Last Updated: May 8, 20:35
Wednesday, May 8, 2024
ޚަބަރު

މިމަހުގެ 12 ގައި ކޯއްޓޭ ސާފު ކުރަނީ! ނިކުންނަވާ!

ހިތަދޫ އުތުރު ފަރާތުގައިވާ އިދިގަލި ކިޅި އާއި ކޯއްޓޭގެ ހިތްގައިމު ސަރަހައްދަކީ ރާއްޖޭގެ ގުދުރަތީ ގޮތުން އެންމެ މުއްސަދި ތަނެވެ. އެތަނުގެ ވެށި ހިމާޔަތް ކުރުމަށް އެތައް މަސައްކަތެއް ކުރަމުން އަންނަ އިރު އަދިވެސް އެކަމަށް ގިނަ ބައެއްގެ ފުރިހަމަ އެއްބާރުލުމުއް ނުލިބެއެވެ.

ފަޅަށް އެސަރަހައްދު އޮންނަ ތަން ފެނުމުން ބައެއް ފަރާތްތަކުގެ ސިކުޑިއަށް އެތަނަކީ ކުނި އުކާލާ ގޮޑެއް ގޮތަށް ސިފަވިޔަސް އެއީ އައްޑޫގެ އިގްތިސާދާއި ގުޅިފައިވާ މުހިއްމު ތަނެކެވެ. އެހެންވެ އެތަނުގެ މަންފާ އައްޑޫ ރައްޔިތުން މިއަދު މިވަނީ ނަގަން ޖެހިފައެވެ.

އިކޯ ޓޫރިޒަމަށް ހާއްސަކޮށްގެން އީދަގިލި ކިޅީގެ ފުރަތަމަ ފޭސް މަސައްކަތް ނިންމާފައިވާ އިރު އަދިވެސް އެތަނަށް ބައެއް ފަރާތްތަކުން ކުނި އަޅާ ތަންގެ ބައެއް ތަކެއްޗަށް ދަނީ ގެއްލުން ދެމުންނެވެ.
hjkhk (1)

ފެބްރުއަރީ 12 ކޯއްޓޭ ސާފުކުރާ ދުވަސް

ކޯއްޓޭގެ ރީތި މާހައުލުގައި އިކޯ ޓޫރިޒަމް ފެށުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިމަހުގެ 12 ވަނަ ދުވަހު އައްޑޫގެ ތަފާތު މުވައްސަސާ ތަކާއި ގުޅިގެން އެންވައިރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މިވަނީ ކޯއްޓޭ ސާފު ކުރަމަށް ނިންމާފައެވެ.

މި ބޮޑު މަސައްކަތުގައި އައްޑޫގެ ގިނަ ރައްޔިތުން ބައިވެރިވުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އީޕީއޭއިން ބުނީ 12 ވަނަ ދުވަހުގެ ހަރަކާތް ކުރިއަށް ގެންދާނީ 3 ގްރޫޕަކަށް ބަހާލައިގެން ކަމަށެވެ. މަސައްކަތަށް ބޭނުންވާ ސާމާން އީޕީއެއިން ފޯރުކޮށްދޭ އިރު، އެމްއެންޑީއެފް އާއި ޕޮލިހުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ދޭން ވަނީ ނިންމާފައެވެ.

މިފަދަ މުހިއްމު މަސައްކަތްތަކުގައި މީގެ ކުރިންވެސް އައްޑޫ ރައްޔިތުން ވަނީ ރާއްޖޭގެ އެހެން ކަންކޮޅުތަކަށް ނަމޫނާ ދައްކާފައެވެ.

އެގޮތުން ބައިނަލް އަގްވާމީ ފުޓްބޯޅަ މުބާރާތަކާއި، ގައުމީ މުބާރާތް ބޭއްވި އަދި ރާއްޖޭގެ އެންމެ ރީތި ސްޓޭޑިއަމްގެ ފުރަތަމަ މަސައްކަތް ތަކުގައި އައްޑޫ ރައްޔިތުން ވަނީ ނިކުމެ، ނަމޫނާ ދައްކާފައެވެ.

އީޕީއޭ އާއި އެކު ސާފުކުރުމުގެ ކަންކަން އިންތިޒާމް ކުރުމުގައި އެހީތެރިވާ އައްޑޫ ސިޓީ ކައުންސިލުން ވަނީ މި ހަރަކާތަށް އެއްބާރުލުން ދިނުމަށް އައްޑޫ ރައްޔިތުންނަށް ގޮވާލާފައެވެ.

ކޯއްޓޭ އާއި އީދިގަލި ކިޅި ހިމެނޭ ސަރަހައްދުގެ ގުދުރަތީ ރީތިކަން އަންނަން އޮތް ޖީލްތަކަށް ފޯރުކޮށްދިމުނުގެ ޒިއްމާ މިއަދު އޮތީ އަޅުގަނޑުމެންގެ ބޮލުގައެވެ. އެހެންވެ ފަރުދީ ޒިންމާ އާދާ ކުރަމާ ހިނގާށެވެ!

ފެބްރުއަރީ 12 ވަނަ ދުވަހުގެ ހަރަކާތް "އައްޑޫލައިވް" އިން ކަވަރު ކުރަމުންދާނީ މިނޫހުގެ އިޖްތިމާއީ ޒިއްމާގެ ތެރެއިން "ނަލަނަލަ އައްޑޫ" ޝިއާރުގެ ދަށުންނެވެ.