Last Updated: April 26, 18:07
Friday, April 26, 2024
ސިޔާސީ

ފެންނަނީ ކާމިނީގޭ އަނިޔާވެރިކަން: ރޮޒައިނާ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޢަމަލްތައް ހުރި ގޮތުން މިހާރު ފެންނަމުން މިދަނީ "ކާމިނީގޭ އަނިޔާވެރިކަން" ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީ ގުޅިގެން ރޭ މާލޭ ސިޓީ ކައުންސިލް އިދާރާ ކުރިމަތީގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުން ރޮޒައިނާ ވިދާޅުވީ މި ރާއްޖޭގެ ކަންތައްތައް ކުރިއަށްދާނީ ކާމިނީގޭ އާއިލާ ބޭނުންވާ ގޮތަށް ނޫން ކަަމަށާއި ރާއްޖޭގެ ކަންކަން ކުރިއަށްދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން ހުކުރު ދުވަހު މާލޭގެ މަގުތަކުގައި ކުރި މުޒާހަރާއިން ވެސް ސާބިތުވެގެން ދިޔައީ ރައީސް އަބްދުﷲ ޔާމީނަށް ދިވެހި ރައްޔިތުންގެ ތާއިދު ނެތް ކަން ކަމަށެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވަމުންދާ މައްސަލަ ދިރާސާ ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފައި ވާތީ އެކަމަށް ރައްދު ދެއްވައި ވާހަކަފުޅު ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބޭރުން ސިޔާސީ މީހުން ހައްޔަރުކޮށް ކޯޓްތަކުން ހިތުހުރިހައި ގޮތަކަށް ކަންތައް ކުރަމުންދާ ނަމަ މި ރާއްޖެ އަށް އެއްވެސް ބަޔަކު ޒިޔާރަތްނު ކުރާނެ ކަމަށެވެ.

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ ސިޔާސީ މީހުން ބަންދުގައި ބައިތިއްބައިގެން ޝަރީޢަތް ކުރުމަކީ 21 ވަނަ ގަރުނުގެ ސިފައެއް ނޫން ކަމަށް ރައީސް ޔާމީން ވެސް ކުރިން ވިދާޅުވެފައިވާ ކަމަށެވެ.

ސިޔާސީ މީހުންނާއި ތަފާތު އެކި މީހުން ބަންދުގައި ބައިތިއްބައިގެން ޝަރީޢަތްކުރުމަކީ މިހާރު ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށެވެ.

އެހެންކަމުން މިހާރު ސިޔާސީ އެކި ތުހުމަތުތަކުގައި ބައްދަކޮށްފައިވާ މީހުން ދޫކޮށްލުމަށް ރޮޒައިނާ ވަނީ ގޮވާލައްވާފަ އެވެ.