށް އެޓޯލް ސެއިލާސްއިން ބުނެފިއެވެ.

މިއަދު ހަވީރު ގައްބެ ފުވައްމުލަކު ތުނޑިއަށް ކައިރި ކުރާއިރު އޭނާއަށް މަރުހަބާ ކިއުމުގެ ހުރިހާ ތައްޔާރީތައް އޮތީ ތުނޑީގައެވެ. އަދި މިރޭ ގައްބެ ފުވައްމުލަކުގައި މަޑު ކުރުމަށްފަހު އައްޑޫއަށް ދަތުރު ފަށާނީ މާދަމާ ހެނދުނުއެވެ.

އައްޑޫން ގައްބެއަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުން އަންނަ "ޑިސްކަވާ އައްޑޫ"ން ބުނީ މާދަމާ ހަވީރު 3 ޖަހާއިރަށް ގައްބެ ހިތަދޫ، ބަނަދރު ސަރަހައްދުގެ ފަތާ ޓްރެކް ސަރަހައްދަށް ކައިރި ކުރެވޭނެކަމަށެވެ.

އައްޑޫން ގައްބެއަށް މަރުހަބާ ކިޔުމުގެ ހަރަކާތް ބާއްވަނީ ހިތަދޫ ބަނދަރު ސަރަހައްދުގައެވެ. މަރުހަބާ ކިޔުމުގެ އިންތިޒާމް ހަމަޖެއްސުމުގައި އައްޑޫ ސިޓީ ކައުންސިލް އާއި "ޑިސްކަވާ އައްޑޫ"، އައްޑޫ ޕޮލިސް، އެމްއެންޑީއެފް ސަދަން އޭރިއާގެ އިތުރުން އައްޑޫ ސްކޫލްތަކާއި، ރޯވިން އެސޯސިއޭޝަންގެ އިތުރުން އަންހެނުންގެ ކޮމެޓީން ދަނީ ތައްޔާރު ވަމުންނެވެ.