Last Updated: April 26, 06:01
Friday, April 26, 2024
ރިޕޯޓް

މަސް ފެކްޓްރީ: އަޅާނެތަ، ނާޅާނެތަ؟

ހުސެއިން ސޯލިހް މެދުގައި،

އައްޑޫގައި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް (ކޭއެފްއެމް)އިން އަޅަން ނިންމާފައިވާ މަސް ފެކްޓަރީ އަޅާ ބިން މަރަދު އަށް ބަދަލު ކުރަން އުޅެނީ އެކަން ނުކޮށް ބަހަނާ ދައްކަން ކަމަށް އައްޑޫގެ އޮޑިވެރިއެއްކަމަށްވާ ހުސެއިން ސާލިހް ބުނެފި އެވެ.

އައްޑޫގެ ތަރައްޤީގެ ކަންކަމުގައި އާއްމުކޮށް ބަސްބުނާ ހުސެއިން ސާލިހް ބުނީ ރައީސް ޔާމީންގެ ސަރުކާރުން ހިތަދޫ ސަރަހައްދީ ބަނދަރު ސަރަހައްދުގައި އަޅަން ނިންމާފައިވާ މަސް ފެކްޓަރީ ބިން ނެތް ތަނަކަށް ބަދަލު ކުރަން އުޅެނީ އެކަން ނުކުރުމަށް ކަމަށެވެ.

"ފެކްޓަރީ އެލޭވަރުގެ ބިން ހަމަޖެހި، ސަރަހައްދީ ބަނދަރާއި ޖެހިގެން އޮތް ތަނެއްގައި ތިބެފައި ބިން ނެތްތަނަކަށް މިތަން ބަދަލު ކުރަނީ މިކަން ނުކުރުމަށް. އެނޫން ކަމެއްގައެއް ނޫން"

ހުސެއިން ސާލިހް ބުނީ މަސްވެރިންނަށް ރަނގަޅު ގޮތެއް ހޯދައިދޭން ސަރުކާރުން މަސައްކަތް ނުކޮށް އެހެން މީހުން ބޮލަށް ކަންކަން ކަޑަން އުޅުމަކީ އެންމެ ޒިންމާދާރު ގޮތް ކަމަށް ނޫން ކަމަށެވެ.

"ރައީސް އޮފީހުގެ ތެރެއިން ކޮންމެ ވެސް ބަޔަކު އަޑީގައި ތިބެގެން މިކަން ނުކުރުމަށް ހިންގާ ބޮޑު ޖަރީމާއެއް މީ"

ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވަނީ އައްޑޫ ސިޓީ ކައުންސިލުން ބިން ހަމަނުޖެހިގެން މަސް ފެކްޓަރީ ނޭޅިގެން އުޅޭ ކަމަށް ބުނެ މީޑިއާއަށް މައުލޫމާތު ދެއްވާފައެވެ. އަދި އައްޑޫ ސިޓީ ކައުންސިލުން އައްޑޫގެ ތަރައްޤީއަށް ހުރަސް އަޅާ ކަމަށް ބުނެ ވާހަކަ ދައްކަވާފައެވެ.

އައްޑޫގައި ކޫއްޑޫ ފިޝަރީޒްއިން މަސް ފެކްޓަރީއެއް އެޅުމުގެ ވާހަކަ ދައްކަވާފައިވަނީ ރައީސް ވަހީދުގެ ސަރުކާރުންނެވެ. ކޫއްޑޫ ފިޝަރީޒްގެ އޭރުގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު މުއްޠަލިބް ވިދާޅުވީ އައްޑޫގައި ގާއިމް ކުރާ މަސް ފެކްޓަރީގައި 1،500 ޓަނުގެ ސްޓޯރޭޖަކާއި ދުވާލަކު 50 ޓަނު އުފެއްދޭ އައިސް ޕްލާންޓަކާއި ތެޔޮ ރައްކާ ކުރެވޭނެ ސްޓޯރޭޖަކާއި އަދި ކޫއްޑޫގެ އިދާރީ ބައެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

އަދި އެތަން ހެދުމަށް 10 މަސް ދުވަސް ނަގާނެކަމަށާއި އައްޑޫން 300 އެއްހާ މީހުންގެ ވަޒީފާ ހަމަޖެހިގެންދާނެކަމަށެވެ.

ނަމަވެސް ފާއިތު ދުވަސްތަކުގައި މަސް ފެކްޓަރީ އެޅުމުގެ މަސައްކަތް ފަށާފައި ނުވެއެވެ.

ހުސެއިން ސާލިހް ބުނީ ސަރުކާރުން އައްޑޫގެ ތަރައްޤީއަށް ކަން ކަން ނުކޮށް ހުސް ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ.