Last Updated: April 26, 06:56
Friday, April 26, 2024
ވިޔަފާރި

ފިހާރަތަކާއި ކެފޭތައް ބަންދު ކުރުން އަވަސްކޮށްފި

މިއަދުން ފެށިގެން ފިހާރަތައް ރޭގަނޑު 10:00 ބަންދުކޮށް، ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ސައި ހޮޓާ އަދި ކެންޓީން ފަދަ ތަންތަން ބަންދުކުރާ ގަޑި އަކީ މެންދަމު 12:00 ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ހަމަޖައްސައިފި އެވެ.

މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި އެހެން ގޮތަކަށް އަންގަންދެން މި ބަދަލާ އެއްގޮތަށް އަމަލުކުރަމުން ގެންދަންޖެހޭނެ ކަމަށާއި އެ ބަދަލު ގެނެސްފައި ވަނީ އިމްޕޯޓް މުދަލުގެ ވިޔަފާރިއާ ބެހޭ ގަވާއިދާއި ސައި ހޮޓާ/ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދު އަދި ކެންޓީން ހިންގުމުގެ ގަވާއިދަށް ގެނައި އިސްލާހުތަކެއްގެ ދަށުންނެވެ.

"މަތީގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އަމަލުކުރާ ވިޔަފާރިތަކާ މެދު މި މިނިސްޓްރީން ފިޔަވަޅު އަޅާނެ ވާހަކަ އާއްމުކޮށް އަންގައި އިއުލާންކުރަމެވެ،" އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

މިހާރު ސައި ހޮޓާ/ރެސްޓޯރަންޓް ފަދަ ތަންތަން ދަންވަރު 1:00 ޖަހާއިރު ބަންދު ކުރާ އިރު ފިހާރަތައް ބަންދު ކުރަނީ 11:00 ޖަހާ އިރު އެވެ.

ފިހާރަތަކާއި ސައި ހޮޓާ/ރެސްޓޯރަންޓް ފަދަ ތަންތަން 24 ގަޑިއިރަށް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ދިން ނަމަވެސް ރައީސް މުހައްމަދު ވަހީދު ވެރިކަމަށް ވަޑައިގެން ވަނީ އެކަން ބާތިލްކޮށް، ކުރިއެކޭ އެއްގޮތަށް ރޭގަނޑު 11:00 ގައި ފިހާރަތައް ބަންދުކުރަމުން އައި އުސޫލަށް އަމަލުކުރަން ފަށައިފަ އެވެ.