Last Updated: April 27, 08:49
Saturday, April 27, 2024
ރިޕޯޓް

އެއީ މަތީ މަރުޙަލާއިން ބާތިލުކުރާނޭ ހުކުމެއް!

ދިވެހި ރާއްޖޭގެ ޝަރުއީ ކޯޓަކުން ހުކުމެއް ކުރީމާ އެ ޙުކުމް ސައްޙަ ނޫން ކަމަށް ބުނެ ވާހަކަ ދެއްކުމަކީ އަޅުގަނޑު ކުރާނޭ ކަމެއް ނޫނެވެ. އަދި ދިވެހި ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރަކު އިންނަވައިގެން ކުރާ ހުކުމެއް ރަނގަޅު ނޫންކަމަށް ބުނުމުގެ އެ ޢިލްމީ ޤާބިލުކަން އަޅުގަނޑުގެ ކިބައިގަން ހުރިކަމަށްވެސް ދަޢުވާއެއް ނުކުރަމެވެ.

އެހެން ނަމަވެސް، ދިރާސީ ނަޒަރަކުން މިފަދަ ޙުކުމްތަކާމެދު ވިސްނުމަކީ އަޅުގަނޑު ކުރާ ކަމެކެވެ.

ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއަކީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމުހޫރިއްޔާ، އެ މަޤާމުގައި ހުންނަވައިގެން، ސިފައިން ބޭނުންކުރައްވައިގެން ޓެރަރިޒަމްގެ ޢަމަލެއް ހިންގެވިކަމަށް ސާބިތުވާކަމަށް ނިންމެވި ޤަޟިއްޔާއެވެ.

ފެށުނީއްސުރެ ނިމެންދެން، އިޖުރާއީ މައްސަލަތައް ޤަޟިއްޔާގައި ހުރިކަމަށް ބަޔަކު ފާހަގަކުރަމުން ދިޔަނަމަވެސް، އެއޮތީ ޙުކުމް ކޮށްފައެވެ.

އެ ޤަޟިއްޔާގެ ޝަރީޢަތް ކުރިއަށް ގެންދެވުމުގައި ކުށުގެ ދަޢުވާ އުފުލިފައިވާ މީހަކަށް ލިބެންޖެހޭ ޙައްޤުތައް ލިބިދެވި ނުވާ ކަމަށް ހިއުމަންރައިޓްސް ކޮމިޝަންގެ އިތުރުން އެހެން އެތައް ފަރާތަކުން ވަނީ ފާހަގަކޮށްފަ އެވެ. އެ ޝަރީޢަތުގައި ހުރި މިފަދަ ބައެއް މައްސަލަތަކަށް މިލިޔުން ޚާއްސަ ކުރަމެވެ.

ދަޢުވާ ބަދަލުކުރުން

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް 2012 ވަނަ އަހަރު ދައުލަތުން ދަޢުވާ އުފުލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 81 ވަނަ މާއްދާގެ ދަށުންނެވެ. އެމާއްދާގައި ބަޔާންކުރަނީ ދައުލަތުގެ މުވައްޒަފަކު، ކުށްނުކުރާ މީހަކު ޤަސްތުގައި ހިފައި ހައްޔަރުކުރުމަކީ ކުށެއް ކަމުގައެވެ. މި މައްސަލައިގެ ދަޢުވާ އުފުލި 3 އަހަރުވެގެން ދިޔައިރުވެސް، މައްސަލައިގެ މައުޟޫޢުއާ ގުޅޭ ގޮތުން ވާހަކަ ދެއްކޭކަށް ނުފެށެ އެވެ.

އޭގެ ފަހުން 2015 ވަނަ އަހަރު ޕްރޮސެކއުޓަރ ޖެނެރަލް އެ ދަޢުވާ މުރާޖަޢާ ކުރެއްވުމަށް އަނބުރާ ގެންދެވުމަށްފަހު، ވަނީ ހަމަ އެއް ޙަޤީޤަތްތަކެއްގެ މައްޗަށް ބިނާކޮށް ޓެރަރިޒަމްގެ ދަޢުވާ ކުރައްވާފައެވެ.
ކުރިން ދަޢުވާ ކުރެވިފައިވާ ކުށް ސާބިތުވިނަމަ ލިބޭނޭ ޢަދަބަށްވުރެ، ފަހުން ދަޢުވާކޮށްފައިވާ ކުށުގެ އަދަބު މާބޮޑަށްވެސް ބޮޑެވެ. މިއީ ޖިނާއީ އިޖުރާޢަތްތައް ހިންގުމުގައި މުއްތަޙަމްގެ މަސްލަޙަތަށް އިސްކަން ދިނުމުގެ އުޞޫލާ ޚިލާފް ކަމެކެވެ.

