Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

އުމަރުގެ "ފިޔަ ކޮށާލައި" ފުލުހުންގެ ބާރު އަދީބަށް!

ފޭދޫގައި އޮތް ބައްދަލުވުމުއްގައި ޓޫރިޒަމް މިނިސްޓަރު އަދީބު ވާހަކަ ދައްކަވަނީ . ފޮޓޯ/ ރައީސް އޮފީސް

ފުލުހުންގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ފުލުހުންގެ ކޮންމެ ވެރިޔަކަށް ލިބިދޭ ޤާނޫނީ ބާރާއި އިޚްތިޔާރުގެ ބޭނުން އެ އިރެއްގައި ހުންނަވާ މިނިސްޓަރަކަށް ހިފެއެވެ. މީގެ އިތުރުން މިނިސްޓަރު ބޭނުންވެއްޖެ ހިނދެއްގައި ވަކިވަކި ފުލުހުންނަށާއި، ފުލުހުންގެ ބަޔަކަށް، ނުވަތަ އެންމެހާ ފުލުހުންގެ މައްޗަށް އަމުރު ނެރުމުގެ ބާރުވެސް ޤާނޫނުން ލިބިދީފައިވެ އެވެ.

އަދި ފުލުހުންގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ކަންތައްތަކަށް ފުރިހަމައަށް ޢަމަލު ކުރުމަށާއި، ޤާނޫނުގެ މަޤްޞަދު ހާޞިލު ކުރުމަށްޓަކައި ޤަވާއިދާއި، އަމުރުތައް ވެސް މިނިސްޓަރަށް ނެރެވެ އެވެ. ނަ

މަވެސް މި ބާރުތައް މިނިސްޓަރަށް ލިބިދީފައި ވަނީ ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ ހުދޫދެއްގެ ތެރޭގަ އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރަކީ ފުލުހުންގެ ތެރޭގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ބޭފުޅަކަށް ވެފައި، އަދި ރާއްޖޭގައި ގިނަވެފައިވާ ތަފާތު ޖިނާއީ ކުށްތައް މަދުކޮށް ހުއްޓުވުމަށް އެންމެ ހަރު އަޑުން ވާހަކަ ދެއްކި އެއް ބޭފުޅަކީ ވެސް އެ މަނިކްފާނު ކަމުން، ފުލުހުންގެ ދައުރު އަދާކުރުމުގެ ސިޔާސަތު ކަނޑައެޅުމާއި، ފުލުހުންގެ ޚިދުމަތުގެ ފެންވަރު ދެމެހެއްޓުމުގެ އެންމެ އިސްވެރިޔަކަށް އެމަނިކްފާނު ހަމަޖެހުމާއި ގުޅިގެން ގިނަބަޔަކަށް އުންމީދު ތަކެއް އާވެގެން ދިޔައެވެ.

އެއީ ވަކި މީހަކަށް ބެލުމެއްނެތި، ޤާނޫނުން މަނާ ކޮށްފައިވާ އެންމެހައި ކުށްތައް ހުއްޓުވުމަށް މިނިސްޓަރު އިސްވެ ހުންނަވައިގެން މަސައްކަތް ތަކެއް ކުރައްވާނެ ކަމުގެ އިތުބާރު ގިނަބަޔަކަށް އޮތީމައެވެ. ކަންކުރީވެސް އެހެން ކަމުގައި ދެންނެވިދާނެއެވެ.

2014 ވަނަ އަހަރުގެ ޖުލައި މަހު ތެރޭ އިވިގެން ދިޔައީ ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނާއިބު ލީޑަރު އަހްމަދު އަދީބުގެ މައްސަލައެއް ބެލުމަށް ފުލުހުންގެ މައްޗަށް ހޯމް މިނިސްޓަރު އަމުރުކުރެއްވުމާ ގުޅިގެން، އެމަނިކްފާނުގެ ބާރުތައް ރައީސް އަބުދުﷲ ޔާމީން ހަނިކުރެއްވި ޚަބަރެވެ.

