Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

އައްޑޫ "ގަން" ހިންގުން (57)

(އެޕްރީލް 12، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

 

ސެޕްޓެމްބަރު 19، 2003 ގައި ވެސް މާފުށީ ޖަލުގައި މިފަދަ އިންސާނިއްޔަތާ ހިލާފު އަމަލުތަކެއް ހިންގާފައިވެ އެވެ. ޑިޕާޓްމަންޓް އޮފް ކަރެކްޝަން (ޑީޕީއާރްއެސް) ހިންގި މާފުށީ ޖަލު ބެލެހެއްޓުމާ ހަވާލުވެގެން ތިބޭ ނެޝަނަލް ސެކިއުރިޓީ ސާވިސްކެ ބޭކަލުން އަނިޔާވެރި ގޮތަކަަށް އީވާން ނަސީމް ކިޔާ މީހަކު ތަޅައި މަރާލައިފި ވާހަކަ އެވެ.

މި މަރުގެ މައްސަލަ އާ ގުޅިގެން މާފުށީ ޖަލުގައި ހިތްހަމަނުޖެހުން ފާޅު ކުރުމަށް ގައިދީން ހިންގި ހަމަނުޖެހުންތައް މައިތިރި ކުރަން ސިފައިން ބަޑި ޖަހައި، މީހުން މެރި މައްސަލަ އެވެ.

މި މައްސަލައަކީ ކެނޑިނޭޅި ޑިމޮކްރަސީ އަށް ގޮވަމުން ދިޔަ މީހުންގެ ގޮވެލި އަޑު އެއްސެވުމަށް މައުމޫނުގެ ސަރުކާރަށް މަޖުބޫރުވެގެން ދިޔަ ހިސާބެވެ.

ނަޒަރުގައި އެއީ ބަދަލުތަކަށް މަގުފަހިވެގެން ދިޔަ އަސްލު ޓާނިންޕޮއިންޓެވެ.

ވީމާ މިއީ އަސްލު މައުޟޫ އާ ގުޅުން ކުޑަ ވާހަކައަކަށް ވިޔަސް މި ފޮތުގައި، ރާއްޖޭގައި ވެސް ސިޔާސީ އޮއިވަރު ބަދަލުވަމުން ދިޔަ ގޮތާއި އޭގެ ސަބަބުން ޑިމޮކްރަސީ އަށް މަގުފަހިވެގެން ދިޔަ ގޮތުގެ ވާހަކަ، ކިތަންމެ ކުޑަ ގޮތަކަށް ނަމަވެސް ލިޔެވިފައި އޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ދެކެމެވެ.

ކޮންމެއަކަސް އީވާން ނަސީމް މަރާލުމާ ގުޅިގެން މާފުށީ ޖަލުގައި ހިތްހަމަނުޖެހުން ފާޅު ކުރުމަށް ގައިދީން ފެށި މުޒާހަރާ ހައްދު ފަހަނައަޅާ ދިޔަ ކަމަށްވެ އެވެ. ޖަލުގެ ގޮޅިތައް ހަލާކުކޮށްލައިގެން ބޭރަށް ނިކުތެވެ.

މިކަން މައިތިރި ކުރަން ޖަލު ބަލަހައްޓަން ތިބި އެންއެސްއެސްގެ ބޭކަލުން ހަތިޔާރުގެ ބޭނުންކޮށް، ބަޑި ޖަހައި ތިން މީހަކު މަރާލި އެވެ. އަދި އެތައް ބައެއްގެ ގަޔަށް ބަޑި ޖަަހައި ޒަހަމްކޮށްލުމުން މާފުށީ ޖަލުގައި އިންސާނުންގެ ލޭގެ ކޯރެއް ދެމިގެން ދިޔަ އެވެ.

މި ހާދިސާވެގެން ދިޔައީ ޖަލުގެ އަނިޔާވެރި ފަސްމަގުގައި ދުވަހަކު ވެސް މިހާ ފާޅުކަން ބޮޑު ގޮތެއްގައި ހިންގާފައި ނުވާ ވަރުގެ ބޮޑު ޖަރީމާއަކަށެވެ.

