Last Updated: April 19, 11:14
Friday, April 19, 2024
ރިޕޯޓް

ޝަންގްރިއްލާ އަށް ފިސްތޯލައެއް "ގެއްލުނު"

ރައީސް ޔާމީން ފޭދޫގައި އޮތް ޖަލްސާއެއްގއި ވާހަކަ ދައްކަވަނީ. ފޮޓޯ/ ރައީސް އޮފީސް

ޤައުމީ ދިފާއީ ބާރު، އެމްއެންޑީއެފްގެ ކޯޕްރަލްއެއް އަތުން މިދިޔަ އަހަރު ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ ގެ ތެރެއަށް ފިސްތޯލެއް ގެއްލުނު ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ވަކީލުން ކްރިމިނަލް ކޯޓުގައި ކުރެއްވި ތުހުމަތަކީ އަސްލު ވެސް ހިނގާފައިވާ ކަމެއްކަން "އައްޑޫ ލައިވް"އަށް ކަށަވަރުވެއްޖެ އެވެ.

"އައްޑޫ ލައިވް" ގެ ޓީމުގެ ފަރާތުން ވަނީ މިކަމުގެ ހަޤީޤަތް ހޯދުމަށްޓަކައި ޝަންގްރިއްލާ ރިސޯޓުގެ ބައެއް މުވައްޒަފުންނާ ސުވާލުކޮށް މައުލޫމާތު ހޯދައިފަ އެވެ.

އެކަމަކު މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެއްވެސް މުވައްޒަފެއްގެ ނަން ހާމަކުރެވެން ނެތީ އެވެ.

ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ގެ ތެރެއަށް ފިސްތޯލައެއް ގެއްލުމުގެ ހާދިސާއެއް ހިނގާފައި ވަނީ މިދިޔަ އަހަރު ޖެނުއަރީ 16-17 އަށް ރައީސް އަބްދުﷲ ޔާމީން އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު އެ ރިސޯޓުގައި ހުންނަވަނިކޮށެވެ.

އޭރު ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބްގެ އިތުރުން ޔޫތު މިނިސްޓަރު މަލީހް ޖަމާލް ވެސް ހުންނެވީ އެ ރިސޯޓުގަ އެވެ.

"ފިސްތޯލަ ގެއްލުނުކަން އެނގުނީ އެ ފެނުމުން"

"އައްޑޫ ލައިވް"އަށް މައުލޫމާތު ދިން ޝަންގްރިއްލާގެ މުވައްޒަފުން ބުނެފައި ވަނީ ފިސްތޯލަ ފެނިފައި ވަނީ 219 ނަންބަރު ކޮޓަރީގެ ރީޑިން ޓޭބަލްގެ މަތިންނެވެ. އޭރު ރައީސް ޔާމީން އާއި އެ މަނިކުފާންގެ ސެކިއުރިޓީ އަދި ސަރުކާރުގެ އިސްވެރިން ތިއްބެވީ ޝަންގްރިއްލާއިން ފުރަން ގޮސް ޖައްވު ރެސްޓޯރެންޓްގަ އެވެ.

ފެނުނު ފިސްތޯލަ އޮތީ ވަޒަން "ލޯޑްކޮށްފައި" ކަމަށް އެ މުވައްޒަފުން ބުންޏެވެ.

"އެބޭފުޅުން ތިއްބެވީ ޖައްވު ރެސްޓޯރެންޓަގައި. އޭރު ދެން އޮތީ ރެސްޓޯރެންޓުން ސީދާ ޑިޕާޗާއަށް ނައްޓާލާ ގޮތަށް. ދެން ރޫމް ސާފު ކުރަން ވަދެ އުޅެނިކޮށް (ނަން އުނިކުރެވިފައި) އަށް ފެނުނީ ފިސްތޯލަ. އެއާ އެއްކޮށް މެގަޒިން އެއްވެސް އޮތް. އޭނާ އަޅުގަނޑާއި އެހެން ބައެއް މުވައްޒަފުންނަށް ވެސް އެ ފިސްތޯލު ދެއްކިން. ދެން ބައެއް މީހުން ބޭނުންވި ފޮޓޯ ނަގަން. ނަމަވެސް އޭނާ އެއްބަހެއް ނުވި ފޮޓޯ ނެގުނަ ދޭކަށް. މިކޮޅުގަ ހިނގާ ކަންތައް އެފްބީގައި ޖެހުމުން ވަޒީފާ ގެއްލުމުގެ ބިރު އޮވޭ. އެހެންވެ އޭނާ ދިޔައީ ސީދާ ރެސްޓޯރެންޓަށް ދާންވެގެން އެބޭފުޅުންނާއި (ރައީސް ޔާމީންގެ ސެކިއުރިޓީ އިންނާ) ފިސްތޯލަ ހަވާލުކުރަން. ދިޔަ މަގުމަތީގައި ޖީއެމް އާއި ދިމާވީ . ދެން ޖީއެމް އެ ހިފައިގެން ގޮސް އުޅުއްވީ ސީދާ ރައީސް ޔާމީން އާއި ހަވާލު ކުރަން. ނަމަވެސް ސެކިއުރިޓީ މީހުން އޭތި (ފިސްތޯލަ) އަތުލީ." ޝަންގްރިއްލާގައި މަސައްކަތް ކުރާ (ނަން އުނިކުރެވިފައި) ބުންޏެވެ.

