Last Updated: April 26, 17:02
Friday, April 26, 2024
ޚަބަރު

ދުއާ ހުއްޓުވަން އުޅުނު ބައެއް ފުލުހުންނަށް ރޮވިއްޖެ!

އިސްލާމީ މަރުކަޒު ކުރިމަތީގައި ދުޢާ ކުރުމަށް މީހުން އެއްވެފައި. ފޮޓޯ/ އައްޑޫލައިވް

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހެޔޮ ދުއާ ކުރުމަށް އިސްލާމީ މަރުކަޒު ކުރިމަތީގައި ބަޔަކު ތިއްބާ އެމީހުން އެތަނުން ދުރުކުރަން ފޮނުވި ބައެއް ފުލުހުންނަށް ރޮވިއްޖެ އެވެ.

އިސްލާމީ މަރުކަޒު ކުރިމަތީގައި މިއަދު ހުކުރު ނަމާދަށް ފަހު ރައީސް ނަޝީދުއަށް ހެޔޮދުއާ ކުރުމަށް އެއްވެތިބި ގިނަ އަދަދެއްގެ ބަޔަކަށް ހުރަސް އަޅަން ފުލުހުން ފޮނުވި ނަމަވެސް އެމީހުން ވަނީ އިސްލާމީ މަރުކަޒްގެ އެތެރެއަށް ވަދެ ދުއާކުރުން ކުރިއަށް ގެންގޮސް ދުއާ ކޮށްފައެވެ.

އިސްލާމީ މަރުކަޒުގެ ކުރިމަތީ ގޯޅި ބަންދުކޮށްގެން ތިބި ފުލުހުންނާއި މެދު ނުރުހުންފާޅުކޮށް، ދީނީ ކަންކަމަށް ހުރަސްއެޅުމަކީ ޔަހޫދީންގެ އަމަލެއް ކަމަށް، ދުއާގައި ބައިވެރިވި ގިނަ އަދަދެއްގެ ބަޔަކު ގޮވަމުން ދިޔަ އިރު ގިނަ ފުލުހުން ތިބީ އިސްދަށަށް ޖަހާލައިގެންނެވެ.
51bd90ad222538b7512922f8303673ebbbe107c05fc6ef869e350c48a9851c46

ދުޢާގައި ބައިވެރިވި މީހުން ދުޢާ ނިންމުމަށް ފަހު ހަރު އަޑުން ތަކްބީރު ގޮވަން ފެށުމުން ބައެއް ފުލުހުންގެ ލޮލުން ކަރުނަ އައި މަންޒަރު ފެނުނު ކަމަށް ދުޢާގައި ބައިވެރިވި މީހަކު އައްޑޫ ލައިވަށް މައުލޫމާތު ދެމުން ބުންޏެވެ. އަދި ބައެއް މީހުން ގޮސް ފުލުހުންގެ ހުވާގައި ބުނާ އިސްލާމްދީން ހިމާޔަތް ކުރުމަކީ ތިއީތޯ ބުނެ ސުވާލު ކުރުމުން ބައެއް ފުލުހުން 'މާފުކުރާށޭ' ބުނި ކަމަށް ވެސް އޭނާ ބުންޏެވެ.

އިސްލާމީ މަރުކަޒު ސަރަހައްދުގައި އެވަގުތު ހަރަކާތްތެރި ފުލުހަކު 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނީ މިއަދު އެހެން ދިޔަ ނަމަވެސް އަބަދަކު ފުލުހުންގެ ވެރިންނަށް އެމީހުން ނުފޮނުވޭނެ ކަމަށާއި ގިނަ ފުލުހުން ތިބީ މިއަދު އެތަނަށް ފޮނުވުމާއި މެދު ހިތްހަމަނުޖެހިފައި ކަމަށެވެ.

މި ހުކުރަކީ ރައީސް ނަޝީދުއަށް ހެޔޮދުއާ ކުރުމަށް އިސްލާމީ މަރުކަޒު ކުރިމަތީގައި ދުއާކުރުން ކުރިއަށް ގެންދިޔަ 3 ވަނަ ހުކުރެވެ.

މީހެއްގެ މައްޗަށް ހެޔޮދުއާ ކުރާނަމަ އިސްލާމިކް މިނިސްޓްރީން ހުއްދަނަގައިގެން ދުއާ ކުރުމަށާއި، ދުއާގެ ގޮތުގައި ސިޔާސީ ބަޔާނެއް އިސްލާމީ މަރުކަޒު ނޫން އެހެންތަނެއްގައި ވެސް ނުދެވޭނެ ކަމަށް މިދިޔަ ހޯމަ ދުވަހު ހޯމްމިނިސްޓަރ އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ. އުމަރު ވިދާޅުވީ އިސްލާމީ މަރުކަޒުން ކޮންމެ ދުވަހަކު ހުކުރުން ފައިބައިގެން ސިޔާސީ ދުއާއެއް ކުރަން ގަސްތު ކުރާ ނަމަ ސިޔާސީ ދުޢާ ކުރާނީ ދިވެހިރާއްޖޭގެ އެއްވެ އުޅުމުގެ ޤާނޫނުގެ ދަށުން އިސްލާމީ މަރުކަޒުގެ ބޭރު ފާރުން ފެށިގެން 50 ފޫޓު ބޭރަށް ޖެހި ތިބެގެން ކަމަށާއި، އަދި އެއީ ޤާނޫނުގައި އެކަން އޮތް ގޮތް ކަމަށެވެ.

އުމަރު ނަސީރު މިގޮތަށް ވިދާޅުވެފައި ވާއިރު، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ބެހޭ ގާނޫނާއި އެއްވެ އުޅުމުގެ ޤާނޫނުގެ ދަށުން ސިޔާސީ ދުއާ އާއި ދީނީ ދުއާ ކަމަށް ބުނާ ދުޢާތަކެއް ގިންތި ކުރެވިފައި ނޯންނަ ކަން ފާހަގަ ކޮށްލެވެއެވެ. ނަމަވެސް އުމަރު ނަސީރު ވިދާޅުވަނީ އެއްބައިވަންތަކަމާ ބެހޭ ގާނޫނުގެ ދަށުން ދީނީ ދުޢާއެއް ކުރުމާއި ޖަމާއަތް ހަދައިގެން ވަކިން ދުއާކުރުން އެޤާނޫނަށް ފެތޭނެ ކަމަށެވެ.