ދެން ފެނިގެން ދިޔައީ މިކަމާ ހިތްހަމަނުޖެހުން ފާޅު ކުރަން މާލޭގެ މަގުތަކަށް ނިކުތް މީހުންގެ އުދާސްތައް ހައްދުން ނެެއްޓިގެން ދިޔަ ތަނެވެ. އާންމު ރައްޔިތުން ކެތްތެރިކަން ކޮޅުން ލައިގެން ދިޔައީ އެވެ. މީހުން މަގުތަކަށް ނިކުމެ، ދުއްވާ އެއްޗިއްސަށާއި އިމާރާތްތަކަށް ގެއްލުންދީ ތަންތާގައި ރޯކޮށް ހެދި އެވެ.

އެތަންތަނުގެ ތެރޭގައި ސިފައިންގެ ބައެއް މަރުކަޒުތަކާއި ހައި ކޯޓާއި އިލެކްޝަން ކޮމިޝަން އޮފީހާއި ރައްޔިތުންގެ މަޖިލިސް އިދާރާ ވެސް ހިމެނެ އެވެ.

މީހުންގެ ޖާނާއި މާލަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް މިފަދަ ނޭއްގާނީ އަމަލުތަކެއް ރޯމާ ދުވާލު ގަދަ އަލީގައި އެންމެންގެ ކުރިމަތިން ހިނގަން ފެށުމުން މުޅި މާލެ އިތުރު ބިރުވެރިކަމެއްގެ ތެރެއަށް ގެނބިގެން ދިޔަ އެވެ.

އެ ރޭ ޓީވީ މޯލްޑިވްސް އިން ރައީސް މައުމޫން ގައުމާ މުހާތަބް ކުރެއްވި އެވެ. މާފުށީ ޖަލުގައި ތަޅައި މަރާލި ހާދިސާ ތަހުގީގު ކުރެއްވުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައިގެން މައްސަލަ ތަހުގީގު ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނިކޮށް، އަދި އެއަށް ވުރެ ވެސް ހިތާމަވެރި ހާދިސާއެއް އަނެއްކާ ވެސް މާފުށީ ޖަލުގައި ހިނގައިފި ވާހަކަ އެވެ.

"އެކިއެކިި ގޮޅިތަކުގައި ބަންދުކޮށްފައި ތިބި ކުށްވެރިން ގޮޅިތައް ތަޅައި ނިކުމެ، އެތާގައި ތިބި ގާޑުންނަށް ހަމަލާދީ، އަދި އެންމެ ފަހުން ބަޑި ގުދަނާއި ދިމާ އަށް އައިސް ބަޑި ގުދަނަށް ހަމަލާދީ އެކަންތައް ހިންގީ. އެހެންކަމުން ސަރުކާރަށް ޖެހުނީ އެ ވަގުތު އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް މަޖުބޫރުން އަޅަން. އާދެ، އެތާގައި ތިބި ސިފައިންގެ މީހުން ފުރަތަމަ އެ މީހުންނަށް ނަސޭހަތްދީ، އިންޒާރުކޮށް އެ މީހުން ފަހަތަށް ނުދިއުމުން ވަޔަށް ބަޑި ޖަހައި، ވަޔަށް، ޖައްވުގެ ތެރެއަށް، ފަޒާގެ ތެރެއަށް ބަޑި ޖަހައި އެ ވަރުން ވެސް ކޮންޓްރޯލް ނުވެގެން އެންމެ ފަހުން ޖެހުނީ ބައެއް މީހުންގެ ގަޔަށް އުންޑަ އަރާ ގޮތަށް ހަތިޔާރުގެ ބޭނުން ކުރަން،" ރައީސް މައުމޫން ވިދާޅުވި އެވެ. (ނުނިމޭ)

ނޯޓް: މިއީ ފޭދޫ އަލީ ފަހުމީ އަހުމަދު ސެޕްޓެމްބަރު 25، 2013 ގައި ނެރުއްވި "އައްޑޫ ގަން ހިންގުން" މި ފޮތެވެ.

"އައްޑޫ ލައިވް" ގައި މި ފޮތް ސިލްސިލާއެއްގެ ގޮތުގައި ޝާއިއު ކުރަން ހަދިޔާ ކުރެއްވި ކަމަށްޓަކައި، މި ނޫހުގެ ފަރާތުން ފަހުމީ އަށް ހާއްސަ ޝުކުރެއް އަރިސް ކުރަމެވެ.