Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ޢަބްދުﷲ ޤާޟީ ޗުއްޓީއަށް ވަޑައިގެންނެވީ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އާއި ދެބަސްވުމަށްފަހު !!

ކްރިމިނަލް ކޯޓުގެ އިސް ޤާޟީގެ މަޤާމުގައި ހުންނެވި ޢަބްދުﷲ މުޙައްމަދު ކޯޓުގައި ހިނގަމުންދާ ބައެއްކަންކަމާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދު އާއި ދެބަސްވުމަށްފަހު ޗުއްޓީއަށް ވަޑައިގެންފިއެވެ.

އައްޑޫލައިވް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޢަބްދުﷲ ޤާޞީ ހިތްހަމަނުޖެހުން ފާޅުކޮށްފައިވަނީ ކްރިމިނަލް ކޯޓުން ބައެއް ކަންކަމުގައި ނިންމާފައިވާ ނިންމުންތައް ބަދަލުކުރުމަށް އުއްތަމަ ފަނޑިޔާރު ބާރުއަޅުއްވަމުންދާ މައްސަލައިގައެވެ.

މިގޮތުން ކްރިމިނަލް ކޯޓުން ޝެއިޙް އިމްރާން ގޭބަންދަށް ބަދަލުކޮށްފައި ވަނިކޮށް ކުއްލިގޮތަކަށް އަނބުރާ ޖަލަށް ބަދަލުކުރި މައްސަލައާއި، ހާމިދު ސޭޓު ގޭބަންދުން ކުއްލިގޮތަކަށް ޖަލަށް ބަދަލުކުރުމުގައި ކްރިމިނަލް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތައް ބަދަލުކުރުމަށް އުއްތަމަ ފަނޑިޔާރު ކޯޓުގެ ޤާޟީން ނަހަމަ ގޮތުގައި ބޭނުންކޮށްފައިވުން ހިމެނެއެވެ.

އެގިފައިވާގޮތުން ކްރިމިނަލް ކޯޓުގައި ޝެއިޙް އިމްރާން މައްޗަށް ހިނގަމުންދާ ޝަރީޢަތުގެ ޤާޟީ ބަދަލުކުރުމަށްވެސް ޢަބްދުﷲ ޤާޟީ ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް އެކަން ކުރެވޭގޮތްނުވީ ކޯޓުގެ ބައެއް ޤާޟީންގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވުމުން ކަމަށް ވިދާޅުވެ ޢަބްދުﷲ ޤާޞީ ވަނީ ޝަކުވާއުފުލާފައެވެ.

އަދި ކްރިިމިނަލް ކޯޓުގެ އިސް ޤާޞީގެ ހައިޞިއްޔަތުން އަދާކުރައްވަންޖެހޭ އެއްވެސް ޒިންމާއެއް އަދާކުރުމުގެ ފުރުޞަތު މިހާރު ނެތުމުން މިކަންކަން ހައްލުކޮށް ދިނުމަށްވެސް ޢަބްދުﷲ ޤާޟީ އުއްތަމަ ފަނޑިޔާރުގެ ކިބައިން އެދިފައިވެއެވެ.

ދެންނެވުނު ކަންކަމާއި ގުޅިގެން ޢަބްދުﷲ ޤާޟީ ޝަކުވާކޮށް ދެބަސްވުމާއި ގުޅިގެން، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު މިހާރުވަނީ އެކަންކަމާއި ހިތްހަމަނުޖެހިގެން ޢަބްދުﷲ ޤާޞީ އެހެން ކޯޓަކަށް ބަދަލުކޮށްފާނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުން ކައިރި މުސްތަގްބަލެއްގައި ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ކަމަށް ޤާޟީ ބާރީ އައްޔަންކޮށް، ޢަބްދުﷲ ޤާޟީ އެހެން ކޯޓަކަށް ބަދަލުކުރެވިގެންދާނެއެވެ.