Last Updated: April 24, 23:11
Thursday, April 25, 2024

ކްރިމިނަލް ކޯޓުގެ ގާޒީ ބާރީ ގެއްލުވާލި އަޑު އެހުން !

ކްރިމިނަލް ކޯޓްގެ ގާޒީ އަބްދުލް ބާރީ ޔޫސުފް. ފޮޓޯ/ ސަން

މިދިޔަ އަހަރު ކްރިމިނަލް ކޯޓުގައި ގާޒީ އަބްދުލް ބާރީ ޔޫސުފް ބެއްލެވި މައްސަލައެއްގެ އަޑުއެހުމެއް ގެއްލުވާލިކަން އެނގޭ ހެއްޔެވެ؟

ގެއްލުވާލާފައި ވަނީ އާދައިގެ މީހެެއްގެ މައްސަލައެއްގެ އަޑު އެހުމެއް ނޫނެވެ. އެއީ ލ. ގަމު މަންދަގޭ ހަސަން ޔޫސުފް މަސްތުވާތަކެތި ގެންގުޅުނު ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާގެ ޝަރީޢަތުގެ އަޑު އެހުމެކެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ގާޒީ އަބްދުލް ބާރީ ޔޫސުފް ޙުކުމް ކޮށްފައިވަނީ ހަސަން ޔޫސުފްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

ގާޒީ ބާރީ އަޑުއެހުން ގެއްލުވާލިކަން ހާމަވީ ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލް ކޮށް ހަސަން ޔޫސުފްގެ މައްޗަށް ކުށް ސާބިތުވާކަމަށް ހައިކޯޓުން ހުކުމް ކުރުމުންނެވެ.

ކްރިމިނަލް ކޯޓުން ހަސަން ޔޫސުފްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ހުކުމް ކުރި މައިގަނޑު ސަބަބެއް ކަމަށް ބުނެފައި ވަނީ އޭނާގެ އަތުން ފެނުނު މަސްތުވާތަކެއްޗާ ބެހޭ ހެކި ހުށަހަޅާފައި ނެތުން ކަމަށް ވިޔަސް ހައި ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި އެ ހެކި ވަނީ ހުށަަހަޅައިފަ އެވެ. ނަމަވެސް ހެކި ހުށަހެޅި ޝަރީއަތުގެ މަޖިލިސް ބޭއްވިކަން ކްރިމިނަލް ކޯޓުގެ ރެކޯޑުގައި ނުވެސް ނެތް ކަމަށް ވަނީ ހާމަވެފަ އެވެ.

ހައި ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި ހަސަން ޔޫސުފް އެއްލާލި ކަމަށް ބުނާ ސިގިރެޓް ފޮށީގެ ތެރެއަށް، ދައުވާގައި ބުނާ ވަރުގެ ޕެކެޓެއް ނުލެވޭނެ ކަމަށް އޭނާގެ ފަރާތުން ކްރިމިނަލް ކޯޓުގައި ބުނެފައިވެ އެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި ހަސަން ޔޫސުފް އެއްލާލި ކަމަށް ބުނާ ޕެކެޓް ޝަރީއަތަށް ގެނެސްދީފައެއް ނުވެ އެވެ.

ނަމަވެސް ދައުލަތުން ވަނީ އެއީ ހަގީގަތާ ޚިލާފް ވާހަކައެއް ކަމަށް ބުނެ އެކަން ހައި ކޯޓުގައި ފާހަގަކޮށް ދައުލަތުން ބުނެފައި ވަނީ ހަސަން އެއްލާލި ފޮށި ތެރެއިން ފެނުނު ޕެކެޓަކީ އެ ސައިޒުގެ ސިގިރެޓް ފޮއްޓަކަށް ލެވިދާނެ ވަރުގެ އެއްޗެއްކަން ދައްކައި ދިނުމަށް ފުލުހުންގެ އެކްސްޕާޓަކު ދަށު ކޯޓަށް ހާޒިރުކޮށް އެކަން ދައްކައި ދީފައިވާނެ ކަމަށާއި އަދި އެ އެކްސްޕާޓު ހާޒިރުކުރި ދުވަހު އެ ބުނާ ޕެކެޓް ވެސް ޝަރީއަތަށް ގެނައި ކަމަށެވެ.

ނަމަވެސް އެފަދަ އެކްސްޕާޓަކު ހާޒިރު ކުރިކަމުގެ ލިޔުމެއް ވެސް އަދި އެކްސްޕާޓު ހާޒިރުކުރި ކަމަށް ދައުލަތުން ބުނާ ތާރީހުގައި އަޑުއެހުމެއް ބޭއްވިކަން ވެސް ކްރިމިނަލް ކޯޓުގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން ނެތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

'އައްޑޫ ލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދައުލަތުން ބުނި ތާރީޚްގައި ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބޭއްވިތޯ ސާފުކުރަން ހައި ކޯޓުން ކްރިމިނަލް ކޯޓަށް ސިޓީ ފޮނުވުމުން ވެސް އެ ކޯޓުން އަންގާފައިވަނީ އެ ތާރީޚުގައި އަޑުއެހުމެއް ބޭއްވިކަން ރެކޯޑުގައި ނެތް ކަމަށެވެ.

ނަމަވެސް އެއީ ހަގީގަތެއް ނޫންކަން ހާމަވެގެން ދިޔައީ ދަށު ކޯޓަށް ހާޒިރުކުރި ކަމަށް ދައުލަތުން ބުނާ ފުލުހުންގެ އެކްސްޕާޓު ހައި ކޯޓަށް ހާޒިރު ކުރުމުންނެވެ.

