Last Updated: April 26, 23:59
Friday, April 26, 2024
މުނިފޫހިފިލުވުން

މަޖޫ ކައިވެނިކޮށްފި

މިހާރު ވިދަމުން އަންނަ އުންމީދީ ޒުވާން ބަތަލާ މަރިޔަމް މަޖުދާ (މަޖޫ) ކައިވެނިކޮށްފި އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 26 އަހަރުގެ ކައިވެނި ކުރީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. އަދި އޭނާ ކައިވެނި ކުރީ ފާރިޝް ކިޔާ ޒުވާނަކާ އެވެ.

އޭނާ ބުނީ ކައިވެނި ކުރިޔަސް ފިލްމީ ދާއިރާ އިން ކުރިއަށް ދާނެ ކަމަށެވެ. އަދި އެކަމަށް ފިރިމިހާގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ވެސް ލިބެމުން އަންނަ ކަމަށް ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ހުޅުދާން" އިން ފިލްމީ ދާއިރާ އަށް ލޯންޗްވި ބަތަލާ ބުންޏެވެ.

އޭނާ ވަނީ މީގެ ކުރިން ވެސް ކައިވެންޏަށްކޮށްފަ އެވެ. އެ ކައިވެންޏަށް ލިބިފައިވާ ދަރިފުޅަށް މިހާރު އަށް އަހަރެވެ.

HJKH (1)

ގިނަ ބައެއްގެ ތައުރީފް އޮހުނު "ހުޅުދާން" އިން ބޮޑު ސްކްރީނަށް ނިކުތުމުގެ ކުރިން މަޖޫ ވަނީ "ސޯލް" ޑީވީގެ ބައެއް ވީޑިއާ ލަވަތައް ވެސް ކުޅެފަ އެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޑާކްރެއިނުން ގެނެސްދޭ އަދި މި އަހަރުގެ އެންމެ އުންމީފީ ފިލްމުގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާ "އެންމެ ފަހު ވިންދާ ޖެހެންދެން" ހިމެނެ އެވެ.

މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 5 ވަނަ ދުވަހު އެވެ.

"އެންމެ ފަހު ވިންދާ ޖެހެންދެން" ގައި މަޖޫ ފެނިގެން ދާނީ ވިދަމުން އަންނަ ޒުވާން އެކްޓަރު ޖުމައްޔިލް ނިމާލާ އެކުގަ އެވެ.

HJKH (2)

މީގެ އިތިރުން މަޖޫގެ ކުރިއަށް ހުރި އެހެން ފިލްމުތަކުގެ ތެރޭގައި މާސްކޭ ސްޓޫޑިއޯގެ "ޕްލޭން ބީ" އާއި "ހަތަރު ހަޅަ" ހިމެނެ އެވެ.

ހަތަރު ޑައިރެކްޓަރެއްގެ ހަތަރު ސެގްމަންޓް ހިމެނޭ "ހަތަރު ހަޅަ" އިން މަޖޫ ފެނިގެން ދާނީ ރާވީ ފާރޫގް ޑައިރެކްޓްކޮށްފައިވާ "ގާތިލް" ސެގްމަންޓުންނެވެ.