ފިސްތޯލު ގެއްލުމުގެ ހާދިސާ ހިނގި އިރު ޖައްވު ރެސްޓޯރެންޓްގައި ވެއިޓަރަކަށް ހުރި މުވައްޒަފަކު ބުނިގޮތުގައި އެމްއެންޑީއެފްގެ ސެކިއުރިޓީން ވަނީ އެވާހަކަ ނުދެއްކުމަށާއި ފޭސްބުކްގައި ވެސް ނުލިޔުމަށް ތަކުރާރުކޮށް އެދިފަ އެވެ.

"ރިސޯޓުގެ ހުރިހާ މުވައްޒަފުން ވެސް ދަންނަ ބޮޑު ސިއްރެއް އެއީ. ދެން ކޮޕުން ބުނި މިވާހަކަ ނުދައްކާށޭ ދެން. އެފްބީގަ ނުލިޔައްޗޯ. އަސްލު އެމީހުންގެ ފަރުވާކުޑަކަން ދޯ . ފެނުނު މީހުންގެ ތެރެއިން (ނަން އުނިކުރެވިފައި) އޭނާގެ ފޭސްބުކްގައި އެ ވާހަކަ ލިޔުނު. އެކަމަކު ފަހުން އޭނާ އެ ޕޯސްޓް ޑިލީޓް ކޮށްލީ."

2011 ވަނަ އަހަރު އައްޑޫގައި ބޭއްވި ސާކް ސަމިޓްގެ ތެރޭގައި އެމްއެންޑީއެފްގެ ބޭފުޅުން ހަތިޔާރާއި އެކު ހަރަކާތްތެރިވަނީ.
2011 ވަނަ އަހަރު އައްޑޫގައި ބޭއްވި ސާކް ސަމިޓްގެ ތެރޭގައި އެމްއެންޑީއެފްގެ ބޭފުޅުން ހަތިޔާރާއި އެކު ހަރަކާތްތެރިވަނީ.

ފިސްތޯލަ ފެނުނީ ސެކިއުރިޓީންގެ ރޫމުން

"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާގެ މުވައްޒަފުންތަކަކަށް ފިސްތޯލަ ފެނުނީ ރިސޯޓްގެ ރޫމް ނަންބަރ 219 އިންނެވެ.

އެ ރޫމަކީ އެސްޕީޖީ ބޮޑީ ގާޑު ބޭފުޅުން ތިބި ރޫމެވެ. ފިސްތޯލަ ހިފައިގެން ގޮސް ސިފައިންނާ ހަވާލު ކުރި ރިސޯޓުގެ އޭރުގެ ޖީއެމް ރެން އެގްލޭ މިހާރު މަސައްކަތް ކުރަނީ މޮރިޝަސްގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

"އަޅުގަނޑަކަށް ނޭނގޭ ކޮން ވައްތަރުގެ ފިސްތޯލައެއް ކަމެއް. އެކަމަކު އެއީ ކަޅު ކުލައިގެ ފިސްތޯލައެއް. އެއާއި އެކު ވަޒަން ވެސް ހުރި. ފިސްތޯލަ ހަވާލު ކުރުމުން ރައީސް ވަރަށް ރުޅި އައިސްފައި ހުރީ. އޭރު އެތާގައި މެޓްރިކްސް މޯޑް އާއި މިނިސްޓަރ އަދީބު ވެސް ހުރި. ފަސްޓް ލޭޑީ ވެސް ހުރި،" ރެން އެގްލޭ ފިސްތޯލަ ހިފައިގެން ގޮސް ހަވާލުކުރި މަންޒަރު ދުށް މުވައްޒަފަކު ނަން ހާމަ ނުކުރުމަށް އެދި ބުންޏެވެ.

ގަމުގައި މަސައްކަތް ކުރާ އެމްއެންޑީއެފްގެ އިސް ބޭފުޅަކު ނޫހުގައި ނަންނުޖެހުމަށް ޝަރުތުކޮށް ބުނިގޮތުގައި މިދިޔަ އަހަރު ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާގެ ތެރެއަށް ފިސްތޯލައެއް ގެއްލުނެވެ. އަދި އެފިސްތޯލަ ގެއްލުނު މައްސަލަ ތަހުގީގު ކުރީ މާލޭ އޭރިޔާ އިން ކަމަށް އޭނާ ވަނީ މައުލޫމާތު ދީފަ އެވެ.

ގެއްލުނީ ކާކުގެ ބޮޑީގާޑެއްގެ ފިސްތޯލައެއް؟

"އެފިސްތޯލަ ގެއްލުނީ މިނިސްޓަރެއްގެ ބޮޑީގާޑަކަށް އުޅުނު މީހެއްގެ އަތުން . އަހަރެން ދެކުނިން އެ ސިފައިންގެ މީހާ އާ ވަކިން ވާހަކަ ދައްކަން މިނިސްޓަރު (ނަން އުނިކޮށްފައި) ހުރި ތަން ވެސް." ރެން އެގްލޭ ފިސްތޯލަ ހިފައިގެން ގޮސް ހަވާލު ކުރި މަންޒަރު ދުށް މުވައްޒަފު ބުންޏެވެ.

މި މުވައްޒަފުގެ އިތުރުން ރިސޯޓުގެ އެހެނިހެން މުވައްޒަފުން ވެސް ވަނީ ފިސްތޯލަ ގެއްލުނީ މިނިސްޓަރެއްގެ ބޮޑީ ގާޑުގެ އަތުން ކަމަށް ޔަޤީންކޮށް ދީފަ އެވެ.

ފިސްތޯލަ އެއް ފެނިފައި ވަނީ އެސްޕީޖީ ބޮޑީ ގާޑުން އުޅުނު ރޫމުން ކަމަށް ޝަންގްރިއްލާ ރިސޯޓުގެ މުވައްޒަފުން ބުނެފައިވާ އިރު ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދް ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތުގެ މަޖިލީހުގައި ދިފާއީ ހެކިން ހުށަހަޅަމުން އެމްއެންޑީއެފްގެ ކޯޕްރަލްއެއްގެ އަތުން ނުވައެއް އެމްއެމްގެ ބްރައުނިން ފިސްތޯލައެއް ގެއްލުނު ކަން ސާބިތު ކުރުމަށް ހެކިން ހުށަހަޅާފަ އެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްއެންޑީއެފް އިން 9 އެމްއެމްގެ ފިސްތޯލައެއް ސިފައިންގެ ބޭކަލެއްގެ އަތުން މިދިޔަ އަހަރު ރިސޯޓަކަށް ގެއްލިފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއް ކަމަށާއި ސިފައިންގެ އެއްވެސް ހަތިޔާރެއް މަދުނުވާ ކަމަށެވެ.

ނަމަވެސް މިހާތަނަށް "އައްޑޫ ލައިވް" އިން ހޯދި ހޯދުންތަކުންނާއި ހާދިސާ ހިނގި އިރު އެތަނުގައި ތިބި ޝަންގްރިއްލާ ރިސޯޓުގެ މުވައްޒަފުންގެ ވާހަކަ ތަކުން ކަށަވަރު ކުރެވިފައިވާ ގޮތުން 9 އެމްއެމްގެ ބްރައުނިން ފިސްތޯލައެއް ވިލިގިލި ރިސޯޓަށް މިދިޔަ އަހަރު ގެއްލުނު ކަމަށާއި އަދި ފިސްތޯލައެއް މަދުވިކަން ވެސް ސިފައިންނަށް އެނގުނީ ރިސޯޓުން އެ ފިސްތޯލަ ހަވާލު ކުރުމުންނެވެ.