އެ އެކްސްޕާޓު ހައި ކޯޓުގައި ބުނެފައިވާ ގޮތުގައި ދައުލަތުން އެ ބުނާ ތާރީޚުގައި އޭނާ އެ މައްސަލައިގެ ޝަރީއަތަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރި ކަމަށާއި އަދި ހަސަން އެއްލާލި ސިގިރެޓް ފޮށި ތެރެއިން ފެނުނު ޕެކެޓަކީ އެ ސައިޒުގެ ފޮއްޓަކަށް ލެވިދާނެ އެއްޗެއްތޯ އެ މައްސަލަ ބެއްލެވި ގާޒީ ވެސް އެދުވަހު އޭނާއާ ސުވާލު ކުރި އެވެ.

މީގެ އިތުރުން އެފަދަ އެކްސްޕާޓަކު ހާޒިރުކުރި ކަމަށް ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅި ޚުލާސާ ބަޔާނުގައި ވެސް ބުނެފައިވާތީ އެކަމުން ވެސް އެފަދަ އެކްސްޕާޓަކު ހާޒިރު ކުރިކަން އެނގޭ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

"އިސްވެ ބުނެވުނު އެކްސްޕާޓު ދީފައިވާ އެއްވެސް ބަޔާނެއް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމަނުއްވާފައި ނުވި ނަމަވެސް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ފޮރެންސިކް އެކްސްޕާޓެއް ހާޒިރު ކުރެވިގެން މި މައްސަލައާ ގުޅޭ ސިގިރެޓް ފޮއްޓާއި އެ ފޮށީގެ ތެރެއިން ވެއްޓުނު ރަބަރު ޕެކެޓް އެ ފޮށީގެ ތެރެއިން ވެއްޓޭނެ ގޮތް ދައްކައި، އެކަމާ ބެހޭގޮތުން ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދެކެވުނުކަން އެނގޭ" ކަމަށް ހައި ކޯޓުން ކުރި ހުކުމުގައިވެ އެވެ.

އެހެންވެ ހައި ކޯޓުގެ ހުކުމުގައިވަނީ ހަސަން ޔޫސުފް އެއްލާލި ފޮށިން ވެއްޓުނު ޕެކެޓް ޝަރީއަތަށް ގެނެސްފައި ނުވާ ކަމަށް ދަށު ކޯޓުން ބުނި ނަމަވެސް ދެ ފަރާތުގެ ވާހަކަތަކަށް ބަލާއިރު އެ ޕެކެޓް ދިރާސާ ކުރުމުގެ ފުރުސަތު ކްރިމިނަލް ކޯޓަށް ގެއްލިފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.

ހަސަން ޔޫސުފްގެ މައްސަލައިގެ ބައެއް ލިޔުންތައް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން މަދުކަން ހާމަވި ނަމަވެސް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުތަކަކީ ކޮންމެ މައްސަލައެއްގައި ވެސް އެ މައްސަލައެއްގެ ހުރިހާ ތަފްސީލުތަކާއި ލިޔުންތަކުގެ ކޮޕީ ހިމަނާފައި ހުންނަ ރިޕޯޓެކެވެ. އެ ރިޕޯޓް ދޫކުރަން ޖެހެނީ ވެސް އެ މައްސަލައެއް ބެއްލެވި ގާޒީއަކު ސޮއި ކުރެއްވުމަށްފަހު އެވެ. ހަސަން ޔޫސުފްގެ މައްސަލައިގެ ރިޕޯޓްގައި ސޮއިކޮށްފައި ވަނީ ގާޒީ އަބްދުލް ބާރީ ޔޫސުފެވެ. މިމައްސަލައިގައި ގާޒީ ބާރީ އާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ.

އަޚްލާޤީ މައްސަލައެއްގައި އަހަރަކަށް ވުރެ ގިނަ ދުވަހު ސަސްޕެންޝަނުގައި ވެސް މީގެ ކުރިން ހުންނެވި ގާޒީ ބާރީ ވަރަށް ފަހުން ފަނޑިޔާރުކަން ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައިގެ ރިޕޯޓްގައި ވެސް އެމަނިކުފާނު ކޯޓުގައި ދެއްކެވި ބައެއް ވާހަކަތައް ހިމަނާފައި ނުވާ ކަމަށް ބުނެ ނަޝީދުގެ ލޯޔަރުން ވަނީ މައްސަލަ ޖައްސާފައެވެ.

މީގެ އިތުރުން ކާނަލް ނާޒިމްގެ މައްޗަށް ގާޒީ ބާރީ އިސްވެ ހުންނަވައިގެން ކުރި ޙުކުމްގައި ވެސް ޤާނޫނީ ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ނާޒިމްގެ ވަކީލް މައުމޫން ޙަމީދް ވަނީ ފާހަގަ ކުރައްވާފަ އެވެ.

މިހުރިހާ މައްސަލަތަކެއް ފެންމަތި ވެފައި ވަނިކޮށް ވެސް ސަރުކާރުން ވަނީ ގާޒީ ބާރީގެ ނަޒާހަތްތެރިކަން އިތުރުކުރުމަށް އެބޭފުޅާއަށް ރެހެންދި ފްލެޓުން ސަރުކާރަށް ލިބުނު 10 ފްލެޓްގެ ތެރެއިން ފްލެޓެއް ދީފައެވެ.