ޤާނޫނީ ވަކީލެއްގެ ފުރުޞަތު ނުދިނުން

23 ފެބުރުއަރީ 2015 ތާރީޚުގައި ޓެރަރިޒަމްގެ ދަޢުވާގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންދިޔައިރު، ދަޢުވާލިބޭފަރާތުގެ ވަކީލުންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމަށް ހުއްދަ ދެއްވާފައެއް ނުވެއެވެ. ކްރިމިނަލް ކޯޓުން ޢަމަލުކުރަމުން ގެންދާ ވަކީލުން ބަލައިގަތުގެ އުޞޫލު ގައި ބުނާ ގޮތުން، ޤާނޫނީ ވަކީލެއްގެ ގޮތުގައި އެކޯޓުގެ ޝަރީޢަތަކަށް ހާޟިރުވާނަމަ، ތާވަލުކުރެވޭތާ 2 ދުވަސްކުރިން، ވަކީލެއްގެ ގޮތުގައި ޢައްޔަނުވިކަމުގެ ފޯމު ކޯޓަށް ހުށަހަޅަންޖެހެއެވެ.

އެހެންނަމަވެސް މިމައްސަލަ ހުށަހަޅާފައިވަނީ 22 ފެބުރުއަރީ 2015 ތާރީޚުގައެވެ. ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ 23 ފެބުރުއަރީ 2015 ތާރީޚުގައެވެ. 2 ދުވަހަކީ 48 ގަޑިއިރެވެ. 22 ފެބުރުއަރީ 2015 އިން 23 ފެބުރުއަރީ 2015 ގެ މެންދަމު 12 އަށް ވާނީ 24 ގަޑިއިރެވެ. އެހެންކަމުން، 22 އިން 23 އާ ދެމެދު 48 ގަޑިއރު ހޯދުމަކީ އިންސާނެއްގެ ކުޅަދާނަކަމުން ކުރެވޭނޭ ކަމެއް ނޫނެވެ. އެއީ މުސްތަޙީލު ކަމެކެވެ.

ޤާނޫނީ ވަކީލަކު ލިބިގަތުމުގެ ޙައްޤު މިމައްސަލައިގައި ހަނިކުރުން ހުއްދަކުރާ ޤާނޫނެއް ނެތެވެ. އަސާސީ ޙައްޤެއް ހަނިކުރެވޭނީ ހަމައެކަނި ޤާނޫނަކުން ކަމަށްވާއިރު، ކްރިމިނަލް ކޯޓުގެ އުޞޫލުން މިޙައްޤަށް ހުރަސް އެޅޭނަމަ، އެ އުޞޫލަކީ ބާޠިލު އުޞޫލެކެވެ.ޤާނޫނީ ވަކީލަކާ ނުލާ ކުރިއަށްދިޔަ އަޑުއެހުމުގައި ވަނީ ޝަރީޢަތް ނިމެންދެން ރައީސް މުޙައްމަދު ނަޝީދު ބަންދުގައި ބަހައްޓަންޖެހޭކަމަށް ކަނޑައަޅުއްވާފައެވެ.

ދިފާޢު ބިނާކުރުމަށް އެކަށީގެންވާ ވަގުތު ނުދިނުން

ކުށުގެ ތުޙުމަތުން ބަރީޢަވުމަށްޓަކައި އެކަށީގެންވާ ވަގުތު ލިބުމަކީ އަސާސީ ޙައްޤެކެވެ. އަދި މި ޙައްޤު ލިބިނުދެވޭ ގޮތަށް ޝަރީޢަތެއް ކުރިއަށް ގެންދިއުމަކީ އެޝަރީޢަތެއްގެ ނަތީޖާ ކަމުގައިވާ ޙުކުމް ބާޠިލުވެގެންދާނޭ ސަބަބެކެވެ. މިކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/171 ޤަޟިއްޔާގައި ވަނީ ކަށަވަރުކޮށްދީފައެވެ. ދަޢުވާއިން ދިފާޢުވުމަށް އެކަށީގެންވާ ވަގުތު ދީފައި ނެތުމުގެ ސަބަބުން، ސ.ހުޅުދޫ، މާކޯނި، ޢަބްދުﷲ ލައިސްނޫރީ ގެ މައްޗަށް ދައުލަތުން ކުޅަ އަމަން ނަގާލުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން ސ.ހުޅުދޫ ކޯޓުން ކޮށްފައިވާ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާއިން ވަނީ ބާޠިލުކޮށްފައެވެ. އެކަށީގެންވާ ވަގުތު ދީފައިވޭތޯ ނޫންތޯ ކަނޑައެޅުމުގައި ބަލާންވާނީ ކޮންމެ މައްސަލައަކަށްމެ ވަކީންނެވެ. އެއީ ކޮންމެ މައްސަލައެއްގެ ބާވަތާއި، ހިމެނޭ ހެކީންގެ ޢަދަދާއި، އެމައްސަލައިގެ ޙުކުމްގެ ސަބަބުން މުޖުތަމަޢުއަށް ކުރާނޭ އަސަރު ތަފާތުވާނެތީއެވެ.

ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއާ ގުޅިގެން ކޯޓުން މައްސަލަ ދިރާސާކުރުމަށް އެކަށީގެންވާ ވަގުތު ނުދޭކަން ފާހަގަކޮށް ދަޢުވާލިބޭފަރާތުގެ ވަކީލުން ވަނީ މައްސަލައިން ތަނާޒުލުވެފައެވެ.

އަލުން ވަކީލުން ޢައްޔަނުކުރުމަށް ފުރުޞަތު ދީފައިނުވުން

ކްރިމިނަލް ކޯޓުގެ ‘ވަކީލުން ހުށަހެޅުމާއި، ބަލައިގަތުމާއި، ވަކިކުރުމުގައި ޢަމަލުކރަންވީ ގޮތުގެ އުޞޫލު’ ގެ 4 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ބަންދުގައިހުރި މީހަކު ކަމުގައިވާނަމަ، ވަކީލަކު ހަމަޖެއްސުމަށް 3 ދުވަހާއި، 15 ދުވަހާ ދެމެދުގެ މުއްދަތެއް ދޭންޖެހެއެވެ. އެހެންކަމުން، އެންމެ މަދުވެގެންވެސް 3 ދުވަހުގެ ފުރުޞަތު ދިނުން އެ އުޞޫލުން ލާޒިމުކުރެއެވެ. އެހެންނަމަވެސް ރައީސް މުޙައްމަދު ނަޝީދަށް އަލުން ވަކީލުން ޢައްޔަނުކުރުމަށް 3 ދުވަހުގެ ފުރުޞަތުވެސް ދެއްވާފައެއް ނުވެއެވެ.

ދިފާއީ ހެކި ބަލައިނުގަތުން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/36 ޤަޟިއްޔާގެ ޝަރީޢަތުން ފާހަގަކުރި ނުކުތާތަކުގެ (ށ) ގައި ބަޔާންކޮށްފައިވަނީ، ވަކިހެކިބަހެއްގައި ހިފުމާއި، ނުވަތަ ދޫކޮށްލުމަކީ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރެއްކަމުގައި ވީނަމަވެސް، ހެކިބަހެއް އަޑުއެހުމެއްނެތި، އެހެކިބަހަކާމެދު ގޮތެއް ނިންމުމަކީ ފަނޑިޔާރުގެ އިޚްތިޔާރުގައި ވާކަމެއް ނޫންކަމަށެވެ. އެއާ ވިދިގެން އެ ޖުމްލައިގައި ފާހަގަކުރައްވަނީ އަދި އަމުދުން އެ ހެކިބަހަކީ ދިފާޢުވާ ފަރާތުން (ކުށެއްގެ ދަޢުވާ އުފުލިފައިވާ މީހާ) އަޑުއަހަން އެދޭ ހެކިބަހެއްނަމަ، އެފަދަ ހެކިބަހެއް އަޑުނާހާ ނިންމާ ނިންމުމަކީ ދިފާޢުވުމުގެ ޙައްޤަށް ބުރޫއަރާނޭކަމެއް ކަމަށެވެ.

މިއީ މިޝަރީޢަތުގައި ހިނގައިދިޔަ ބައެއް ކަންކަމެވެ. އަދި އެކަންކަމަށް މި ބަލާލެވިފައިވަނީ ވަރަށްވެސް ޚުލާސާ ގޮތެއްގައެވެ. މިކަންކަމަށް އެކަނި ބަލާއިރުވެސް، މިއީ އިންސާފުވެރި ޝަރުއީ ނިޒާމެއްގައިނަމަ، މަތީ މަރުޙަލާގެ ކޯޓުން ބާޠިލުކުރާނޭ ޙުކުމެއް ކަމަށް ފެނެއެވެ.

ނޯޓް:މި ލިޔުމަކީ މާޗް 14، 2015 ވަނަ ދުވަހު ޒުވާން ޤާނޫނީ ވަކީލް މަޙްފޫޒް ސައީދުގެ އަމިއްލަ ބްލޮގް www.mahfoozsaeed.com ގައި ލިޔުއްވާފައިވާ ލިޔުމެކެވެ.

"އައްޑޫ "ލައިވް އިން މި ލިޔުމަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވާނެ އެވެ.