އެހެން ކަމުން ކުށެއްގެ ތުހުމަތު ކުރެވެނީ ކޮންމެ މަޤާމެއްގައި ހުރި ކޮންމެ މީހެއް ކަމުގައި ވިޔަސް، މިނިސްޓަރަށް ލިބިދީފައިވާ ބާރުގެ ބޭނުން ކުރައްވައިގެން ޤާނޫނު ތަންފީޒް ކުރަން އެބަޔަކާ ދެކޮޅަށް މަސައްކަތް ކުރެއްވިކަން އެނގިގެން ދިޔައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ އޮފިސަރުން ތަކަކަށް އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާޢީ ކުށެއްގެ ތަހުގީގު ހިންގުމަށް އުމަރު އަމުރު ކުރެއްވިތާ ދިހަ ވަރަކަށް ދުވަސްތެރޭގައި ރައީސް ޔާމީން ވަނީ ވަކި ވަކި ފުލުހުންނަށް އަމުރު ކުރުމަށް މިނިސްޓަރަށް ލިބިދޭ ބާރުތައް ހަނި ކުރައްވައި އެކަން އަންގަވާފައެވެ. މިނިސްޓަރަށް ލިބިދޭ މި ބާރުތައް ހަނިކުރެއްވުމަށް ފަހު، ރައީސް ޔާމީން ނިންމަވާފައިވަނީ އެ މަނިކުފާނުގެ މަޝްވަރާ ލިބިވަޑައިނުގެން ފުލުހުންގެ މައްޗަށް ސީދާ މިނިސްޓަރު އަމުރު ނުކުރެއްވުމަށް ކަމަށް އެނގިފައިވެއެވެ.

އެހިސާބުން ފެށިގެން މިނިސްޓަރަށް ރާއްޖޭގައި ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމަށް ފުލުހުން ބޭނުން ކުރައްވައިގެން މާގިނަ މަސައްކަތް ތަކެއް ކުރެވިދާނެ ކަމަށް ނުބެލެވެއެވެ.

ދެން އިވިގެން ދިޔަ ޚަބަރަކީ ފުލުހުންގެ މައްޗަށް ޓޫރިޒަމް މިނިސްޓަރު އަދީބުގެ ބާރު ގަދަވެގެން ދިޔަ ވާހަކައެވެ. މިގޮތަށް ވާހަކަ ދެކެވެން ފެށީ އަދީބުގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ނުދިއުމާއި، މާލޭގައި އިންދާފައި ހުރި ފެންފޯއް ރުއްތައް ބަޔަކު ކަނޑާލި ހިސާބުންނެވެ.

އެކި ގޮތްގޮތުން ފެންފޯއް ރުއްތައް ކަނޑާލީ ފުލުހުން ކަން ވަނީ ޔަގީން ކުރެވިފައެވެ. އަދި އެކަން އެގޮތަށް ކުރުމަށް އިރުޝާދު ދިނީ މިނިސްޓަރު އަދީބު ކަމަށްވެސް އަޑު ފެތުރިގެން ދިޔައެވެ. މީގެ އިތުރުން ފުލުހުންގެ ބަޔަކު ބޭނުން ކުރައްވައިގެން ތަފާތު ގިނަ ކަންކަން ސިޔާސީ ބޭނުމަށް ޓޫރިޒަމް މިނިސްޓަރު އަދީބު ކުރައްވާކަމަށް ތުހުމަތު ކުރެވިފައިވެއެވެ. މިގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ގެ ފަރާތުންވެސް ތުހުމަތު ކުރައްވާފައި ވަނީ ފުލުހުންގެ ބަޔަކު ބޭނުން ކުރައްވައިގެން އެމަނިކްފާނު "ފްރޭމް" ކުރީ އަދީބު ކަމަށެވެ.

އަދި ސަރުކާރުގެ އިސްވަޒީރަކު އެސްއޯ ފުލުހުން ބޭނުންކޮށްގެން ބައެއް ޖިނާޢީ ކުށްތައް ހިންގަމުން ދާ ކަމަށް ބުނެ ފުލުހުންގެ އިސްވެރިން ތަކެއް ރައީސް ޔާމީނަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް، ނާޒިމްގެ ފަރާތުން ކޯޓަށް ހުށަހެޅި ޚުލާސާ ބަޔާނުގައި ފާހަނގަ ކުރައްވާފައި ވެއެވެ. އެނގިފައިވާ ގޮތުގައި ފުލުހުންގެ އިސް އޮފިސަރުން އެ ބުނާ މިނިސްޓަރަކީ ވެސް ޓޫރިޒަމް މިނިސްޓަރު އަދީބު އެވެ.

