Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

"އެސްއޯ ފުލުހުން ޖިނާއީ ކުށްތައް ހިންގާ"

ހިތަދޫ ކޯޓު ސަރަހައްދުގައި އެސްއޯ ފުލުހުން ހަރަކާތްތެރިވަނީ.ފޮޓޯ: އައްޑޫލައިވް

ސަރުކާރުގެ އިސްވަޒީރަކު އެސްއޯ ފުލުހުން ބޭނުންކޮށްގެން ކުށްތައް ހިންގާ ކަމަށް ބުނެ ފުލުހުންގެ އިސްވެރިން ރައީސް ޔާމީން އަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ ވަކީލުންގެ ފަރާތުން ކޯޓަށް ހުށަހެޅި ޚުލާސާ ބަޔާނުން ހާމަވެއްޖެއެވެ.

ނާޒިމްގެ ވަކީލުންގެ ފަރާތުން ވަނީ ޚުލާސާ ބަޔާނުގައި ހިމެނޭ ނުގުތާތައް ޓްވިޓާގައި އާންމުކޮށްފައެވެ. އެގޮތުން ބައެއް ނުގުތާތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި ކެބިނެޓްގައި ހިމެނޭ ބޭފުޅަކު އެސްއޯ ފުލުހުން ލައްވައި ތަފާތު ކުށްތައް ކުރުވާ ކަމަށް ފުލުހުންގެ އިސްވެރިން ރައީސް ޔާމީނަށް ޝަކުވާ ހުށަހަޅާފައިވެއެވެ. އަދި ރައީސް ޔާމީންގެ އެންގެވުމަށް ފުލުހުން މިކަން ތަހުޤީޤްކޮށްފައިވާ ކަމަށާއި އެސްއޯ ފުލުހުންގެ އިސް ބޭފުޅުންނަށް ރިޝްވަތުދީފައިވާ ކަން މި ތަޙުޤީޤުން ހާމަވެފައިވާ ކަމަށެވެ.

11014631_10205914137361804_4315590244025881486_n (1)

ޚުލާސާ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ދިފާއީ ހެކިން ބޭނުންކޮށްގެން އެސްއޯ ފުލުހުން ބައެއް މީހުން ފްރޭމްކުރުމަށް މަސައްކަތް ކޮށްފައިވާ ކަމާއި އަދި އެގޮތަށް ނާޒިމް ވެސް ފްރޭމްކޮށްފައިވާ ކަން ސާބިތުކޮށްދެވި ދާނެ ކަމަށެވެ.

އަދި އެސްއޯ ފުލުހުން ކުރާ ކުށްތަކާއި ބެހޭގޮތުން ރައީސް ޔާމީނަށް މައްސަލަ ހުށަހެޅުއްވި ކަމަށާއި ނާޒިމް ފްރޭމް ކޮށްފައިވަނީ އެހެންވެގެން ކަމަށް ވެސް ޚުލާސާ ބަޔާނުގައި ނާޒިމްގެ ވަކީލުން ފާހަގަކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ނާޒިމްގެ ޝަރާޢަތުގައި ދިފާއީ ހެކިންގެ ގޮތުގައި 51 ބޭފުޅެއްގެ ނަން ހުށަހެޅި ނަމަވެސް ކޯޓުން ނަގާފައިވަނީ އެންމެ 3 މީހުންގެ ހެކި ބަސް ކަން 'އައްޑޫ ލައިވް' އަށް ވަނީ ކަށަވަރު ކުރެވިފައެވެ.

ކާނަލް ނާޒިމްގެ ޤާނޫނީ ވަކީލުންގެ ފަރާތުން މިގޮތަށް ކޯޓުގައި ވާހަކަ ދައްކާފައިވާއިރު އެއީ ކެބިނެޓްގައި ހިމެނޭ ކޮން މިނިސްޓަރެއް ކަމެއް ބުނެފައެއް ނުވެއެވެ. އަދި ފުލުހުންގެ ފަރާތުން ވެސް އަދި ސަރުކާރުގެ ފަރާތުން ވެސް މިކަމާއި ގުޅިގެން އެއްވެސް ކޮމެންޓެއް ކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.