Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ރައީސް ޔާމިންގެ ބޭންކް ތަފްސީލް ދިނުމަށް އިންކާރުކުރުމުން އެސީސީ އިން ދަޢުވާކުރަން ނިންމައިފި!

ރައީސް ޢަބްދުﷲ ޔާމިންގެ ބޭންކް ޑީޓެއިލްސް ދިނުމަށް އިންކާރުކުރުމުން ޒިންމާވާންޖެހޭ ފަރާތްތަކުގެ މައްޗަށް އެސީސީ އިން ދަޢުވާކުރަން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުން އޭސީސީ އިން ތަޙުޤީޤުކުރަމުންދާ މައްސަލައަކާއި ގުޅިގެން، ރައީސް ޢަބްދުﷲ ޔާމީންގެ ނަންމަތީގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓްތަކަށް ފާއިސާ ޖަމާކުރެވިފައިވާ ގޮތާއި، ކޮން ފަރާތްތަކަކުން ޖަމާކޮށްފައިވާ ފާއިސާއެއްކަން އެނގޭނެ އިންތިޒާމް ހަމަޖެއްސުމަށް އޭސީސީ އިން ވަނީ ބޭންކުގައި އެދިފައެވެ.

ނަމަވެސް އޭސީސީގެ ފަރާތުން ތަކުރާރުކޮށް މި މަޢުލޫމާތުތައް ދިނުމަށް އެދުމުންވެސް އެކަމަށް އެމްއައިބީ އިން މިހާތަނަށް އިޖާބަދީފައި ނުވާތީ ޒިންމާވާންޖެހޭ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށް އެސީސީއިން ވަނީ ނިންމާފައެވެ.

ނަން ހާމަނުކުރުމަށް ޝަރުޠުކޮށް "އައްޑޫލައިވް" އަށް މައުލޫމާތުދިން އޮފިޝަލް ވިދާޅުވީ ބޭންކުން ހޯދުމަށް އެދިފައިވާ މަޢުލޫމާތުތައް ލިބިފައިނުވުމުން ތަޙުޤީޤަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވެފައިވާކަމަށެވެ. އަދި ދަޢުވާކުރުމަށް ނިންމާފައިވަނީ އެކޮމިޝަނުން ބަލަމުންދާ މައްސަލައަށް މި މައުލޫމާތު ނުލިބުމާއި ގުޅިގެން ހުރަސްތައް ކުރިމަތިވަމުންދާތީ ކަމަށެވެ.

އޭސީސީ އިން ރައީސް ޔާމީންގެ ނަންމަތީގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކުގެ ޑީޓެއިލްސް ހޯދުމަށް އެދިފައިމިވަނީ އިދިކޮޅު ފަރާތްތަކުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި ބައެއް އިދިކޮޅު ފަރާތްތަކުން ރައީސްގެ އެކައުންޓަށް ފާއިސާގެ ބޮޑެތި ޢަދަދުތައް ޖާމާކޮށްފައިވާ ސްލިޕްތައް ވެސް އާންމުކޮށްފައި ވަނިކޮށެވެ.

"އައްޑޫލައިވް" އަށް އެނގިފައިވާގޮތުން އޭސީސީއިން ރައީސް ޔާމީންގެ ބޭންކް ތަފްސީލް ހޯދުމަށް އެދިފައިވަނީ އެކޮމިޝަނުން ތަހުޤީގު ކުރަމުންދާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާއި ގުޅިގެންނެވެ.