މިކަންތަކު އިތުރުން ފުލުހުންގެ މަސައްކަތުގައި ބައެއް ކަންކަން ކުރަންވާ ގޮތާއި، ވަކި ވަކި ކަންތަކުގައި ހަދަންޖެހޭ ގޮތް ފުލުހުންނަށް މިނިސްޓަރު އަދީބު ބުނެދޭކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިގޮތުން ބައެއް ފުލުހުން މަސައްކަތްކުރާ ޑިޕާރޓްމަންޓް ބަދަލު ކުރުމަށް އެންގުމާއި، އެކި ކަންކަމުގައި ހައްޔަރު ކުރެވޭ މީހުން ދޫކުރުމަށް އަމުރު ކުރައްވާ ކަމަށް އިތުބާރު ހުރި ގޮތަކަށް "އައްޑޫ ލައިވް" އަށް ވަނީ އެނގިފައެވެ.

އަދި އިދިކޮޅު ފަރާތްތަކުން މާލެތެރޭގައި ކުރަމުންދާ މުޒާހަރާ ތެރެއަށް ވަދެ ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާ މީހުން ހައްޔަރު ނުކުރެވޭ ކަމަށާއި، އަދި ހައްޔަރު ކުރިނަމަވެސް ދޫކޮށްލަން ޖެހޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެނގިފައިވާ ގޮތުގައި މިހުރިހާ ކަންކަމުގައި ފުލުހުންނަށް އަންގަންޖެހޭ އެންގުންތައް އަންގަނީ ޓޫރިޒަމް މިނިސްޓަރު އަދީބެވެ.

ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުން ފުލުހުންގެ ދައުރު އަދާކުރުމުގެ ސިޔާސަތު ކަނޑައެޅުމާއި، ފުލުހުންގެ ޚިދުމަތުގެ ފެންވަރު ދެމެހެއްޓުމުގައި މިހާރު ޒިންމާ ވާންޖެހޭ އެންމެ އިސްވެރިޔަކަށް ހުންނެވީ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަމުގައި ވިޔަސް، އެމަނިކްފާނު މިހާރު މިވަނީ "ފިޔަ ކޮށާލާފައި" ކަމަށާއި، ފުލުހުންގެ މަސައްކަތުގައި ޓޫރިޒަމް މިނިސްޓަރު އަދީބުގެ ބާރާއި ނުފޫޒު ވަރަށް ގަދަކަމަށް ފުލުހުންވެސް ބުނާ ކަމުގައި ވެއެވެ.

މިހާރު ކަންތައް މިހިނގާ ގޮތަކީ އެމް.ޑީ.ޕީ ގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް މޫސާ މަނިކް ( ރީކޯ މޫސަ) ކަންތައް ކުރަމުން ދިޔަގޮތް ކަމަށް "އައްޑޫ ލައިވް" އަށް މައުލޫމާތު ދެމުން ހޯމް މިނިސްޓްރީގެ އިސް ބޭފުޅަކު ބުނެފައި ވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ އޭރުވެސް ކަންތައް ހިނގާދިޔަ ގޮތަކީ ރީކޯ މޫސަ ބޭނުން ނުވާ މީހަކު ފުލުހުން ކިތަންމެ ބޭނުންވިޔަސް ހައްޔަރަށް ވެއްދެން ނެތުމާއި، ބޭނުންވާ ވަކި ބަޔަކަށް ޕްރޮމޯޝަން ދިނުން ކަމަށެވެ. އަދި ބައެއް ގޭންގް ތަކަށް އެމް.ޑީ.ޕީ ވެރިކަމުގައި ހިމާޔަތް ދެވިފައި އޮތް ކަމަށާއި، އެ ގޮތުން "ކުޑަ ހެންވޭރު" ކުއްޖަކު ޤާނޫނާއި ހިލާފު ޢަމަލެއް ކުރިޔަސް ހުއްޓުވޭނެ ގޮތެއް ނޯންނަ ކަމަށެވެ. އެހެން ކަމުން މިހާރު މިދާ މިސްރާބަކީ ހަމަ އެއް މަންޒިލެއް ކަމަށް ދެކިލައްވާ ކަމަށާއި، ހަމައެކަނި ތަފާތަކަށް ފެންނަނީ ހިމާޔަތް ދެވިފައިވާ "ގޭންގް" ތައް އިތުރުވެފައި ވުންކަމަށް އޭނާ ވިދާޅުވިއެވެ.